Advertisement

ޔުވެންޓަސް ބަލިކޮށް އިންޓަ އިން ލީގު އެއް ވަނައިގައި ހަމަޖެހިލައިފި

5 ފެބުރުވަރީ 2024 - 09:12 0


ޔުވެންޓަސް ބަލިކޮށް އިންޓަ އިން ލީގު އެއް ވަނައިގައި ހަމަޖެހިލައިފި

5 ފެބުރުވަރީ 2024 - 09:12 0

މިލާން (ފެބްރުއަރީ 5) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަަނައިގައި އިންޓަ މިލާނުން ހަމަޖެހިލައިފި އެވެ.

ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ، އެއް މެޗު މަދުން ކުޅެގެން ވެސް އިންޓަ އިން އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އިންޓަ، އެއް ވަނަ މަގާމުގައި އޮތީ، 22 މެޗުން 57 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް 23 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ 37 ވަނަ މިނިޓްގައި ޔުވެންޓަސްގެ ފެޑެރީކޯ ގައްޓީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އިންޓަގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގައްޓީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އިންޓަ އަށް ލަނޑެއް ޖަހައިދޭން، މާކަސް ތުރާމް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. އަނެއްކޮޅުން، ޔުވެންޓަސްގެ ފޯމުގައި ހުރި ސްޓްރައިކަރު، ޑޫސާން ވްލާހޮވިޗަށް ލިބުނު ބޯޅަތައް ވެސް އެންމެ ރަނގަޅަށް ފޮނުވައިނުލެވުނެވެ.

ޔުވެންޓަސްގެ ވޮޒްނިއޭ ޝެޒްނީ ވަނީ އިންޓަގެ ނިކޯލޯ ބަރޭލާ އާއި މާކޯ އާނައުޓޮވިޗް ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ.

މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ މި ވަގުތަށް ބަލާއިރު، ޔުވެންޓަސް އަތުން މި ލިބުނު މޮޅު ހާއްސަ ކަމަށާއި އެކަމަކު، މިއީ ލީގު ޗެމްޕިއަންކަން ހޯދޭނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށެވެ. މީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި މި ފަހަރު އިންޓަ އިން ކުޅުނު 22 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެފައިވުމަކީ، ކުރިއަށްދާން ބަލާއިރު، ބޮޑު ހިތްވަރެއްގެ ގޮތުގައި އިންޒާގީ ގަބޫލުކުރެ އެވެ.

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ، ސީޒަނެއްގައި ކޮންމެ ޓީމަކަށް ވެސް ނަސީބުގެ އެހީ ނުލިބޭނެ މެޗުތަކެއް އަންނާނެ ކަމަށާއި އިންޓައާ ދެކޮޅަށް ޔުވެންޓަސް އަށް މި މެޗުގައި ކުރިމަތިވީ އެ ކަންތައް ކަމަށެވެ.