Advertisement

ފަރުމަސް އާލާކުރާ ހެޗަރީތައް ގާއިމުކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

8 ފެބުރުވަރީ 2024 - 16:05 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު: މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހަކު ބައިވެރިވޭ --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ


ފަރުމަސް އާލާކުރާ ހެޗަރީތައް ގާއިމުކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

8 ފެބުރުވަރީ 2024 - 16:05 0

ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ކ. މަނިޔަފުށީގައި މިއަދު އިފްތިތާހުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހިންގާ މި ޕްރޮގްރާމު ކުރިއަށްގެންދާނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުންނެވެ. މިއަދު މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ އަމާޒަކީ، މެރިކަލްޗާ ތަރައްގީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިގުތިސާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމުގެ ބައެއް ބައިވެރިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ


މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 ބައިވެރިން ބައިވެރިވެ އެވެ.

މެރިކަލްޗާގެ ދާއިރާއިން ތަފާތު ބައިތައް ހިމެނިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމުގައި އެކުއަކަލްޗާގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު ހަތަރު ބާވަތެއްގެ މަހާއި ކަނޑުގެދިރުން އާލާކުރުމުގެ ފިލާވަލުތަކެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ފާނަ، ހުއިފި ލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުން ހިމެނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މި ޕްރޮގްރާމް ސިލްސިލާކޮށް ކުރިއަށް ގެންދަން ރާވާފަ އެވެ. މީގެ މަގުސަދަކީ ވީހާ ވެސް ގިނަ ބަޔަކަށް މި ޕްރޮގްރާމުން ފުރުސަތު ފަހިކޮށްދީ، ލިބޭ ހުނަރުތަކުގެ ބޭނުންކޮށްގެން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމުކޮށް ތަރައްގީކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނުތައް ދެނީ ދެ ގޮތަކަށެވެ. އެއީ އަސާސީ ނުވަތަ ބޭސިކް މެރިކަލްޗާ ތަމްރީނާއި ވަކި ބާވަތެއްގެ ދިރުން އާލާކުރަން ދަސްކޮށްދޭ ތަމްރީނެވެ. އަސާސީ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ތަމްރީނުގައި ބައިވެރިވާ ފަރާތްތަށް ދިރިއުޅޭ ރަށްތަކަށް ޓީމުތަކުން ގޮސްގެން އެ ރަށްރަށުގަ އެވެ. އަނެއް ޕްރޮގްރާމް ހިންގަނީ މަނިޔަފުށީ ރިސާޗް އެންޑް ޓްރޭނިން ފެސިލިޓީގަ އެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގެ މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.