Advertisement

ބޭނުން ވަނީ ފުޓުބޯޅަ އަށް ހެޔޮ ބަދަލެއް ގެންނާން: ބައްސާމް

8 ފެބުރުވަރީ 2024 - 15:11 1

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން


ބޭނުން ވަނީ ފުޓުބޯޅަ އަށް ހެޔޮ ބަދަލެއް ގެންނާން: ބައްސާމް

8 ފެބުރުވަރީ 2024 - 15:11 1

ބޭނުން ވަނީ ފުޓުބޯޅައަށް ހެޔޮ ބަދަލެއް ގެންނަން ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެ ބަދަލު ގެނައުމަށް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ކުރިއަށް ދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ އެފްއޭއެމްގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ފުޓުބޯޅަ އަށް ހެޔޮ ބަދަލުތައް ގެނައުމަށް, އެފްއޭއެމްގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް, އެގޮތުގެ މަތިން މިއަދުގެ ކޮންގްރެސް ބޭއްވި, އައު ކޮމެޓީތައް އެކުލަވާލެވިގެން މިދިޔައީ،" ބައްސާމް ވިދާޅުވި އެވެ.

ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ, އެފްއޭއެމްގެ ވިސްނުން އަދި ބައްސާމްގެ ވިސްނުން ވެސް މިވަގުތު ހުރީ އަމާން އިންތިހާބެއް ބޭއްވުމަށް ކަމަށެވެ. އަދި އިންތިހާބަށް ފަހު އަލަށް އިންތިހާބުވާ ހިންގާ ކޮމެޓީއަށް އެފްއޭއެމްގެ މަސައްކަތް "ހޭންޑްއޯވާ" ކޮށް ފުޓުބޯޅަ އަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ އާ އިންތިހާބުގައި ބައިވެރިވާން އުޅޭ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ. އެގޮތުން ބައްސާމް ވަނީ ކުލަބުތަކުން އެދޭ ގޮތަކަށް ކުރިއަށް ދާން ނިންމަވައިގެން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ ޖެނުއަރީ 31، ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅީ, އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އެވެ.

އެކަމަކު، އެ އިންތިހާބު ކުރިއަށް ނުގެންގޮސް ފަސް ކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެސް ވަނީ އަންގައިފަ އެވެ. އެގޮތަށް ސްޕޯޓްސް ކޮމިޝަނަރު އަންގާފައި ވަނިކޮށް ފަހުން ފީފާ އަދި އޭއެފްސީ އިން ވެސް ވަނީ އިންތިހާބާ ގުޅޭ މައްސަލަތަކެއް ހުރުމުން އެ އިންތިހާބު ނުބާއްވަން އެފްއޭއެމް އަށް އަންގާފަ އެވެ.