Advertisement

ފީފާގެ ބައްދަލުވުމަކަށް ގަތަރަށް ފުރަން ބައްސާމަށް ހުއްދަ ނުދިން

7 ފެބުރުވަރީ 2024 - 16:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ފީފާގެ ބައްދަލުވުމަކަށް ގަތަރަށް ފުރަން ބައްސާމަށް ހުއްދަ ނުދިން

7 ފެބުރުވަރީ 2024 - 16:00 0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ ހައިސިއްޔަތުން، ގަތަރުގައި އޮންނަ ބައްދަލުވުމަކަށް ފުރައިގެން ދިޔުމަށް ބައްސާމް އަދީލް ޖަލީލަށް ދަތުރު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

އެއީ އޭއެފްސީ މެދުވެރިކޮށް ފީފާއިން ބައްސާމަށް ފޮނުވާފައިވާ ދައުވަތެކެވެ. އަންނަ ހުކުރު ދުވަހު ގަތަރުގައި އޮންނަ އޭފްއެފްސީ ކަޕްގެ ފައިނަލް މެޗަށް ފަހު، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ފީފާގެ ސެކްރެޓަރީ ޖެނެރަލްއާ ބައްސާމް ބައްދަލު ކުރުމަށް އެދި ފޮނުވާފައިވާ ދައުވަތެކެވެ.

އެހެންވެ ބައްސާމްގެ ފަރާތުން އެެދުނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް، ޖުމުލަ ހަތަރު ދުވަށް ފުރައިގެން ދިޔުމުގެ ހުއްދަ ދިނުމަށެވެ.

ދައުލަތާއި، ބައްސާމްގެ ފަރާތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތަކަށް ފުރުސަތު ދިނުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ މި ފަހުން ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ސީލައިފް ފްލެޓްތަކަށް ފައިސާ ނެގުމަށް ފަހު، ފްލެޓާއި ފައިސާ ވެސް ނުދިން މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ގަޒިއްޔާގައި ކޯޓުން ވަނީ ބޮޑެތި ކުށްތަކުގައި ޖިނާއީ ދައުވާ ކުރުމާ އެކު ޕާސްޕޯޓު ހިފެހެއްޓުމަށެވެ.

އެ ގަޒިއްޔާގައި ބަޔާންކުރާ އުސޫލުގައި އިތުރަށް އޮންނަނީ، ފިލުމުގެ އިހުތިލާމު އޮވެގެން ޕާސްޕޯޓު ހިފަހައްޓާފައިވާ ދަނޑިވަޅެއްގައި ވަގުތީ ގޮތުން ލުޔެއް ދެވޭނީ އެ ހާލަތު ބަދަލުވި ކަން ނުވަތަ ދައުވާ ރައްދުވާ މީހާގެ މަސްލަހަތަށް އެއްވެސް އުނި ކަމެއް އަންނަ ނަމަ އެވެ.

ގާޒީ ޝަފީއު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، އެ ކަންކަން ބަޔާންކޮށްދިނުމަކީ އަމުރު މުރާޖައާ ކުރާ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްދޭން ޖެހޭ ކަންކަން ކަމަށެވެ. ބައްސާމް ފުރައިގެން ނުގޮސްފިނަމަ އޭނާގެ ވަޒީފާއަށް ކުރާނެ އަސަރާއި، އާމްދަނީއަށް ބަދަލެއް އަންނާނެ ކަން އޭނާގެ ފަރާތުން ފާހަގަ ނުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގޮތެއް ނިންމެވުމުގެ ކުރިން، އޭނާގެ ވަކީލުންނަށް ގާޒީ އެ ސުވާލު ވެސް ކުރެއްވި އެވެ. އޭރު ބައްސާމްގެ ވަކީލު އިބްރާހިމް ޝަމީއު ވިދާޅުވީ އޭގެ ސަބަބުން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. ނަމަވެސް ބައްސާމްގެ ޒާތަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަން ފާހަގަނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެ ކުރިން މިފަދަ ބޮޑެތި މައްސަލަތަކުގައި ފުރުމުގެ ވަގުތީ ލިޔުމެއް ދޫކޮށްދީގެން ނޫނީ މީހަކު ޖާމިނުވެގެން ވެސް ފުރަން ހުއްދަ ދިނުމުން، އަނބުރާ ރާއްޖެ އައިސްފައި ނެތުމުން އަނބުރާ އަންނާނެ ކަން ޔަގީން ކުރުމަށް އެޅިދާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

ގާޒީގެ ސުވާލުގެ ޖަވާބުގައި ބައްސާމްގެ ވަކީލު ބައެއް ފިޔަވަޅުތައް ވިދާޅުވި ނަމަވެސް، އެއިން ފިލުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދޭން ނުކުރެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ދައުލަތުން ވެސް ފާހަގަ ކުރީ، ކުށްވެރިން ގެނެވޭނެ ގޮތަށް ދޭދޭ އެއްބަސްވުމެއް އޮތީ އަވައްޓެރި ލަންކާއާ އެކަނި ކަމަށެވެ. ގަތަރާއެކު އެފަދަ އެއްބަސްވުމެއް ނެތުމުން ދަތިތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.