Advertisement

ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން - ދެވަނަ ބައި

13 ފެބުރުވަރީ 2024 - 07:21 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން - ދެވަނަ ބައި

13 ފެބުރުވަރީ 2024 - 07:21 1

މިއީ ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަމުގެ ވާހަކަ ގެނެސްދޭން އަޅުގަނޑު ފެށި ސިލްސިލާގެ ދެވަނަ ބައެވެ. މި ވާހަކަތަކުގައި ހިމެނޭނީ ސީދާ އަޅުގަނޑު ތަޖުރިބާކުރި ބައެއް ކަންކަމާއި، އަޑުއަހައި ތެދުކަން އެނގޭ ބައެއް ވާހަކަތަކެވެ.

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެއްޖެ އެވެ. އެކްސިޑެންޓުގައި ހިމެނޭ ދެވަނަ މީހާ އެ ހާދިސާ ހިނގުމުން މަޑުނުކޮށް ފިލީ އެވެ. އެ ހިސާބުން އާދައިގެ މަތިން ފެށިގެން ދިޔައީ ސޯޝަލް މީޑިއާ އެކްޓިވިޒަމް އެވެ. އެކްޓިވިސްޓުން ގޮވަމުން ދިޔައީ އެ މީހާ ހިފައި ހައްޔަރުކުރުމަށެވެ. އެކަމެއްގައި ހަފުތާއެއް ވެއަތުވިފަހުން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ. އެއާއެކު ފަހުން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރެވިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި އެ ދުވަހު ބަންދާމެދު ގޮތެއް ނިންމަވަން އިންނެވި ފަނޑިޔާރުގެ ދުވަހު ތާވަލު އޮތީ ފުރިފަ އެވެ. ފަހަރަކު މީހަކު ފަހަރަކު މީހަކު ޝަރީއަތުގެ މަޖިލީހަށް ވައްދައި، ދެފަރާތުގެ ވާހަކަ އަޑުއަހައި ފަނޑިޔާރުގެ ނިންމުން އިއްްވަވަމުން ގެންދަވަ އެވެ. އެންމެ ފަހުން މި އެކްސިޑެންޓު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ޝަރީއަތްކުރާ ކޮޓަރިއަށް ވައްދައިފި އެވެ.

މައްސަލަ ތަހުގީގުކުރާ އޮފިސަރު އޭނާ ކުރަންޖެހޭ ހުވާކޮށް މައްސަލަ އިއްވައިފި އެވެ. އަދި ތުހުމަތު ކުރެވޭ މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދިނުމަށްވެސް އެދިއްޖެ އެވެ. ތަހުގީގު ކުރާ އޮފިސަރު ވާހަކަ ދައްކަމުން ގެންދިޔައިރު ފަނޑިޔާރު ގެންދެވީ ހުރިހާ ތަހުގީގު ބަޔާންތަކާއި، ފުލުހުން ހުށަހަޅާފައިހުރި އެނޫން ވެސް ލިޔުންތައް ފަރުވާތެރިކަމާއެކު ވިދާޅުވަމުންނެވެ. މައްސަލަ ހުށަހަޅައި ނިންމައި އޮފިސަރު އިށީނުމުންވެސް ފަނޑިޔާރު ހަމަ ލިޔުންތައް ބައްލަވަނީ އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ހުރިހާ ލިޔުމެއް ބައްލަވަ އެވެ. އެންމެ ފަހުން އެ ލިޔުންތަކަށް ލޯ ދެއްވައިގެން ނުތަނަވަސްވެފައި އިންނަވައި އޮފިސަރަށް އެބަ ވިދާޅު ވެ އެވެ. މި ހުށަހަޅާފައި ހުރި ލިޔުންތަކުގެ ތެރޭގައި އަނިޔާ ލިބުނު މީހާގެ ބަޔާނެއް ނެތެއް ނޫން ހެއްޔެވެ؟ އަނިޔާ ލިބުނު މީހާގެ ބަޔާނެއް ނެތި މި މައްސަލައިގައި ގޮތެއް ނިންމޭ ހެއްޔެވެ. އޭނާގެ ބަޔާން ނުނެގި އޮތީ ކީއްވެގެން ހެއްޔެވެ؟

ތަހުގީގުކުރާ އޮފިސަރު ތެދުވެ، ޝުކުރިއްޔާ އިއްޒަތްތެރި ގާޒީއޭ ބުނެފައި، ބުނެވެން އޮތް އެންމެ މަޑުމައިތިރި ރާގުގައި މަޑުމަޑުން އެބަ ބުނެ އެވެ.

