Advertisement

މިލާނުން އާ ސްޓޭޑިއަމް އެއް އަޅަން ބިން ހޯދައިފި

10 ފެބުރުވަރީ 2024 - 12:57 0

މިލާނާއި އިންޓަ މިހާރު ބޭނުންކުރަމުން އަންނަ ސަން ސީރޯ ސްޓޭޑިއަމް.-- ފޮޓޯ: އޭއެފްޕީ


މިލާނުން އާ ސްޓޭޑިއަމް އެއް އަޅަން ބިން ހޯދައިފި

10 ފެބުރުވަރީ 2024 - 12:57 0

މިލާން (ފެބްރުއަރީ 10) - އިޓަލީގެ ގަދަބާރު އޭސީ މިލާނުން އާ ދަނޑެއް އަޅަން، ސެން ޑޮނާޓޯ މުނިސިޕަލްޓީ މެދުވެރިކޮށް ވަނީ ބިމެއް ހޯދައި، ވަރަށް އަވަހަށް ސްޓޭޑިއަމެއް އެޅުމުގެ ހުއްދައަކަށް އެދެން ތައްޔާރުވެއްޖެ އެވެ.

މިލާނުން މިހާރު ހޯމް ސްޓޭޑިއަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ، ޖިއުސިއްޕޭ މެއާޒާ ސްޓޭޑިއަމް (ސަން ސީރޯ) އެވެ. އެއީ އިންޓަގެ ވެސް ސްޓޭޑިއަމް އެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު، މިލާނުން ވަނީ އާ ސްޓޭޑިއަމަކަށް ބަދަލުވުމުގެ ކަންކަން ކުރިއަށްދާކަން އިއުލާނުކޮށްފަ އެވެ.

އެ ގޮތުން، އިއްޔެ މިލާނުގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ، މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިލާނުން މިހާރު ވަނީ 256،000 ސްކޮޔާ މީޓަރުގެ ބިމެއް، ސަން ސީރޯގެ 15 ކިލޯމީޓަރު ދުރުން ހޯދައިފަ އެވެ. އަދި އަންނަ ހަފްތާ ތެރޭގައި، އެ ތަނުގައި ސްޓޭޑިއަމެއް އެޅުމުގެ ހުއްދަ ހޯދުމުގެ ކަންކަން ފެށިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަން ސީރޯ އަކީ 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ޔޫރަޕްގެ އެންމެ ބޮޑު ސްޓޭޑިއަމްތަކުގެ ތެރޭގައި ހިމެނޭ ސަން ސީރޯ، އެންމެ ފުރަތަމަ 1926 ގައި ހުޅުވިއިރު، 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ވަނީ އަލުން މަރާމާތު ކޮށްފަ އެވެ. މިލާނާއި އިންޓަ އިން ފުރަތަމަ ނިންމީ، ސަން ސީރޯ ތަޅާލުމަށް ފަހު، އާ ސްޓޭޑިއަމެއް އެ ތަނުގައި އަޅައި، ވިޔަފާރި ކަންކަން ފުޅާކުރެވޭނެ ޒަމާނީ މޮޑަލަކުން ކަންކަން ރޭވުމަށެވެ. އެކަމަކު، މިލާނުން މިހާރު އަމާޒުހިފާފައި މި ވަނީ، ވަކިން މުޅިން އާ ސްޓޭޑިއަމެއް އެޅުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިލާނުން އަޅާ އާ ސްޓޭޑިއަމަށް، 70،000 ސަޕޯޓަރުންނަށް ވަދެވޭނެ އެވެ.