Advertisement

މަހުމޫދުގެ މަރު: ސާލިމް ދިފާއުގެ ހައްގު ދޫކޮށްލައިފި، ދެން އޮތީ ހައި ކޯޓު ހުކުމް

5 ފެބުރުވަރީ 2024 - 15:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަހުމޫދު މަރާލި ކަމަށް ކުރިން އިއުތިރާފުވެފައިވާ ސާލިމް މިއާ؛ ހައި ކޯޓުގައި އެކި ޝަކުވާ ކުރުމަށް ފަހު ވެސް ދިފާއުގެ ހައްގު ދޫކޮށްލައިފި


މަހުމޫދުގެ މަރު: ސާލިމް ދިފާއުގެ ހައްގު ދޫކޮށްލައިފި، ދެން އޮތީ ހައި ކޯޓު ހުކުމް

5 ފެބުރުވަރީ 2024 - 15:34 0

ދެ އަހަރު ކުރިން، އަނިޔާވެރި ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރައިލި ކަމަށް ކުރިން އެއްބަސްވި ނަމަވެސް ފަހުން ހައި ކޯޓުގައި އެ ކަމަށް އިންކާރުކޮށް ވާހަކަ ދެއްކި އަލޮމް މިއާ (ސާލިމް) ދިފާއުވުމުގެ ހައްގު ދޫކޮށްލުމާއެކު، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ހައި ކޯޓު ޝަރީއަތުގައި ބުނެފި އެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.

ގާނޫނުގައި އޮންނަ ގޮތުގެ މަތީން، މި މައްސަލަ ހައި ކޯޓުގައި ފެށި ދުވަހު ސާލިމް ބުނީ އޭނާ ކުރިން ކުށަށް އިއުތިރާފުވީ، އިއުތިރާފުވުމުން ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ތަހުގީގު މަރުހަލާގައި ތަރުޖަމާނު އޭނާ ކައިރީ ބުނެފައި އޮތުމުން ކަމަށެވެ.

އެ ދުވަހު ދިފާއީ ވަކީލަކު ބޭނުންވާ ކަމަށް ސާލިމް ބުނުމުން، ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައިދިނެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިދިން ވަކީލު މިއަދު ހައި ކޯޓު އަޑުއެހުމުގައި ބުނީ، ސާލިމް އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާތީ މަސައްކަތް ކުރަން ދަތި ކަމަށެވެ.

ވަކީލުގެ ފަރާތުން ހައި ކޯޓަށް ކުރިން ސިޓީއެއް ވެސް ފޮނުވާފައިވާ ކަން، މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ފާހަގަ ކުރެއްވި އެވެ. ނަމަވެސް މުވައްކިލާ ދެކެވޭ ހުރިހާ ވާހަކަތައް ކޯޓަށް ހާމަކުރުމަކީ ސުލޫކީ ގޮތުން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރުން ދެން ވަނީ އެހެން ވަކީލެއްގެ ފުރުސަތު ބޭނުންވޭތޯ ސާލިމް ކައިރީ އަހައިފަ އެވެ. ސާލިމް ބުނީ، އޭނާ ދިފާއު ކުރެވޭނެ މީހަކު ނުވި ކަމަށާއި އޭނާ ދައްކާ ވާހަކަ ގަބޫލު ކުރެވޭ މީހަކު ވެސް ނުވި ކަމަށެވެ.

ސާލިމް މިއަދު ވެސް ދަށު ކޯޓުގައި ޝަރީއަތް ދިޔަ ގޮތާ ގުޅޭ ގޮތުން އެކި ޝަކުވާކޮށްފަ އެވެ. ދަށު ކޯޓުން އޭނާގެ ބަސް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުންޏެވެ. އޭނާއަށް ދިވެހި ބަހުން ގެންދިޔަ ޝަރީއަތް އެންމެ ރަނގަޅަށް ސާފުނުވާ ކަމަށް ވެސް މިއަދު ބުންޏެވެ.

ހައި ކޯޓުގައި ސާލިމް އެހެން ބުނި ނަމަވެސް ދަށު ކޯޓުގެ ޝަރީއަތް ގެންދިޔައީ ތަރުޖަމާނަކާއެކު، ޝަރީއަތް ހިނގަމުންދާ ގޮތާއި ދައްކާ ވާހަކަތައް އޭނައަށް ތަރުޖަމާކޮށްދެމުންނެވެ.

ދަށު ކޯޓުގައި ޝަރީއަތް ހިނގި ގޮތް ސާފުނުވާ ކަމަށް ބުނާތީ، ހައި ކޯޓު އަޑުއެހުމުގައި ވެސް ފަނޑިޔާރުން ވަނީ ޝަރީއަތްދާ ގޮތް ސާފުވޭތޯ ޔަގީންކުރަން ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. އަދި ވަކީލުގެ ހައްގަކީ ގާނޫނުން ކަށަވަރުކޮށްދޭ ހައްގަކަށް ވާތީވެ، ފަނޑިޔާރުން އެ ސުވާލު ވެސް ތަކުރާރުކޮށް ކުރެއްވި އެވެ.

އެއިން ކޮންމެ ފަހަރަކު ސާލިމް އެކި ޝަކުވާތައް ކުރި އެވެ. ޝަކުވާތައް ކުރުމަށް ފަހު ވެސް ބުނަނީ އޭނާ ދެން ދިފާއީ ވަކީލަކު ހޯދުމާއި ދިފާއު ވުމުގެ ހައްގުގެ ބޭނުން ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންނަށް ފެންނަ ގޮތަކަށް ޝަރީއަތް ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އޭނާ އެދޭ ކަމަށެވެ.

ހައި ކޯޓަށް މައްސަލަ ގެންގޮސްދޭން ބަންގްލަދޭޝްގެ އެމްބަސީގައި ވެސް އެދުނު ކަމަށް ސާލިމް ބުންޏެވެ. އެކަމަކު، ހައި ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެއް ނެތެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

އަޑުއެހުން ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ޝަފީއު ވިދާޅުވީ ދެން މި މައްސަލާގައި އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް؛

ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނުކުމެ ފުރަތަމަ އެހެން ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އޭރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ފުލުހުންނަށް އެ ރަށު މީހަކު ދިން މައުލޫމާތަކާ އެކުގަ އެވެ. މަހްމޫދު ގެއްލުނު ދުވަހުގެ ރޭ ސާލިމް ދިރިއުޅޭ ގެ ކައިރިން މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ މީހާ ރިޕޯޓް ކުރި އެވެ.

ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެ ދީފަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެ އެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެ އެވެ.