Advertisement

ޔޫރޮޕާ ލީގު: ލިވަޕޫލާއި މިލާން ކަޓުވާލައި، އެޓަލަންޓާ އާއި ރޯމާ ސެމީ އަށް

19 އޭޕްރީލް 2024 - 11:25 0


ޔޫރޮޕާ ލީގު: ލިވަޕޫލާއި މިލާން ކަޓުވާލައި، އެޓަލަންޓާ އާއި ރޯމާ ސެމީ އަށް

19 އޭޕްރީލް 2024 - 11:25 0

މިލާން (އޭޕްރީލް 19) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ލިވަޕޫލާއި އޭސީ މިލާން ކަޓުވާލުމަށް ފަހު އެޓަލަންޓާ އާއި ރޯމާ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުއާޓާ ފައިނަލް ދެ ވަަނަ ލެގުގައި ރޭ ލިވަޕޫލް ވަނީ އެޓަލަންޓާ ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. އެކަމަކު، މިދިޔަ ހަފްތާގައި ލިވަޕޫލް ދަނޑުގައި އެޓަލަންޓާ 3-0 އިން މޮޅުވެފައި އޮތުމުން، އެ ޓީމަށް އެގްރިގޭޓަށް ބަލާއިރު، 3-1 އިން ކުރި ލިބޭތީ ސެމީން ފުރުސަތު ލިބުނީ އެވެ.

ރޯމާ އިން ވަނީ ކުއާޓާގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި މިލާން އަތުން 2-1 އިން މޮޅުވެފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ރޯމާ އަށް ކުރި ލިބުނީ، 3-1 އިންނެވެ.

ލިވަޕޫލަށް ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި، ލީޑުނަގައިިދިނީ މުހައްމަދު ސަލާހު އެވެ. މިއީ ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހު އަށް ވަނީ ދެ ވަނަ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެޓަލަންޓާ ޑިފެންސް ފަހަތުން މުޅިން ހުސްކޮށް ލިބުނު ބޯޅައެއްގައި ސަލާހު މަސައްކަތްކުރީ އެޓަލަންޓާ ކީޕަރު، ޖުއާން މޫސޯ ބޯމަތިން އޮއްސާލުމަށެވެ. އެކަމަކު، އެ ބޯޅަ ގޯލާ ސީދާނުވި އެވެ. ސަލާހު އަށް އެ އެޓޭކުގައި ލުއިޒް ޑިއާޒަށް ދީގެން ގޯލު ޖަހަން ވެސް ފުރުސަތު އޮތެވެ.

ދެ ވަނަ ހާފުގައި އެޓަލަންޓާ އިން ކުޅުން ރަނގަޅުކޮށް، ލިވަޕޫލް ހިފެހެއްޓި އެވެ. މިއީ 1988 ގެ ފަހުން އެޓަލަންޓާ އިން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އެޓަލަންޓާ އިން ސެމީގައި ކުޅޭނީ ރޭ ކުއާޓާގައި ބެންފީކާގެ މައްޗަށް ޕެނަލްޓީން ކުރިހޯދި މާސޭއާ އެވެ.

ރޯމާ އިން ވަނީ ރޭގެ މެޗުގެ 22 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ލަނޑުތައް ޖެހީ، ޖިއަންލޫކާ މަންޗިނީ އާއި ޕައޮލޯ ޑިބާލާ އެެވެ. މެޗުގެ 31 ވަަނަ މިނިޓްގައި ރޯމާގެ މެހެމެތު ޒެކީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ، މިލާނުގެ ރަަފައެލް ލެއާއޯ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު، ރޯމާ ކޮޅަށް މިލާނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 85 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ މަޓެއޯ ގައްބިއާ އެވެ.

ރޯމާ އިން ސެމީގައި ބައްދަލުކުރާނީ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދި ބަޔާ ލެވަކޫސަންއާ އެވެ. ލެވަކޫސަނުން ރޭ ވަނީ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި، ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ލެވަކޫސަނަށް ކުރި ލިބުނީ 3-1 އިންނެވެ.

ވެސްޓް ހޭމް އިން މިކޭލް އެންޓޯނިއޯގެ ގޯލުން ލީޑުނަގައިފައިވަނިކޮށް، މެޗުގެ ފަހު މިނިޓްގައި ލެވަކޫސަނަށް އެއްވަރުކޮށްދިނީ ވިކްޓަ ބޮނިފޭސް އެވެ.