Advertisement

މިއަދު 10،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ، ބޮޑު ރެކޯޑެއް!

11 ފެބުރުވަރީ 2024 - 11:37 0

އަމަން ހަލީމް

އަމަން ހަލީމް

އެއާޕޯޓުގައި ތިބި ޓޫރިސްޓުންތަކެއް ފޮޓޮއެއް ނަގަން ހުއްޓިލައިގެން: މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިއަދު 10،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ، ބޮޑު ރެކޯޑެއް!

11 ފެބުރުވަރީ 2024 - 11:37 0

އެއް ދުވަހާ ރާއްޖެއަށް އައި އެންމެ ގިނަ ޓޫރިސްޓުންގެ ޑެއިލީ އެރައިވަލްސް ރެކޯޑު މުގުރާލެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 10،213 ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. މި ރެކޯޑު ހެދީ ހުސްވި ހަފުތާގެ ތެރޭގައި 8900 އަށް ވުރެ ގިނަ ޓޫރިސްޓުންނާ އެކީ ރެކޯޑު އާކުރިތާ ހަފުތާއެއް ފަހުންނެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވީ ކޮވިޑުގެ ކުރިން އެއް ނަމްބަރު މާކެޓު ކަމުގައިވާ ޗައިނާ އާއި ޒަމާނުއްސުރެން ރާއްޖޭގެ ޓޫރިޒަމުގައި މުހިންމު ދައުރެއް އަދާކުރާ ހުޅަނގު ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. ދެވަނައިގައި އޮތީ އިޓަލީ އެވެ. އަދި ތިންވަނައިގައި އޮތީ ރަޝިއާ އެވެ.

ގަދި ދިހައެއްގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރެއިން ޔޫކޭ އާއި ޖަރުމަނާއި ސްވިޒަލޭންޑުގެ އިތުރުން ޕޯލަންޑުން އައިސްފައިވާ ޓޫރިސްޓުންގެ އަދަދު ކުރީ އަހަރުގެ މި މުއްދަތަށް ވުރެ ގިނަ އެވެ. އެކަމަކު ރަޝިއާ އާއި އިންޑިއާ އާއި އެމެރިކާއިން އައި ޓޫރިސްޓުންގެ އަދަދު އެ މުއްދަތަށް ވުރެ މަދެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ އަދާހަމަ ޑެއިލީ އެރައިވަލް ރިޕޯޓަކީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ނެރެފައި އޮތް ރިޕޯޓެކެވެ. އެހާތަނަށް ރާއްޖެއަށް 236،730 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިހާރު ޓޫރިސްޓުން އަންނަމުންދާ ރޭޓުން ހިސާބުކުރާއިރު، އިއްޔެއާ ހަމައަށް 250،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ބެލެވެ އެވެ.