Advertisement

ކާށިދޫ ދާއިރާގެ ޓިކެޓު ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ ނަސީރަށް

11 ފެބުރުވަރީ 2024 - 22:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކާށިދޫ ދާއިރާގެ ޓިކެޓު ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ ނަސީރަށް

11 ފެބުރުވަރީ 2024 - 22:21 0

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން، އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޓިކެޓު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި އަންޑަ ސެކްރެޓަރީއެއް ގޮތުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.

ނަސީރު ހުންނެވީ އެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓް ހިންގަވާ، އަންޑަ ސެކްރެޓަރީގެ ގޮތުގަ އެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. ނަމަވެސް ޖާބިރުގެ އަހުލާގީ މައްސަލައެއް ބަލައި، އޭނާއަށް ލިބިފައިވާ ޓިކެޓު އަތުލުމަށާއި ޕާޓީން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ.

ޖާބިރުގެ ފަރާތުން އެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަނީ ކާށިދޫ ދާއިރާގެ ޓިކެޓު މިހާރު ނަސީރަށް އަރުވާފައިވާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އިބުރޭ "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްތިއުނާފުގެ މައްސަލަ އޮތް ނަމަވެސް އެ މަޖިލީހަކުން ޓިކެޓު އެރުމަށް މަޑުޖައްސައިލަން އަންގާފައިނުވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ކުޑަތަންވާތީ، ވީހާވެސް އަވަހަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީން ނިންމީ ކަމަށެވެ.

"އިސްތިއުނާފު މަޖިލީހަކުން ނެތް، ޕާޓީން އެޅި ފިޔަވަޅު ގޯސް ކަމަށް އަދި ނިންމާފައެއް، އަދި އެ މަޖިލީހަކުން ޕާޓީގެ އިދާރާއަށް ޓިކެޓު އެރުވުމުގެ ކަންކަން މަޑުޖައްސާލަން ވެސް ނެތް އަންގާފައެއް،" އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމި، ގދ. ގައްދުއަށް އުފަން ނަސީރު އެ ދާއިރާގެ ޕްރައިމަރީގައި ވެސް ވާދައެއް ނުކުރެ އެވެ. ޖާބިރު ޕްރައިމަރީގައި ވާދަކުރެއްވީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތުއާ އެވެ.

ކާށިދޫ ދާއިރާގެ ޓިކެޓު ދޭނެ މީހަކު އެމްޑީޕީން ނިންމި އިރު، މާދަމާ ހެނދުނު އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް ދާން ވަނީ ނިންމައިފަ އެވެ. މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން އެކުގައި ފޯމު ހުށަހަޅަން ދިޔުމަކީ އެ ޕާޓީގެ ސަގާފަތެކެވެ.