Advertisement

ޓާގެޓް ހާސިލްނުވިޔަސް މޮޮރޮކޯ އިން ކޯޗު ވަކިނުކުރަން ނިންމައިފި

7 ފެބުރުވަރީ 2024 - 18:12 0


ޓާގެޓް ހާސިލްނުވިޔަސް މޮޮރޮކޯ އިން ކޯޗު ވަކިނުކުރަން ނިންމައިފި

7 ފެބުރުވަރީ 2024 - 18:12 0

ރަބަތު، މޮރޮކޯ (ފެބްރުއަރީ 7) - މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މޮރޮކޯ އިން ކަނޑައެޅި ޓާގެޓް ހާސިލްނުވި ކަމުގައި ވިޔަސް އެ ޓީމުގެ ކޯޗުގެ މަގާމުން ވަލީދު ރެގްރާގީ ވަކިނުކުރަން ނިންމައިފި އެވެ.

ގަތަރުގައި، ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލަށް ދިޔަ މޮރޮކޯ އަކީ މި ފަހަރުގެ އެފްރިކަން ކަޕްގެ އެއް ފޭވަރިޓެވެ. އެކަމަކު، އެ ޓީމުން މުބާރާތް ނިންމާލީ ގަދަ 16 ބުރުން ދެކުނު އެފްރިކާ އަތުން 2-0 އިން ބަލިވުމުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަށް ފުރުސަތު ނުލިބިއްޖެނަމަ، މަގާމުން އިސްތިއުފާ ދޭނެ ކަމަށް ރެގްރާގީ، 48، ވަނީ ބުނެފަ އެވެ.

ދެކުނު އެފްރިކާ އަތުން ބަލިވި މެޗަށް ފަހު ރެގްރާގީ ވަނީ އެ ޓީމުގެ ތީޖާތަކުގެ ޒިންމާ ނަގައިފަ އެވެ.

"މިއީ އަހަރެންގެ ފެއިލްވުމެއް. އެހެންވީމަ ޒިންމާ ނަގާނީ އަހަރެން،" ރެގްރާގީ ބުންޏެވެ.

މި ފަހަރުގެ އެފްރިކަން ކަޕްގައި މޮރޮކޯ އިން ކޮންގޯއާ ކުޅުނު މެޗުގައި އެ ޓީމުގެ ޗަންސެލް އެމްބެމްބާ އާއި ރެގްރާގީއާ ދެމެދު ހިނގި ކަމެއްގައި، އޭނާ އަށް ސަސްޕެންޝަނެއް އަ އެވެ. އެކަމަކު، ފަހުން އެޕީލްކޮށްގެން އެ ސަސްޕެންޝަނުން ސަލާމަތްވި އެވެ.

ރެގްރާގީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަހަރުގެ އެފްރިކަން ކަޕްގައި ދިމާވި ކަންތައްތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރަން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި މި ކަމުގައި، ފެޑެރޭޝަނުން އިތުބާރު ކުރަނީ ރެގްރާގީ އަށް ކަމަށާއި މަގާމުގައި އޭނާ ހުންނަން ޖެހޭ ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، 2025 ވަނަ އަހަރުގެ އެފްރިކަން ކަޕާއި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އަމާޒުކޮށް މޮރޮކޯ އިން ޕްލޭނެއްގެ ދަށުން ރެގްރާގީއާ އެކު ކަންތައްތަކެއް ރާވަމުން އަންނަ ކަމަށް ފެޑެރޭޝަނުން ބުނެ އެވެ.