Advertisement

"އަހަރުމެން މޮޔަވެފައި މިތިބެނީ މިތިއްބެވި މާތް ބޭފުޅުން އަހަރުމެން މޮޔަހައްދާތީ އެވެ."

9 ފެބުރުވަރީ 2024 - 08:20 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


"އަހަރުމެން މޮޔަވެފައި މިތިބެނީ މިތިއްބެވި މާތް ބޭފުޅުން އަހަރުމެން މޮޔަހައްދާތީ އެވެ."

9 ފެބުރުވަރީ 2024 - 08:20 4

ގޯނިބޭ ކުޑައަލީއަކީ މީގެ ގާތްގަނޑަކަށް އެންމެ ފަންސާހަކަށް އަހަރު ކުރިއާ ޖެހެންދެން މާލޭގައި އުޅުނު މީހެކެވެ. މާލޭގައި އުޅޭ އާންމު މީހުންނާ ހިލާފު އާދަތަކެއް ގެންގުޅޭތީ އެއީ ހާއްސަ ޝަހުސިއްޔަތަކަށްވެ އެންމެން ދަންނަ މީހަކަށްވީ އެވެ. މީހުންނަށް އޭނާ އެނގެން ފެށި މަޝްހޫރުވީ މޮޔައެއްގެ ގޮތުގަ އެވެ. އޭނާ ބުނެލާ ވާހަކަތައް ބުނެލާ ދަނޑިވަޅުގެ ގޮތުން އެ ވާހަކައިގައި މޮޅު ބުއްދިއެއް އޮތްތޯ ނޫނީ އެއީ ހަމައެކަނި ހޮޅި ވާހަކައެއްތޯ ފިކުރުކުރަން މަޖުބޫރު ވެއެވެ.

އެކަނިވެރި ދިރިއުޅުމެއް އުޅެމުންދިޔަ ގޯނިބޭ ކުރާ މަސައްކަތަކީ ގޮނޑަށް އުކާލާ ރޯނު ކޮޅުކޮޅު ހޮވައިގެން އަލުން ލީލިއަޅައި ރޯނުވަށައިގެން ވިއްކުމެވެ. މިކަމުން ލިބޭނީ އެދުވަހެއްގެ ކޮއްތެވެ. ކެއުންބުއިން ހަމަޖެއްސުމަށް ސަލާންޖެހުމަކީ ގޯނިބޭ ކުރިކަމެއް ނޫނެވެ. މީހަކު ސަޔަކަށް ދައުވަތު ދީފިނަމަ ގަބޫލު ކުރެ އެވެ. ނަގާނީ އެއްޗަކާއި ކަޅެކެވެ. ދޭ މީހުން ދޭހިތުން ދިނަސް ގޯނިބޭ ކުޑައަލީ ކަނީ ބަލައިގެންނެވެ. އެހެންވެ އޭނާއަށް ސައިދޭ މީހުން މަދެއް ނޫނެވެ.

'ގޯނިބޭ' މިނަން އޭނާއަށް ނިސްބަތްކުރެވުނީ އޭނާގެ ކޮނޑުގައި އަބަދުވެސް އޮންނަ ގޯނީގެ ސަބަބުން ކަމަށް ވެއެވެ. އެ ގޯންޏަށް އޭނާ ޖަމާކުރަމުން ގެންދިޔައީ އުކާލާފައި ހުންނަ ރޯނު ކޮޅުކޮޅެވެ.

