Advertisement

ޓިކެޓު ދިނީ ދާއިރާގެ ރައްޔިތުން، ވާދަކޮށް ގޮނޑި ކާމިޔާބު ކުރާނަން: ޖާބިރު

6 ފެބުރުވަރީ 2024 - 12:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ޖާބިރު ބައިވެރިވަނީ. އޭނާ އެ ޕާޓީން ވަކިކޮށް ޓިކެޓު ވެސް ވަނީ އަތުލާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ޓިކެޓު ދިނީ ދާއިރާގެ ރައްޔިތުން، ވާދަކޮށް ގޮނޑި ކާމިޔާބު ކުރާނަން: ޖާބިރު

6 ފެބުރުވަރީ 2024 - 12:10 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން ޓިކެޓު ދިނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާނެ އަބްދުالله ޖާބިރު ވިދާޅުވެއްޖެ އެވެ.

ކާށީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ޖާބިރު އެމްޑީޕީން ވަކި ކުރުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

"ވަކިކުރިކަން އެނގުނީ މީޑިއާއިން. ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން ޕާޓީގައި އިސްތިއުނާފު ކުރާނަން. އަދި, އިސްތިއުނާފަށް ފަހު ކޯޓަށް ދާން ޖެހިޖިއްޔާ ކޯޓަށް ވެސް ދާނަން," މި ނޫހާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެވެ.

"ޕްރައިމަރީގައި ޓިކެޓު ދިނީ ދާއިރާގެ ރައްޔިތުން ލީ ވޯޓުން. އިސްތިއުނާފު ކާމިޔާބު ނުވެއްޖެނަމަ އިންތިހާބުގައި ވާދަވެސް ކުރާނަން, ގޮނޑި ވެސް ކާމިޔާބު ކުރާނަން," ޖާބިރު ވިދާޅުވި އެވެ.

ޖާބިރަށް އެމްޑީޕީގެ މެމްބަރުކަން ދެން ދޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައިވެ އެވެ. އަދި ޕާޓީގެ މެމްބަރުކަން އަލުން ދިން ނަމަވެސް ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޖާބިރު ވަކި ކުރަން އެމްޑީޕީން ނިންމީ ކޮން ގަވާއިދެއްގެ ދަށުންކަން އެ ޕާޓީއަކުން ނުބުނެ އެވެ. ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ފޯނު ނުނަންގަވާތީ އެކަން އޮޅުންފިލުވޭނެ ގޮތެއް ވެސް ނުވި އެވެ.

އެމްޑީޕީގެ ޓިކެޓު ޖާބިރު ކާމިޔާބު ކުރެއްވިއިރު، އޭނާގެ ދަރިފުޅު މުއާޒު އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދައިފަ އެވެ.

މި ހިނގަމުންދާ މަޖިލިސް 19 ގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވެސް ޖާބިރު ވާދަކުރެއްވި އެވެ. ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެކަމާ ގުޅިގެން ޖާބިރު 2019 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.