"އިއްޒަތްތެރި ގާޒީ، އަނިޔާ ލިބުނު މީހާގެ ބަޔާން ނެގިފައި ނެތީ އޭނާ މަރުވެފައިވާތީ،"

މި މައްސަލައަކީ އެ އެކްސިޑެންޓުގައި އޭނާ ނިޔާވެފައިވާތީ ބަލަމުން ގެންދާ މައްސަލައެއްކަމަށް މައްސަލަ ހުށަހެޅުމުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް އޮފިސަރު ބުންޏެވެ.

މީހެއްގެ މަރާ ގުޅުން ހުރި ވާހަކައަކަށްވާތީއާއި ތިބެވުނީ ޝަރީއަތުގެ މަޖިލީހުގައި ކަމުން ތިބި ބަޔަކު ނުހޭން ހިތްވަރުކޮށްގެންތިބެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސް ނިންމާލީ އެވެ.

-

މާލެ އަތޮޅު ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތެކެވެ. މައްސަލަ ބައްލަވަނީ މެދުރާއްޖެތެރޭ ރަށެއްގެ މެޖިސްޓްރޭޓެކެވެ. އެވަގުތު ހުންނެވީ މާލެ އަތޮޅު ރަށެއްގެ މެޖިސްޓްރޭޓް ކޯޓު ހިންގެވުން ހަވާލު ކުރެއްވީމާ އެރަށުގަ އެވެ. މި ޝަރީއަތެއް ހިންގުނީ އެހެން ހުންނަވާތާ ދުވަސްގަނޑެއް ފަހުންނެވެ.

ހިނގަމުން ދިޔަ ޝަރީއަތަކީ ޒިނޭ ކުރިކަމުގެ ދައުވާ ލިބޭ އަންހެނެއްގެ މައްޗަށް ހިންގާ ޝަރީއަތެކެވެ. އޭނާގެ މައްޗަށް ކޮށްފައި އޮތް ދައުވާއަކީ ވަކި މީހަކަށް ނުލައްވާ ގޮތަށް ކުއްޖަކު ވިހާފައިވާތީ ޒިނޭކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ ފަސޭހަ ޝަރީއަތެކެވެ. އެ ބާވަތުގެ މައްސަލަތައް ނިންމަނީ ދައުވާ ލިބޭ މީހާގެ އިއުތިރާފުގެ މައްޗަށެވެ. ޝަރީއަތް ހިންގައި ދައުވާ ލިބޭ މީހާ ތައުޒީރުކުރުމަށް އަމުރުކުރެވިއްޖެ އެވެ. އޭރު އޮންނަ ގޮތަކީ ހުކުމްކޮށް ނިމުމާއެކު، ޝަރުއީ އުޒުރެއް ނެތް ހާލަތެއްނަމަ ވަގުތުން އަދަބު ތަންފީޒު ކުރުމެވެ. އެކަން ކުރާނީ ކޯޓު ގޯތި ތެރޭގަ އެވެ.

ޝަރީއަތް ނިމި، އަދަބު ތަންފީޒުކުރަން ހަވާލުކުރެވުނު މީހުން އެކަމުގައި ތިއްބާ މެޖިސްޓްރޭޓުވެސް ކޯޓުން އެބަ ނުކުމެވަޑައިގަންނަވަ އެވެ. ހަމަ ނުކުންނެވި އިރަށް މި އަންހެން މީހާ އަޑުނެތްކޮޅަށް ގޮވަ އެވެ. ޒިނޭކޮށްގެން ދޭ އަދަބެއް ވިއްޔާ މިހިރަ މެޖިސްޓްރޭޓަށްވެސް ދޭށެވެ. މަ އައްވަލަށްވެސް ޒިނޭކުރީ މި މެޖިސްޓްރޭޓާއެކު ކޯޓު ކޮޓަރީގަ އެވެ.

އެންމެންގެ ނަޒަރު ހުއްޓުނީ މެޖިސްޓްރޭޓަށެވެ. މެޖިސްޓްރޭޓު އަޑުނީވޭ ކަމަށް ހެދިގެން އަނެއް ފަރާތަށް ބަލަމުން އަވަހަށް އެތަން ދޫކޮށް ދިޔައީ އެވެ. ހަމަ ޖެހިގެން އައި ދުވަހު މިނިސްޓްރީ އޮފް ޖަސްޓިހަށް ލިޔުއްވައިގެން އެ ރަށުން ބޭރުވެވޭނޭ މަގުވެސް ހޯއްދަވައިފި އެވެ. އެހެން ނުވާންވީ ކަމެއް ނެތެވެ. އެ އަންހެން މީހާއަކީ އަޑުގަދަ މީހެކެވެ. އެ ހާދިސާއަށް ފަހު އެރަށުގައި ޝަރީއަތް ހިންގުން އެ މެޖިސްޓްރޭޓަށް ވާނީ ދަތި ކަމަކަށެވެ.

ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަރަށް މަޝްހޫރު ވަކީލެކެވެ. ތަހުގީގު މަރުހަލާގައި، އެއް ވަކީލަކަށް މައްސަލައެއްގައި ހިމެނޭ ދެ މީހުން ތަމްސީލުކުރުން މަނާ ނުވެ އޮތް ޒަމާނުގެ ވާހަކަ އެކެވެ. ހަނދާންވާ ގޮތުން މައްސަލައަކީ ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގުމުގެ މައްސަލައެކެވެ. ތަހުގީގު ދިގުލައި ދަނީ އެވެ. އޭރު ތަހުގީގު ނިންމައި ދައުވާ ހުށަހަޅަންޖެހޭ މުއްދަތެއްވެސް ނޯވެ އެވެ. ދައުވާލިބޭ މީހުންނަށް ފަނަރަ ދުވަހުން ފަނަރަ ދުވަހުން ބަންދުގެ މުއްދަތު އިތުރު ކުރެ އެވެ.

ބަންދުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ ސިއްހީ ހާލަތުގެ ވާހަކަ ދައްކައިގެން، އެ ދުވަހު އަޑުއެހުން ހިންގި ގާޒީގެ ހިތަށް ރަހުމު ވަދެއްޖެ އެވެ. އޭނާ ގޭގެ ބަންދަށް ބަދަލުކޮށްދީފި އެވެ. އޭގެ ފަނަރަ ދުވަސް ފަހުން އަނެއްކާވެސް ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ބޭއްވިއްޖެ އެވެ. ވަކީލު ހުރީ މޮޅު ނުކުތާއެއް ނަގަން ތައްޔާރުވެގެންނެވެ. އެ ދުވަހު އަޑުއެހުން ހިންގަވަން އިންނެވީ އިސް ގާޒީ އެވެ.

އަޑުއެހުން ފަށައި ދިފާއީ ވަކީލަށް ފުރުސަތު ލިބުމާއެކު އެބަ ބުނެ އެވެ. އިއްޒަތްތެރި ގާޒީ އެވެ. އަޅުގަނޑު މި ތަމްސީލު ކުރާ ދެ މުވައްކިލުންގެ ތެރެއިން އެކަކު މިވަގުތު ހުރީ ގޭގެ ބަންދަށް ބަދަލުކުރެވިފަ އެވެ. އަނެކަކު އަދިވެސް ޖަލު ބަންދުގަ އެވެ. އިންސާފެއް ނޫނެއް ނޫންތޯ އެވެ. މިހެން ބުނެފައި އެ ވާހަކައަށް ބާރު ދޭން، ގާނޫނު އަސާސީގެ މާއްދާއަކާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ ދެތިން ނިންމުމެއްވެސް ހަމަ އެ ނޭވާގައި އަމުނާލި އެވެ. އެ ހުރިހާ ވާހަކަތަކެއް ނުހަނު ދިގުކޮށް ދެއްކެވުމަށްފަހު ވަކީލު ގާޒީ އަރިހުން އެދުނީ އެކަންކަމަށް ރިއާޔަތްކޮށް ހަމަހަމަކަން ގާއިމުކޮށް ދެއްވުމަށެވެ.

ގާޒީ ވިދާޅުވި އެވެ. ވަކީލުގެ ވާހަކަ ރަނގަޅެވެ. އެއް މައްސަލައެއްގައި ބަންދުގައި ތިބި، އަދި އެއް ހެކިތަކެއް ހުރި ބަޔަކާމެދު އަމަލުކުރަންޖެހޭނީ އެއް ހަމައަކުންނެވެ. ވަކީލު ދެމިޔަކުން ހީލައި އޭނާގެ ދެމުވައްކިލުންނަށް ނިތް އެއްލާލި އެވެ. ވާން އެއުޅެނީ ރަނގަޅަށޭ ބުނާ ކަހަލަ އެވެ.

ގާޒީ ކުރިއަށް ގެންދެވި އެވެ. ދިފާއީ ވަކީލު ދެއްކެވި ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ހަމަހަމަކަން ގާއިމުކުރުން މުހިންމުކަމަށް ގަބޫލުކުރެވޭތީ ގޭގެ ބަންދުގައި ހުރި މީހާ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފީމެވެ. ދެ މުވައްކިލުން ދަތްކުނޑިވިކައިގެން ތިބެ ވަކީލަށް ބަލަ އެވެ. ވަކީލު އިސްދަށަށް ޖަހައިގެން އިނީ އެވެ.