'އޮޔާދާ ކާށްޓަކުން ރުކެއް ނުފަޅާނެ އެވެ." މިއީ ގޯނިބޭ ކުޑައަލީގެ ބުނުމެކެވެ. މި ބުނުމުގެ ދޭހައަކީ ރަނގަޅު އުޅުމެއް ނުއުޅެ، ލާޗާރުބިޗާރަށް އުޅޭ މީހަކަށް ކާމިޔާބެއް ނުލިބޭނެޔޭ ކަމުގައި ހީކުރީމެވެ. އެހެންނަމަވެސް ގޯނިބޭ މިވާހަކަ ބުނި ހާލަތަށް ބަލާއިރު މިޔަކުން ހަމަހިލާ މާނައެއް ދޭހައެއް ނުވެ އެވެ. އެ ބަސް ބުނި ހާލަތާއި އެ ބުނުމަކާ ނުގުޅެ އެވެ. މިކަން ވީގޮތެއް ކަމަށް ކިޔައިއުޅެނީ، ގޯނިބޭ ރޯދަމަހެއްގެ ދުވާލު ހާމަތަނެއްގައި އިނދެ ހެޔޮވަރުގެ ކެއުމަކަށް އިންސާފުކުރަމުން ގެންދަނީ އެވެ. އެތަން ފެނުނީ ފުލުހު މީހަކަށެވެ. ވަގުތުން ހުއްޓުވައި ގޯނިބޭއާ ސުވާލުކުރުމުން ހަމަޖެހިލާފައި ފުލުސް މީހާއަށް އެބަ ބުނެ އެވެ. ބަލަ ކަލޭ ދެނަހުރީމުހޭ، އޮޔާދާ ކާށްޓަކުން ރުކެއް ނުފަޅާނެ އެވެ. އެ ހާލަތުގައި މިބުނުމުގެ މާނައަކީ ތިމަންނާއަކީ 'މޮޔައެއް' ކަމަށްވާއިރު ތިމަންނާ ކުރާ ކަންކަމަކީ ކުރިމަތިލާންޖެހޭ ނަތީޖާއެއް އޮންނާނޭ ކަމެއް ނޫންކަން ކަލެއަށް ނޭނގެނީހޭ ބުނުން ކަމުގައި ހީކުރަމެވެ. އެއީ ބުއްދިވެރި ބަހެއްތޯ ނޫނީ މޮޔަޔަކު ދެއްކި ކޮސް ވާހަކައެއްތޯ ވިސްނުމުގައި ހުރެ ފުލުސް މީހާ ގޯނިބޭގެ ހާލަށް ގޯނިބޭ ދޫކޮށް އެތަނުން ދިޔައީ އެވެ. ގޯނިބޭގެ ޝަހުސިއްޔަތަކީ މިއީ އެވެ. އެއީ ވަރަށްބޮޑު މޮޔައެކެވެ. އެހެންނާ ވަރަށް ބޮޑު ބުއްދިވެރިއެކެވެ.

އަޅުގަނޑު އަޑުއެހި ގޮތުގައި ގޯނިބޭ ކުޑައަލީއަކީ ޝަމްސުއްދީން ރަދުންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ސިޔާސީ އެކިއެކި ހައިޖާނުތަކުގައިވެސް ޝަމްސުއްދީނަށް އެއްބާރުލުންދީ ރޭވުންތައް ތަންފީޒުކުރުމަށް ވިދާޅުބަސްފުޅަށް ނުކޮށް ދޫކޮށްލާނޭ އެއްވެސް ކަމެއް ނުބާއްވާނޭ ވަރުގެ ވަފާތެރިއެކެވެ. ޖޯޝާ ފޯރީގައި ސިޔާސީ މަސައްކަތުގައި އުޅުނު ސިޔާސީ އެކްޓިވިސްޓެކެވެ. މިހެން އުޅެނިކޮށް 'ހެންވޭރުގަނޑުވަރު ގަޑުބަޑު' ގައި ޝަމްސުއްދީން ވެރިކަމުން އަޒުލުކުރީ އެވެ. އަދި ޕްރިންސް އިއްޒުއްދީނާއި ދެބަފައިން ފުވައްމުލަކަށް އަރުވާލެވުނީ އެވެ. މިއީ ޝަމްސުއްދީނަށް ވަފާތެރި ވަރަށް ގިނަ މީހުންނަށް ލިބުނު ހިތާމައެކެވެ. މިކަމުގައި އާދަޔާ ހިލާފު އަސަރެއް ކުރިކަމަށްވަނީ ގޯނިބޭ ކުޑައަލީ އަށެވެ. އޭނާ 'މޮޔަޔަކަށް' ބަދަލުވީ އެ ހިސާބުންނެވެ.

