Advertisement

ހޮނިހިރުގައި އައި 8900 ފަތުރުވެރިންނާ އެކީ ޑެއިލީ އެރައިވަލްސް ރެކޯޑު މުގުރިއްޖެ

8 ފެބުރުވަރީ 2024 - 21:59 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: މި ދުވަސްކޮޅު ޗައިނާ އާއި ހުޅަނގު ޔޫރަޕުން އަންނަ ޓޫރިސްޓުން ގިނަ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހޮނިހިރުގައި އައި 8900 ފަތުރުވެރިންނާ އެކީ ޑެއިލީ އެރައިވަލްސް ރެކޯޑު މުގުރިއްޖެ

8 ފެބުރުވަރީ 2024 - 21:59 0

މިދިޔަ ހޮނިހިރު ދުވަހު 8،900 ޓޫރިސްޓުން އައުމާ އެކީ އެއް ދުވަހުން އައި ޓޫރިސްޓުންގެ (ޑެއިލީ އެރައިވަލްސް) ރެކޯޑު މުގުރިއްޖެ އެވެ.

ކޮވިޑުގައި ބޯޑަރުތައް ބަންދުކުރުމަށް ފަހު މީގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން އައީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ގަ އެވެ. އެ ދުވަހު ރާއްޖެ އައީ 8،028 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޑެއިލީ އެރައިވަލްސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެއަށް ވުރެ ގިނައިން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ ހޮނިހިރާއި ޖެހިގެން އައި އާދިއްތަ ދުވަހެވެ. އާދިއްތައިގައި 8،032 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއާ ގުޅިގެން މިފަހުގެ ތާރީހެއްގައި ނުދާހަ މައްޗަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އެވަރެޖު އަދަދު ވެސް މައްޗަށް ޖެހިއްޖެ އެވެ. އެގޮތުން މި މަހުގެ ފުރަތަމަ ހަ ދުވަހުގެ އެވަރެޖު އުޅެނީ 7،391 ގަ އެވެ. އާންމުކޮށް މި އަދަދު އުޅެނީ 6،000 ގެ ނަމްބަރުތަކުގަ އެވެ.

ޓޫރިސްޓުން އަންނަ އަދަދު މައްޗަށް މަތިވީ ޗައިނާ އާއި އިޓަލީ ފަދަ ކޮވިޑުގެ ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުން ބޮޑު ކުރިއެރުމެއް ލިބުމާ ގުޅިގެންނެވެ. ޗައިނާ އާއި އިޓަލީއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކެވެ.

ޗައިނާއިން 28،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު އިޓަލީ އަދި ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 23،000 އަށް ވުރެ މަތީގަ އެވެ. ގަދަ ފަހެއްގައި ދެން އޮތް ގައުމުތަކަކީ ޔޫކޭ އާއި ވޭތުވި ތިން އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އެވެ.

މި އަހަރުގެ މިހާތަނަށް 236,730 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައެޅި އަމާޒަކީ ދެ މިލިއަނެވެ.