Advertisement

މެސީ މެޗުގައި ނުކުޅެ ބެންޗުގައި އިނުމުން ހޮންގް ކޮންގް ސަޕޯޓަރުން ރަތަށް

4 ފެބުރުވަރީ 2024 - 18:22 0


މެސީ މެޗުގައި ނުކުޅެ ބެންޗުގައި އިނުމުން ހޮންގް ކޮންގް ސަޕޯޓަރުން ރަތަށް

4 ފެބުރުވަރީ 2024 - 18:22 0

ހޮންގް ކޮންގް (ފެބްރުއަރީ 4) - ހޮންގް ކޮންގްގެ ޓީމަކާއި އިންޓަ މިއާމީން ބައްދަލުކުރި މެޗަށް އަގުބޮޑުކޮށް ޓިކެޓް ވިއްކިއިރު، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ، އެ މެޗުގައި ނުކުޅެ، ބެންޗުގައި އިނުމުން، ހޮންގް ކޮންގްގެ ސަޕޯޓަރުން ނުރުުހުން ފާޅުކޮށްފި އެވެ.

ހޮންގް ކޮންގް އިން ހޮވާލެވޭ ތަރިންގެ ޓީމަކާއި އިންޓަ މިއާމީން މިއަދު ކުޅުނު މެޗުން އެ ޓީމު ވަނީ 4-1 އިން މޮޅުވެފަ އެވެ.

އެކަމަކު، މި މެޗުގައި އިންޓަ މިއާމީގެ ތަރި މެސީ އެއްވެސް ވަރަކަށް ނުކުޅެ އެވެ. އޭނާ ތައާރަފްކުރުމުގެ ގޮތުން ހާއްސަ ވަގުތުކޮޅެއް އޮތެވެ. މި މެޗު ހޮންގް ކޮންގްގައި އިޝްތިހާރުކުރީ މެސީ ކުޅޭނެ ކަމަށް ބުނެ، ޕޯސްޓަރުތަކުގައި ފޮޓޯ ޖަހައިގެންނެވެ. މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ހުރީ 125 ޑޮލަރުގަ އެވެ.

މެސީ މެޗުގައި ކުޅެން އަރުވަން ސަޕޯޓަރުން ވަނީ ދެ ވަނަ ހާފުގައި އަޑުގަދަކޮށް ޑިމާންޑް ވެސް ކޮށްފަ އެވެ. އެކަމަކު، މެޗުގައި މެސީގެ ކުޅުން ފެންނަ ގޮތެއް ނުވި އެވެ. އެހެންވެ، ބައެއް ސަޕޯޓަރުން އަންނަނީ މި މެޗު އިންތިޒާމްކުރި ފަރާތް އަތުން ޓިކެޓް ރިފަންޑް ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.

އިންޓަ މިއާމީގެ ކޯޗު، ޖެރާޑޯ މާޓީނޯ ބުނީ ސަޕޯޓަރުންގެ އެދުމާ އެއްގޮތަށް މެސީ އާއި ލުއިސް ސުއަރޭޒް ކުޅެން އަރުވަން ބޭނުންވި ކަމަށެވެ. އެކަމަކު، ދެ ކުޅުންތެރިން ވެސް އަނިޔާގައި ތިބުމުން، ސީޒަނުގެ ކުރިން ރިސްކެއް ބޭނުންނުވީ ކަމަށް މާޓީނޯ ބުނެފައިވެ އެވެ.

"ރިސްކެއް ނެގެން ނެތީމަ ނޭރުވީ. ދެން، މިއީ ސަޕޯޓަރުންނަށް ލިބުނު ދެރައެއް. އެކަމާ މާފަށް އެދެން،" މާޓީނޯ ބުންޏެވެ.

އިންޓަ މިއާމީގެ އެއް ހިއްސާދާރަކީ، އިނގިރޭސި މަޝްހޫރު ތަރި، ޑޭވިޑް ބެކަމް އެވެ. ހޮންގް ކޮންގް ސަޕޯޓަރުން ވަނީ ބެކަމް އަށް ނިސްބަތްކޮށް ވެސް ނުރުހުން ފާޅުކޮށް ޝުއޫރުފާޅުކޮށްފަ އެވެ. އެއީ، މެޗު ޕްރޮމޯޓް ކުރަން މެސީ ބޭނުންކޮށް، އޭނާ ކުޅެން ނޭރުވީ ރޭވުމެއްގެ ތެެރެއިން ކަމަށް ބުނެ އެވެ.

އޭޝިއާގައި އިންޓަ މިއާމީން ކުރާ ޓުއާގައި، ހޮން ކޮންގްގެ މި މެޗުގެ ކުރިން، ސައުދީ އަރަބިއްޔާގައި އަލް ނަސްރާ ދެކޮޅަށް އިންޓަ މިއާމީން ކުޅުނު މެޗުގައި މެސީ ކުޅެން ނުކުތީ ބަދަލަކަށެވެ. އެހެންވެ، ބެެލެވިފައި އޮތީ، މެސީ އަށް މި މެޗުގައި ކޮންމެ ވެސް ހިސާބަކުން ކުޅެވޭނެ ކަމަށެވެ.

އެކަމަކު، އެ ގޮތަށް އެކަން ނުވުމުން ހޮންގް ކޮންގްގެ ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެންދިޔައީ އެވެ.

މި މަހު 21 ވަނަ ދުވަހު އެމެރިކާގެ ފުޓްބޯޅަ ސީޒަން ފަށާއިރު، އެހާތަނަށް މެސީ އެއްކޮށް ފިޓްވާނެ ކަމަށް ބެލެވެ އެވެ.