އޭނާގެ އެހުރި 'މޮޔަކަމުގައި' އާންމު މީހުންނަށާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމަކީ އެއްގޮތަކަށްވެސް އޭނާ ކޮށްއުޅުނު ކަމެއް ނޫނެވެ. އެހެންނަމަވެސް ވެރިންނަށް ފުރައްސާރަކުރުމާއި، ހަނގާކުރުމާއި ހަމަލާ ދިނުމަކީވެސް އޭނާގެ އާދައެކެވެ. އެންމެން ދެކިގެންތިބީ އެއީ އޭނާ މޮޔަކަމުން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ އޭނާއަށް އަދަބެއްދީ ފިޔަވަޅެއް އެޅުމަކީ އެއްވެސް ބަޔަކު ވިސްނާކަމެއްވެސް ނޫނެވެ.

ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގައި އެ ރަދުން ހިއްޗަށްވަޑައިގަންނަވާ ކޮންމެ ދުވަހަކީ ގޯނިބޭ ކުޑައަލީގެ ހަނގާކުރުމާއި ހަމަލާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ދުވަހެކެވެ. އެދުވަހު ރަދުން ގައިކޮޅަށް ވެލި ޖެހުމަކީ އޭނާ އާދަވެގެން ކުރާ ކަމެކެވެ. ރަދުންނަށް އަދަބު އަދާކޮށްގެން އެންމެން ތިބޭއިރު އޭނާ ދާނީ ރަދުންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުންނެވެ.

ރަދުން ކާރުކޮޅުގައި ނުކުމެވަޑައިގަންނަވާ ކޮންމެ ދުވަހަކީވެސް މާލޭގެ ރައްޔިތުންނަށް ހާއްސަ ދުވަހެކެވެ. އޭރު މާލޭގައި އޮންނަނީ ރަދުންގެ ކާރުކޮޅު އެކަންޏެވެ. ކާރުކޮޅުގައި ރަދުން ނުކުމެވަޑައިގަންނަވާ ވަގުތު ރައްޔިތުންގެ ކުދިބޮޑު އެންމެން ކާރުކޮޅަށް ބަލަހައްޓައިގެން ހަށަންބަނދެގެން އަދަބުވެރިކަމާއެކު މަގުގެ ދެފަރާތުގައި އެތުރިގެން ތިބޭނެ އެވެ. ގޯނިބޭ ކުޑައަލީ ކާރުކޮޅު ފަހަތުން ދުއްވައިގަންނާނެ އެވެ. މިހެން ދަމުން ގޮވަ އެވެ. "އަހަރުމެން މޮޔަވެފައި މިތިބެނީ މި ތިއްބެވި މާތް ބޭފުޅުން އަހަރުމެން މޮޔަ ހައްދާތީ އެވެ." އެންމެންނަށް އަޑުއިވުނަސް އެ ވާހަކައަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދޭނެ އެވެ. އެކަން ބަލައިގަންނަނީ 'މޮޔަޔަކު ކުރާ މޮޔަކަމެއް'ގެ ގޮތުގަ އެވެ.

ގޯނިބޭ ކުޑައަލީގެ އަމަލުތައް ހުރިގޮތާމެދު ވިސްނާ ފިކުރުކުރި މީހުން ދެކުނު ގޮތުގައި އޭނާ މޮޔަޔަކަށް ހެދިގެން އުޅުނު ހަމައެކަނި ބޭނުމަކީ ވެރިންނަށް ފާޑުކިޔުމާއި، ބޭނުން އެއްޗެއް ބުނުމުގެ މިނިވަންކަން ހޯދުމެވެ. އެ ޒަމާނަކީ މިހާރު މި އޮންނަހެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ޒަމާނެއް ނޫނެވެ. ހިޔާލު ފާޅުކުރުމުގެ ނަމުގައި މާ ބުއްދިވެރި ވާހަކަތަކެއް ދައްކައިފި މީހާ ވެގެންދަނީ ސިޔާސީ ކުށްވެރިއަކަށެވެ. ނަތީޖާއަކަށްވާނީ ދެކުނުގެ ކޮންމެވެސް ރަށަކަށް އަރުވައިލެވުމެވެ. އެކަމަކު 'މޮޔަޔަކު' ކިޔާ އެއްޗަކަށް އެއްވެސް އަދަބެއް ނޯވެ އެވެ. ގޯނިބޭ ކުޑައަލީ ހިޔާރުކުރީ އެފަދަ މޮޔަޔަކަށް ވާށެވެ. ވެރިންގެ ދުއްޕާނުން ސަލާމަތްވެހުރެ، ތިމާގެ ހިތަށްއަންނަ ހައްގުބަސް ދުލުން ބޭރުކުރަން ހިފޭން އޮތް ހަމައެކަނި މަގަކީ މޮޔަޔަކަށްވުމެވެ. ގޯނިބޭގެ ވާހަކައަކީ އެއީ އެވެ.

