Advertisement

ހަތަރު މަސް ވެގެން ދިޔައިރު، ސަރުކާރަށް ސިޔާސީ މަގާމުތަކުގެ ތަފުސީލެއް ނުދެވުނު

18 އޭޕްރީލް 2024 - 11:23 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ސަރުކާރުން މައުލޫމާތު ނުހިފަހައްޓާނެ ކަމަށް އަބަދުވެސް އެމަނިކުފާނު ވިދާޅުވޭ -- ފޮޓޯ: ރައީސް އޮފީސް


ހަތަރު މަސް ވެގެން ދިޔައިރު، ސަރުކާރަށް ސިޔާސީ މަގާމުތަކުގެ ތަފުސީލެއް ނުދެވުނު

18 އޭޕްރީލް 2024 - 11:23 0

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން އެންގި މުއްދަތު ފަހަނަައަޅައި ދިޔައިރު ވެސް، އެ މައުލޫމާތު ނުލިބޭ ކަމަށް ބުނެ ރައީސް އޮފީހުން އެ އެންގުމާ ހިލާފުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަަރުގެ އޮފީސް (އައިކޮމް) ގެ މަހޯލި ޕޯޓަލްއިން މި މައުލޫމާތަށް އެދި "އަދަދު" އިން ހުށަހެޅީ ހުސްވި އަހަރުގެ ޑިސެމްބަރު 17، ގަ އެވެ.

އެ ހުށަހެޅުމުގައި މި ނޫހުން އެދުނީ އެ ތާރީހާ ހަމައަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި މުވައްޒަފުންގެ ޖުމްލަ އަދަދާއި މުސާރަ އާއި މުވައްޒަފުންގެ ލިސްޓު ހިއްސާކޮށްދިނުމަށެވެ. ޖެހިގެން އައި ދުވަހު ރައީސް އޮފީހުން ވަނީ އެ ރިކުއެސްޓް ބަލައިގެންފަ އެވެ.

އާރުޓީއައި ގާނޫނުގައި އޮންނަނީ މިހެން އަންނަ ހުށަހެޅުންތަކަށް 21 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށެވެ. އެ މުއްދަތުގެ ތެރޭގައި ޖަވާބު ނުދެވޭ ނަމަ 14 ދުވަސް އިތުރުކުރެވެ އެވެ.


ރައީސް އޮފީހުން ވަނީ ފުރަތަމަ 21 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން، ގާނޫނުން ލިބޭ އިހުތިޔާރުގެ ބޭނުންކޮށް މައުލޫމާތު ހިއްސާކުރަން އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ. އެފަހުން މި މައްސަލައިގައި ރައީސް އޮފީހުން އިތުރު މުއާމަލާތެއް ނުކުރެ އެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ދެން ދައްކާ މަގަކީ އައިކޮމްއަށް ޝަކުވާ ހުށަހެޅުމެވެ. މިގޮތުން ޝަކުވާ ހުށަހެޅުމުން އެ ޝަކުވާ ބަލައިގަނެ އައިކޮމްއިން ޖެނުއަރީ އާއި ފެބްރުއަރީގެ ތެރޭގައި މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެތައް ފަހަރެއްގެ މަތިން ތާވަލުކުރި އެވެ.

މިއިން އެއްވެސް ފަހަރެއްގައި ރައީސް އޮފީހުން އެ އަޑުއެހުންތަކުގައި ބައިވެރިނުވެ އެވެ. އެންމެ ފަހުން މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މި މައްސަލައިގައި ގޮތެއް ނުނިންމީ އެ އޮފީހުގެ ގައިރު ހާޒިރުގަ އެވެ. އެއީ މިދިޔަ މަހުގެ 30 ގަ އެވެ.

އެ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ، ސިޔާސީ މަގާމުތަކުގެ މައުލޫމާތަކީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމުން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި މި މައުލޫމާތު ދިނުމަށެވެ. މިއީ ރޯދައިގެ ފަހު ދިހައަކަށާއި އީދަށް ސަރުކާރު ބަންދުވީ ދުވަހެވެ.

އައިކޮމްއިން ދިން މުއްދަތު ހަމަވީ އަންގާރަ ދުވަހެވެ. އެ މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް މައުލޫމާތު ހިއްސާ ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު ބުނީ އެ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.

ރައީސް އޮފީހުން އަދި މި މައުލޫމާތު ނުލިބޭ ކަމަށް ބުނި އިރު މިއަދާ ހަމައަށް އެ މައުލޫމާތު ހޯދަން އެދުނުތާ 123 ދުވަސް ނުވަތަ ހަތަރު މަސް ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުލިބުނު ސަބަބު އަންގައިދީ ރަސްމީ ޖަވާބެއް ހިއްސާކޮށްދޭން އެދުމުން މިހަބަރު ޝާއިއުކުރުމާ ހަމައަށް ރައީސް އޮފީހުން ޖަވާބެއް ނުދެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފުސީލު ހާމަކުރަން ދެކޮޅު ހަދަމުން އަންނަ އިރު ރެކޯޑު އަދަދަކަށް ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެކަމަކު މި މައުލޫމާތު ކަށަވަރުކުރެވޭނެ ގޮތެއް ނެތުމާ ގުޅިގެން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބުނަނީ ކުރިން ބުނި ގޮތަށް 700 ސިޔާސީ މަގާމަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.