Advertisement

ގައުމީ ތަރައްގީގެ ޕްލޭން އެއްހަމައެއްގައި ހިފަހައްޓަން ބިލެއް

6 ފެބުރުވަރީ 2024 - 13:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު ހުސައިން ފިރުޝާން: ގައުމީ ތަރައްގީގެ ޕްލޭން އެއް ހަމައެއްގައި ހިފަހައްޓަން ބިލެއް ހުށަހަޅައިފި - ފޮޓޯ: މަޖިލިސް


ގައުމީ ތަރައްގީގެ ޕްލޭން އެއްހަމައެއްގައި ހިފަހައްޓަން ބިލެއް

6 ފެބުރުވަރީ 2024 - 13:44 0

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލައި، އެ ޕްލޭނުގައި ކަނޑައަޅާ މިންގަނޑުތަކުގެ ތެރޭގައި މަޝްރޫއުތައް ރާވައި ހިންގުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހަށް "ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބިލު" ގެ ނަމުގައި ބިލެއް ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި އެ ބިލުގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހިންގާނެ ނިޒާމާއި، ކޮންމެ ސަރުކާރަކުން އެ ޕްލޭން ތަންފީޒުކުރަން އެކުލަވާލާ ފަސް އަހަރު ދައުރުގެ ޕްލޭނާ ގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.

އެ ބިލުގައި ބުނާ ގޮތުން ކޮންމެ ސަރުކާރެއް ވެސް އިންތިހާބުވާތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތު އެކުލަވާލައި ޝާއިއު ކުރަން ޖެހޭނެ އެވެ. އެ ސިޔާސަތުގައި، މިނިސްޓްރީތަކާއި، އިދާރާތަކާއި، ރަށްރަށުގެ ފެންވަރުގައި ހުރި ސިޔާސަތުތައް ހިމަނަން ޖެހެ އެވެ.

އޭގެ އިތުރަށް އެކުލަވާލެވޭ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރަން، އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ކުރާނެ ކަންކަމުގެ ޕްލޭނެއް ހަދަން ޖެހެ އެވެ. ރިޔާސީ އިންތިހާބަށް ފަހު، ނުވަ މަސް ދުވަހުގެ ތެރޭގައި އެ ޕްލޭން އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ގައުމީ ތަރައްގީގެ ޕްލޭނުގައި ހިމަނަން ޖެހޭ ކަންކަމުގެ ގޮތުގައި ހިމަނާފައިވަނީ؛

  • ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތައް
  • މެދުރާސްތާގެ ޓައިމް ބައުންޑް ލަނޑުދަނޑިތައް
  • މޮނިޓަރިން، އިވެލުއޭޝަން ރިޕޯޓު ކުރުމުގެ އިންޑިކޭޓާސް
  • ޕްލޭން ތަންފީޒުކުރާނެ ޕްރައިމަރީ އަދި ސެކަންޑަރީ އިދާރާތައް ކަނޑައެޅުން
  • ބައިނަލްއަގުވާމީ މުއާހަދާތަކުން އެއްބަސްވެފައިވާ ތަރައްގީގެ ލަނޑުދަނޑިތައް

ގައުމީ ތަރައްގީއާ ގުޅިގެން އެކުލަވާލާ ޕްލޭނެއް ބަދަލު ކުރެވޭނީ ދެ ހާލަތެއްގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެއް ހާލަތަކީ، ޕްލޭންގެ 50 ޕަސެންޓު ހާސިލްވެފައިވުމެވެ. ދެވަނަ ހާލަތަކީ، ޕްލޭނުގެ ސަބަބުން އިޖުތިމާއީ، އިގުތިސޯދީ، ނުވަތަ ތިމާވެށީގެ އަސަރެއް ކުރާކަން މިނިވަން އެސެސްމަންޓަކުން ދެއްކުމެވެ.

މި ދެ ހާލަތުން ކުރެ ހާލަތެއް ދިމާވުމުން، ޕްލޭނަށް ގެންނަ ބަދަލެއް ފާސްވާނީ ޕްލޭނިން އޮތޯރިޓީގެ ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތަކުން ފާސްކޮށްގެނެވެ. ލޯކަލް ކައުންސިލްގެ ޕްލޭނެއް ނަމަ، އެ ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހަވާލުކުރަން، ބިލުގައިވަނީ، "ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނިން އޮތޯރިޓީ" އަށެވެ. އެ އޮތޯރިޓީ ހިންގާނީ ސިވިލް ސާވިސް މަގާމެއްގެ ގޮތުގައި، މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރާ ޑިރެކްޓާ ޖެނެރަލް އެވެ.

ޕްލޭންތައް ފާސްކުރުމުގެ ބާރު އޮންނަނީ އެ އޮތޯރިޓީ ކައުންސިލަށެވެ. ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ޕްލޭނިން މެންޑޭޓު އޮންނަ މިނިސްޓްރީގެ މިނިސްޓަރެވެ. ދެން ވެސް ބައެއް މިނިސްޓްރީތަކާއި އިދާރާތައް ތަމްސީލް ކުރާނެ މެންބަރުން ހިމަނާފައިވެ އެވެ.

ޕްލޭނިން ކައުންސިލް އެކުލަވާފައިވާ ގޮތް؛

  • ޕްލޭނިން މެންޑޭޓު އޮންނަ މިނިސްޓްރީގެ މިނިސްޓަރު
  • ރައީސް އޮފީހުން ކަނޑައަޅާ މެންބަރެއް
  • ފިނޭންސް މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • ހެލްތު މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • އެންވަޔަރަމެންޓް މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • ސްޓެޓިސްޓިކްސް ބިއުރޯއިން ކަނޑައަޅާ މެންބަރެއް

ކޮންމެ ކައުންސިލެއްގެ ދައުރަކީ ފަސް އަހަރު ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލްގައި 50 ޕަސެންޓު މެންބަރުންނަކީ އަންހެނުންނަށް ވުމަށް ލާޒިމުކޮށްފައިވެ އެވެ.