Advertisement

މީޑިއާތަކުގެ ބްލެކްލިސްޓެއް މިސަރުކާރަކު ނޯންނާނެ: ރައީސް

5 ފެބުރުވަރީ 2024 - 10:21 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މިހާރުގެ ސަރުކާރުން ދެ ނޫހަކަށް ނުވަދެވޭ ގޮތަށް ބްލޮކްކުރުމަށް ފަހު ފަހުން ދޫކޮށްލި -- ފޮޓޯ: ރައީސް އޮފީސް


މީޑިއާތަކުގެ ބްލެކްލިސްޓެއް މިސަރުކާރަކު ނޯންނާނެ: ރައީސް

5 ފެބުރުވަރީ 2024 - 10:21 1

ރައީސް އޮފީހަށާއި ސަރުކާރުގެ އިދާރާތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހަދާ "ބްލެކްލިސްޓެއް" މިސަރުކާރަކު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑުކޮށް ކަމަށެެވެ. ނޫސްވެރިއަކަށް އަދި ރައްޔިތަކަށް ވެސް ސަރުކާރުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާ ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ އަދި އުންމީދަކީ ވެސް މީޑިއާތަކާއި ރައްޔިތުންނާ ވީހައިވެސް ގާތުން މަސައްކަތްކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީޑިއާތަކަށް އޮފީސް ޖާގަ ލިބުން ދަތިވާތީ އެކަން ހައްލުކޮށްދޭން ހުޅުމާލޭގައި މީޑިއާ ވިލެޖެއް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މީޑިއާ ޔުނިޓްތައް އުފައްދައި، ނޫސްވެރީންނަށް މައުލޫމާތު ފޯރުކޮށްދެ އެވެ. މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭ ފަސް ފަހަރަށް އަޅުގަނޑު ނޫސްވެރީންނާ ބައްދަލުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން މިއަދު ވާހަކަފުޅު ދެއްކެވި އިރު ނޫސްވެރިން ތަކުރާރުކޮށް ކުރާ ބައެއް ސުވާލުތަކަށް ސަރުކާރުން ޖަވާބު ނުދޭކަން ފާހަގަ ކުރެވެ އެވެ. އެފަދަ އެއް ސުވާލަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ސާފުވެއްޖެތޯ އާއި އެ އަދަދަކީ ކޮބައިތޯ ކުރާ ސުވާލެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރަން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވައުދާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ވެސް ސަރުކާރުން ސާފު ޖަވާބެއް ނުދެ އެވެ.

ނޫސްވެރިންނަށާއި ރައްޔިތުންނަށް ފުރިހަމައަށް މައުލޫމާތު ނުދީ ސަރުކާރުން ބޮޑު މަޝްރޫއެއް ވެސް ފެށި އެވެ. ފުށިދިއްގަރު ފަޅުން ބޮޑު ސަރަހައްދެއް ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ މައުލޫމާތު އެ މަޝްރޫއު ފުރަތަމަ ފެށި އިރު ނުދެ އެވެ.