އަޅުގަނޑުމެންގެ ހާލަތަށް ވިސްނަވާށެވެ. ސަޕޯޓުކުރެވޭ ސިޔާސީ ޕާޓީ ނުވަތަ ސިޔާސީ ލީޑަރުގެ ލޯބީގައި އާވާރާވެ، ލޭގެ ގުޅުންތައްވެސް ކަނޑާލާ ހިސާބަށްދާއިރު، ތިޔަ ގޮތް ރަނގަޅެއް ނޫނޭ ބުނާ ސިޔާސީ ވެރިޔަކު އަޅުގަނޑުމެންގެ ތެރެޔަކު ނެތެވެ. އަނދަމުންދާ އަލިފާނަށް ދަރުއެޅުން ނޫންކަމެއް އެވެރިން ނުކުރެ އެވެ. ސިޔާސީން ކުރާ ކަމަކީ އެކަހަލަ ނޭއްގާނީ ހުރިހާ ކަމެއްގެ ނަން ރީތި ކުރުމެވެ. ފުރައްސާރައާއި ހަނގާކުރުމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ސިޔާސީ ބަހުސެވެ. ޖަގަހަތަކުގައި އަޑުގަދަކޮށް އަވަށްޓެރިންގެ ނިދި ހަރާބުކޮށްލުމުގެ ނާތަހުޒީބު އަމަލަށް އަޅުގަނޑުމެން ކިޔައި އުޅެނީ ސިޔާސީ ހަރަކާތް ހިންގުމެވެ. ތާއީދުކުރާ ސިޔާސީ ލީޑަރުގެ އައިބުތަކަށްވެސް ތައުރީފުކުރުމަކީ ސިޔާސީ ވަފާތެރިކަމެވެ. ވަޒީފާގެ ބިރު ދައްކައިގެން ސަރުކާރުގެ މުވައްޒަފުން އޮބަހައްޓައިގެން ހޯދާ 'ތާއީދަށް' ކިޔަނީ އޭރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދިނުމެވެ. މިކަހަލަ ރީތި ބަސްތަކުން ގަތާލައި ޖަރީކޮށްލުމުން ސިޔާސީންގެ އައިބުކަމާއެކު އަޅުގަނޑުމެންގެ ގަބިޔާކަންވެސް ފޮރުވި، ލޮލަށް ފެންނަ މަންޒަރު ޗާލު ވެއެވެ.

މޮޔައަކަށް ވުމަކީ ގޯނިބޭ ކުޑައަލީ ހިޔާރުކުރި ކަމެކެވެ. އޭނާ 'މޮޔަޔަކަށް' ވީ އޭރު ތިއްބެވި މާތް ބޭފުޅުން އޭނާ މޮޔައަކަށް ވާން މަޖުބޫރުކުރީމަ އެވެ. އަޅުގަނޑުމެންނަށް ހުރިހާ މިނިވަންކަމެއް އޮވެ، ހޭލުންތެރި ބަޔަކަށްވެތިބެ، ގައުމުގެ ވަރަށް ގިނަކަންކަމުގައި މޮޔައިންނަށްވެފައި މިތިބެނީ ކޮން މާތް ބޭކަލުންތަކެއް އަޅުގަނޑުމެން މޮޔަ ހައްދާތީތޯ ވިސްނާލުމަކީ 'ކޮހުންގެ ބުއްދިން' ވިސްނާއިރު މިވަގުތަށްވެސް ހަމަ އެންމެ ރަނގަޅު ކަމެކޭ ހިތަމެވެ.