Advertisement

މަސް ދޯނިތަކަށް އިންޑިޔާ ސިފައިން އެރި މައްސަލާގައި ސަރުކާރުން މައުލޫމާތު ނުދޭތީ ފާޑު ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 15:14 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު، ސަރުކާރުން މި މައްސަލަތަކުގައި އަމަލު ކުރަމުން ދަނީ ވަރަށް ލޮނު މަޑުކޮށް ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް


މަސް ދޯނިތަކަށް އިންޑިޔާ ސިފައިން އެރި މައްސަލާގައި ސަރުކާރުން މައުލޫމާތު ނުދޭތީ ފާޑު ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 15:14 0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، އިންޑިއާ ސިފައިންގެ މަނަވަރަކުން ދިވެހި މަސްވެރިންގެ އުޅަނދުތަކެއް ހިފަހައްޓައި އެ ދޯނިތަކަށް އެރި މައްސަލާގައި ދިވެހި ސަރުކާރުން މައުލޫމާތު ނުދޭތީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އިންޑިޔާ ސިފައިން މަސް ދޯނިތަކަށް އެރި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު އެ މައްސަލައަށް ވާހަކަ ދައްކަވަމުން، ރާއްޖޭގެ އުތުރުން މަސްދޯނިތަކަށް އިންޑިޔާ ސިފައިން އަރާއިރު އިރުމަތިން ޗައިނާގެ "ޖާސޫސީ" އުޅަނދުތައް މުގޯލި އަޅަމުން ދާއިރު، ސަރުކާރުން އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށް ނުދޭތީ ރައްޔިތުން ކަންބޮޑުވުމާއި ނުތަނަވަސްކަމެއްގެ ތެރޭގައި ތިބިކަމަށް މެމްބަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރެއިން ދިވެހި މަސްވެރި ދެ އުޅަނދަކަށް އިންޑިޔާ ސިފައިން އަރާ ހަތިޔާރާއެކު ބިރު ދައްކާފައިވާއިރު ސަރުކާރުން އަމަލު ކުރަމުން ދަނީ ވަރަށް "ލޮނު މަޑު"ކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެގޮތުން އިންޑިއާއަށް ސިޓީއެއް ފޮނުވައި ޑިފެންސް މިނިސްޓްރީން ވަރަށް "ލޮނު މަޑު" ބަޔާނެއް އާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ އެބޭފުޅުންގެ ސިޔާސީ ޝައުގު ހުންނަ ކަންކަމުގައި ބަރިބަރިއަށް ވަޒީރުންނާއި ރައީސް އަރުއްވައިގެން ބައިސާތައް ކަނޑުއްވާތަން، އެކަމަކު ދިވެހި އުޅަނދުތަކަށް ބަޑި ހިފައިގެން އަރައި އުޅުނު، މިހާ ސީރިއަސް މައްސަލައެއްގައި އެކަމުގެ މައުލޫމާތު ނުދޭ،" މެމްބަރު ވިދާޅުވި އެވެ.

މިކަމުގައި ކަން ހިނގާދިޔަ ގޮތުގެ ސާފު މައުލޫމާތު ނުދީ ތިބޭ ތިބުމަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ އަސާސީ ޒިންމާ އުފުލަން އޮތް ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި މެމްބަރު ސިފަ ކުރެއްވި އެވެ.

މިއީ ޒިންމާއިން ރެކުން ކަމަށާއި ސަރުކާރުން މިކަމުގައި ވާ އިހުމާލު އަދި ރައްޔިތުންނާއި ހާއްސަކޮށް މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަނީ ކޮން ކަމެއްކަން މިހާރުން މިހާރަށް ވެސް މަޖިލީހުން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ސަރަހައްދު ރަނގަޅަށް ބަލަހައްޓަމުންދާ ކަމާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެގެން މިދަނީ ޒަމާނާ އެންމެ ގުޅޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް މަޖިލީހުން މިވަގުތު ކުރަންޖެހޭ ގާނޫނީ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޒަމާނުއްސުރެ ފައްކާކޮށްފައިވާ ހަތިޔާރަކީ ދިވެހިންނާއި ބޭރާއި އޮންނަ ރަހްމަތްތެރިކަން ކަމަށާއި އެކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރާއި އެކި ވުޒާރާގެ ބޭފުޅުން ކުރަމުންދާ ކަންކަމާއި އެއާ ވިދިގެން އަންނަ ނަތީޖާތަކަކީ ރާއްޖޭގެ ހަމަނުޖެހުމާއި މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

ބުދަ ދުވަހަށް ފަހު، ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ދިވެހި ދޯންޏަކަށް އެރި އެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު ދަންވަރު، އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް އެރީ ހއ. މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުންނެވެ.