Advertisement

ވަރުގަދަ ދެކުނު ކޮރެއާ ކަޓުވާލައި، ޖޯޑަން އޭޝިއަން ކަޕްގެ ފައިނަލަށް

6 ފެބުރުވަރީ 2024 - 23:34 0


ވަރުގަދަ ދެކުނު ކޮރެއާ ކަޓުވާލައި، ޖޯޑަން އޭޝިއަން ކަޕްގެ ފައިނަލަށް

6 ފެބުރުވަރީ 2024 - 23:34 0

ދޯހާ، ގަތަރު (ފެބްރުއަރީ 6) – އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި މިރޭ ދެކުނު ކޮރެއާ އަތުން 2-0 އިން މޮޅުވެ، ޖޯޑަން އޭޝިއަން ކަޕްގެ ފައިނަަލަށް ދަތުރުކޮށްފި އެވެ.

މިއީ ޖޯޑަން އޭޝިއަން ކަޕްގެ ފައިނަލްގެ ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައިވެސް ޖޯޑަން ވާދަކުރި ފުރަތަމަ ފަހަރު، އެ ޓީމުން މި ހޯދީ ހައިރާންކުރެވުނު ނަތީޖާއެކެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންނާ އެކު މި މުބާރާތަށް ކުރިމަތިލި ދެކުނު ކޮރެއާ އަކީ މުބާރާތުގެ އެއް ފޭވަރިޓެވެ.

ޖަރުމަންގެ ކުރީގެ ފޯވަޑް ޔާގަން ކްލިންސްމަންގެ އިރުޝާދުގެ ދަށުން މުބާރާތަށް ނުކުތް ދެކުނު ކޮރެއާ އޮތީ ފީފާ ރޭންކިންގައި ޖޯޑަން އަށްވުރެ 64 ދަރަޖަ މަތީގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތް ނަމަވެސް، ޖޯޑަން އިން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގައިފަ އެވެ. ދެކުނު ކޮރެއާގެ ހާފުގެ ތެރެއިން އެ ޓީމުގެ ޕާކް ޔުންގް ވޫ އަތުން ބޯޅަ ހޯދުމަށްފަހު، ޖޯޑަން މޫސާ އަލް ތަމާރީ ދިން ބޯޅަ އެ ޓީމުގެ ފޯވަޑް ޔަޒާން އަލް ނައިމަތު ވަނީ ވަރަށް ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 66 ވަނަ މިނިޓުގައި ޖޯޑަންގެ ދެ ވަނަ ލަނޑު ޖެހީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ ތަމާރީ އެވެ. ދެކުނު ކޮރެއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ޖާގައަށް ބޯޅަ ހިފައިގެން ޖެހިލުމަށްފަހު، ތަމާރީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެކުނު ކޮރެއާ އޭޝިއަން ކަޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ފަހަތުން އަރައި ލަނޑު ޖެހި ނަމަވެސް، މިރޭގެ މެޗުގައި އެ ޓީމަށް ޖޯޑަންގެ ޑިފެންސް ފޫއަޅުވާ ނުލެވުނެވެ.

ދެ ފަހަރު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ދެކުނު ކޮރެއާ އިން ސެމީ ފައިނަލަށް އައީ ސައުދީ އަރަބިއްޔާ އާއި އޮސްޓްރޭލިއާ ބަލިކުރުމަށް ފަހު އެވެ. އެކަމަކު، ޖޯޑަން އަތުން ބަލިވެ، ދެކުނު ކޮރެއާ އަށް މުބާރާތް ނިމުނީ އެވެ.

ޖޯޑަން އިން ފައިނަލުގައި ކުޅޭނީ އަނެއް ސެމީ ފައިނަލުގައި ގަތަރާއި އީރާން ކުޅެގެން މޮޅުވާ ޓީމަކާ އެވެ.