Advertisement

ނުފޫޒުން މަގާމުގައި ހުންނަން ނޫޅޭ ކަމަށް ޔުއެފާގެ ރައީސް ހާމަކޮށްފި

9 ފެބުރުވަރީ 2024 - 09:25 0


ނުފޫޒުން މަގާމުގައި ހުންނަން ނޫޅޭ ކަމަށް ޔުއެފާގެ ރައީސް ހާމަކޮށްފި

9 ފެބުރުވަރީ 2024 - 09:25 0

ޒިއުރިކް (ފެބްރުއަރީ 9) - ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން، މަގާމުގެ ނުފޫޒު ބޭނުންކޮށް، އެ ފެޑެރޭޝަންގެ އަސާސީ ގަވާއިދު ބަދަލުކޮށްގެން، މަގާމު ދިފާއުކުރަން އުޅޭ ކަމުގެ ވާހަކަތައް ދޮގުކުރައްވައިފި އެވެ.

ޔުއެފާ ތެރޭގައި ޗެފެރިންގެ މި ރޭވުމަށް މަސައްކަތްތަކެއް ކުރަމުން އަންނާތީވެ، އެ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރު، ކްރޮއޭޝިއާގެ ޒްވޮނިމީރް ބޮބާން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ބޮބާން ވިދާޅުވީ، ޗެފެރިން ބޭނުންވާ އެ ބަދަލު، މި ހަފްތާގައި ޕެރިހުގައި ބޭއްވި ޔުއެފާގެ އެގްޒެކްޓިވް ބައްދަލުވުމުގައި ފާސްކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޔުއެފާގެ ރައީސް ކަމަށް، 2016 ވަނަ އަހަރު، ޗެފެރިން އިންތިހާބުވުމަށް ފަހު، އެ ފެޑެރޭޝަންގެ އަސާސީ ގަވާއިދަށް ގެނައި ބޮޑު އެއް ބަދަލަކީ، އެއްވެސް ރައީސަކަށް މަގާމުގައި ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ ގޮތަށް ހެދުމަށެވެ. އެ ބަދަލާ އެކު، ޗެފެރިން އަށް 2027 ވަނަ އަހަރުގެ ފަހުން، ޔުއެފާގެ ރައީސްގެ މަގާމުގައި ދެމި ނުހުރެވޭނެ އެވެ. އެކަމަކު، ޗެފެރިންގެ އަރިސް ފަރާތްތަކުން އަންނަނީ، 2031 ވަނަ އަހަރާ ހަމައަށް އޭނާ އަށް ޔުއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނެ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެންނަން ކަމަށް ބޮބާން އާއި އިތުރު ފަރާތްތަކަކުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕެރިހުގައި ބޭއްވި ޔުއެފާގެ އެގްޒެކްޓިވް ބައްދަލުވުމަށް ފަހު، ޗެފެރިން ދެއްވި މީޑިއާ އިންޓަވިއުއެއްގައި ވިދާޅުވީ، ބައެއް މީހުންގެ އަސްލު ސިފަ މިހާރު ފެނިފައިވާ ކަމަށެވެ.

"އަހަރެމެން ބޭނުންވީ، މި ކަންކަން ގޯސްކުރަނީ ކޮންބައެއްތޯ ބަލަން. އެކަން ފެނިއްޖެ، އަހަރެމެން އަސާސީ ގަވާއިދަށް ބަދަލު ގެންނަނީ ފުޓްބޯޅައިގެ ވިސްނުމުގައި. އެ ކަންކަން ރަނގަޅަށް ގެންދަން. އެހެންވީމަ، އަހަރެން މި ހާމަކުރަނީ، ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން، އަހަރެން އިތުރަށް ކުރިމަތިލުމުގެ ވިސްނުމެއް ނުގެންގުޅެން،" ޔުއެފާ އިން 2027 ވަަނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކޮށް ޗެފެރިން ވިދާޅުވި އެވެ.

ސްލޮވީނިއާ އަށް އުފަން ގާނޫނީ ވަކީލު، ޗެފެރިން، އެންމެ ފަހުން އިންތިހާބު ކާމިޔާބުކުރެއްވިއިރު، އިދިކޮޅު ކެންޑިޑޭޓެއް ނެތެވެ.