Advertisement

ފޯމުގައި މައްސަލަ ނެތް މީހުންނަށް ފްލެޓުތައް ހަވާލުކުރަން އޭސީސީގެ މައްސަލައެއް ނެތް

7 ފެބުރުވަރީ 2024 - 15:09 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން: ބައްދަލުވުން ބޭއްވީ އާންމުން އެ ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން --- ފޮޓޯ: މަޖިލިސް


ފޯމުގައި މައްސަލަ ނެތް މީހުންނަށް ފްލެޓުތައް ހަވާލުކުރަން އޭސީސީގެ މައްސަލައެއް ނެތް

7 ފެބުރުވަރީ 2024 - 15:09 0

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވެ، ފޯމުތަކުގައި މައްސަލައެއް ނެތް މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި 20،000 އަށް ވުރެ ގިން ފޯމުގެ ތެރެއިން އޭސީސީން އިވެލުއޭޓު ކުރީ 4،048 ފޯމެވެ. މީގެ ތެރޭގައި ގިނައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މަސައްކަތް ނިމެމުން އަންނަ ފްލެޓުތައް ލިބޭ ލިސްޓުގައި ހިމެނޭ ފޯމުތަކެވެ. އޭސީސީގެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ ޝަރުތު ހަމަވާ އަދި ފޯމުގައި މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓު ފޯމެވެ.

ފްލެޓުތަކާ ގުޅޭ މައްސަލައިގައި އާންމު ފަރާތަކުން ފޮނުވި ސިޓީއަކާ ގުޅިގެން އޭސީސީ ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ޝާމިލް ވިދާޅުވީ މިހެން އެދުނަސް ފަހު ބަސް ބުނާނީ ކަމާ ގުޅޭ އިދާރާއިން ކަމަށެވެ.

"ފޯމުތައް އިވެލުއޭޓް ކޮށް ނިންމައި ކަންކަން ފާހަގަކުރުމުން، އެހިސާބުން ގޮތް ނިންމާނީ ޕަބްލިކް އެޑްމިނިސްޓްރޭޓަރު [ސަރުކާރުން]. އަޅުގަނޑުމެން ބުނެދޭނީ އަޅުގަނޑުމެންގެ ތަހުގީގުން ފާހަގަވީ މިކަންކަމޭ. އޭސީސީގެ މެންޑޭޓްގެ ތެރޭގައި ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު ދެން ފޯމުތަކާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމެއް ނޯވޭ. އަޅުގަނޑުމެންގެ ދައުރުގެ އިން ފަހަނައަޅައި ނުދާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުން އަމާޒަކީ،" ޝާމިލް ވިދާޅުވި އެވެ.

އެކަމަކު ހައްގުވެރިންނަށް ފްލެޓުތައް ހަވާލު ކުރުން ލަސްވެ، ހައްގު ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަމެއް ހިނގާ ނަމަ އޭސީސީން އެ މައްސަލަ ބަލާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ. އަދި ފްލެޓުތައް ހަވާލުކުރުމުގެ ޕްރޮސެސް އަވަސް ކުރުމަށް މިނިސްޓްރީން އޭސީސީގެ އެހީއަށް އެދެފިނަމަ އޭސީސީގެ މެންޑޭޓުގެ ތެރެއިން އެކަން ކޮށްދިނުމަށް އެހީވެދޭނެ ކަމަށް ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން މިހެން ބުނިއިރު ފޯމުތަކުގައި މައްސަލައެއް ނެތް މީހުންނަށް ވީހާވެސް އަވަހަކަށް ފްލެޓުތައް ހަވާލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގުން ފާހަގަކޮށްފައިވެ އެވެ. ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.

ޕޮއިންޓު ދިނުމުގައި ހުރި މައްސަލަތައް ފާހަގަކުރަމުން އޭސީސީން ބުނީ ފަސޭހައިން ކަށަވަރުކުރެވެން ހުރި މައުލޫމާތު ކަށަވަރުނުކޮށް، ހަމައެކަނި މީހުން ހުށަހެޅި މައުލޫމާތާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ފްލެޓު ދީފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ތަހުގީގުން އެނގުނު ގޮތުގައި ކުރިން ފްލެޓު ލިބިފައިވާ މީހުންނަށާއި އާމްދަނީ ކެޓެގަރީން ޝަރުތު ހަމަނުވާ މީހުންނާއި މާލޭގައި ދިރިއުޅެފައި ނުވާ މީހުންނަށް ވެސް ފްލެޓު ލިބިފައިވެ އެވެ. އަދި ދަރިން ނެތް މީހުންނަށް ދަރިން ތިބި ކަމަށް ވެސް ޕޮއިންޓު ދީފައިވެ އެވެ.