8 ފެބުރުވަރީ 2024 - 10:30 0
އަހުމަދު އާއިދު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު : ޖާބިރު މޯލްޑިވިއަންގެ ޕައިލެޓަކަށް ބިރުދެއްކި މައްސަލަ ފުލުހަށް ހުށަހަޅައިފި - ފޮޓޯ: އަދަދު
8 ފެބުރުވަރީ 2024 - 10:30 0
މޯލްޑިވިއަން ސީޕްލޭން ދުއްވާ ޕައިލޮޓަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ބިރުދައްކައި އިންޒާރުދިން މައްސަލަ އެ ކުންފުނިން ފުލުހަށް ހުށަހަޅައިފި އެވެ.
ސީޕްލޭން ކައިރިކުރާ ފްލޯޓިން ޕްލެޓްފޯމެއް މަތީ ޖާބިރު މޯލްޑިވިއަންގެ ކްރޫއިން އަދި ޕައިލޮޓަށް ބޭއަދަބީ ބަހުން އިންޒާރުދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އިއްޔެ މެންދުރު ފަހު އެވެ. އެ ވީޑިއޯގައި އަޑުތަކުން ޖާބިރު މޯލްޑިވިއަންގެ ޕައިލެޓަށް މަރުގެ އިންޒާރުދޭ އަޑުވެސް އިވެ އެވެ.
މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ކުންފުންޏާއި ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ.
މޯލްޑިވިއަންގެ ބޯޓުތަކުން ޖާބިރަށް ދަތުރުކުރުން މަނާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން މޯލްޑިވިއަންގެ އޮފިޝަލު ބުނީ ވަކި ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން މިހާާރު ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުވާން ފެށުމާއެކު އާއްމުންގެ ގިނަ ބަޔަކު ވަނީ ޖާބިރު ހައްޔަރުކޮށް މަޖިލީހުން ވަކިކުރުމަށް ގޮވާލައި އަޑުއުފުލައިފަ އެވެ.
ޖާބިރުގެ މި ވީޑިއޯ ލީކުވުމުގެ ކުރިން ޖާބިރު ކުރިން ހުންނެވި އިދިކޮޅު އެމްޑީޕީން ވަނީ އޭނާ އެ ޕާޓީން ވަކިކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް ނިންމާފަ އެވެ.
އެމްޑީޕީއިން ޖާބިރު ވަކިކުރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment