Advertisement

ކުރިން ހާމަކުރަމުން އައި ލީސް އެކުއިޒިޝަން ކޮސްޓު ވިޔަފާރީގެ ބޮޑު ސިއްރަކަށް ހަދައިފި

7 ފެބުރުވަރީ 2024 - 13:38 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ފ. ޖިންނަތުގައު: މި ރަށާއި މި ރަށާއެކީ ދޫކުރި އިތުރު ތިން ރަަށަށް ލިބުނު އެކުއިޒިޝަން


ކުރިން ހާމަކުރަމުން އައި ލީސް އެކުއިޒިޝަން ކޮސްޓު ވިޔަފާރީގެ ބޮޑު ސިއްރަކަށް ހަދައިފި

7 ފެބުރުވަރީ 2024 - 13:38 0

ރިސޯޓު ނުވަތަ ހޮޓާ ތަރައްގީކުރަން ދޫކުރާ ބިންތައް ކުއްޔަށް ދޭން ނަގާ ލީސް އެކުއިޒިޝަން ކޮސްޓް ހާމަކޮށްފި ނަމަ ވިޔަފާރިތަކުގެ މަސްލަހަތަށް އަސަރުކުރާނެ ކަމަށް ބުނެ އެ މައުލޫމާތު ހިއްސާކުރަން ޓޫރިޒަމް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ލީސް އެކުއިޒިޝަން ކޮސްޓަކީ ޓޫރިޒަމުގެ ބޭނުމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑު ހައްގުތައް ލިބިގަތުމަށްޓަކައި ކަނޑައަޅާ ފީއެކެވެ. އެއްވެސް ތަނަކާ ގުޅޭ އެއްބަސްވުމެއް ހެދޭނީ މި ފައިސާ ދިވެހި ދައުލަތަށް ދެއްކީމަ އެވެ. މިއީ ކުރިން ޓޫރިޒަމް މިނިސްޓްރީން ހާމަކުރަމުން އައި މައުލޫމާތެކެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން ވިދިވިިދިގެން އައި ސަރުކާރުތަކުން ލީސް އެކުއިޒިޝަން ކޮސްޓަށް ލިބުނު ފައިސާ ހިއްސާކޮށްފައިވެ އެވެ. ކުރީ ސަރުކާރުން ރަށްތައް ދޫކުރުމުގެ ފުރަތަމަ ބުރުގައި އެވޯޑުކުރި ހަތަރު ރަށަށް ލިބުނު އެކުއިޒިޝަން ކޮސްޓާއި އެވޯޑުކުރި ހަތް ރަށަށް ހުށަހެޅި އަގު ވެސް ޓޫރިޒަމުން ހާމަކުރި އެވެ.

އެހެނަސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން ކުރީ ސަރުކާރުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ތަންތަނުގެ މައުލޫމާތު ހޯދަން "އަދަދު"އިން ހުށަހެޅުމުން ޓޫރިޒަމް މިނިސްޓްރީން ދިން ޖަވާބުގައި، އެ ގާނޫނުގެ 25 ވަނަ މާއްދާގެ ހ. ގެ ދެ ވަނަ ނަމްބަރާ ހަވާލާދީ، ބުނީ އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

"ރަށްތައް ކުއްޔަށް ހިފާފައިވާ ފަރާތުން ދައުލަތަށް ދައްކާފައިވާ ލީސް އެކުއިޒިޝަން ކޮސްޓުގެ މައުލޫމާތަކީ، ގާނޫނު ނަމްބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (2) ގެ ދަށުން، ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރު ފޯރާނެ ފަދަ ކަމަކަށް ވުމުން، އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ނުފެންނަ ކަމުގައި ދެންނެވިން،" ޓޫރިޒަމް މިނިސްޓްރީން ދިން ޖާވާބުގައި ބަޔާންކޮށްފައިވެ އެވެ.

މިނިސްޓްރީގެ ޖަވާބު މުރާޖައާ ކުރަން ހުށަހެޅުމުން މުރާޖައާ ކޮމިޓީން ވެސް މި ނިންމުމަށް ތާއީދުކުރި އެވެ. މި ނޫހުން މިހާރު ވާނީ މި އަދަދުތައް ހިއްސާކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ.

ވިޔަފާރީގެ މައުލޫމާތު (25 ވަނަ މާއްދާ)


އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެ އެވެ. (ހ) އެ މަޢުލޫމާތު ހޯދާފައި ވަނީ، ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައިވުމާއެކު، އެ މައުލޫމާތުގައި އަންނަނިވި ސިފަތަކުން ސިފައެއް އެކުލެވިގެންވުން. (1) ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން. (2) އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމަށްވުން.

ޓޫރިޒަމުން މި މައުލޫމާތު ދޭން އިންކާރުކުރާއިރު، އެ މިނިސްޓްރީން ދޫކޮށްފައިވާ ބައެއް ތަންތަނަކީ ކްރޮސް ސަބްސިޑީ އުސޫލުން ދޫކޮށްފައިވާ ތަންތަނެވެ.

އެ ތަންތަން ދޫކުރަން ގަވާއިދުގައި އޮންނަނީ ލީސް އެކުއިޒިޝަން ކޮސްޓު ހިސާބުކުރާނެ މިންގަނޑެއް (ފޯމިއުލާއެއް) ކަނޑައަޅާފަ އެވެ. އެ މިންގަނޑުގައި އެކި އަތޮޅުތަކުގެ ރަށްރަށާއި ހިއްކާ ތަންތަނާއި ފަޅުފަޅަށް ވަކި ރޭޓުތައް ކަނޑައަޅައި، ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރަކީ އެއީ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ޓޫރިޒަމުން ހިއްސާކުރި ލިސްޓުގައި ހިމެނޭ ބައެއް ރަށްތަކަކީ، ކުރިން ފާހަގަކުރި ފަދައިން، މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ލީޒް އެކުއިޒިޝަނަށް ލިބުނު ފައިސާގެ އަދަދު ހާމަކޮށްފައިވާ ރަށްތަކެވެ. މިއިން ރަށަކަށް ލިބުނު ފައިސާގެ އަދަދު ވެސް އެ މިނިސްޓްރީން ދިން މައުލޫމާތުގައި ހިއްސާކޮށްފައި ނުވެ އެވެ.