2 އޭޕްރީލް 2024 - 12:11 0
2 އޭޕްރީލް 2024 - 12:11 0
ބީނޯޒް އެރީޒް، އާޖެންޓިނާ (އޭޕްރީލް 2) - އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ, އާއި ގޯލްކީޕަރު އެމީ މާޓިނޭޒް, މި އަހަރު ފްރާންސްގައި ކުރިއަށްދާ އޮލިމްޕިކްސްގައި ފެނިދާނެ ކަމުގެ އަޑުގަދަވެއްޖެ އެވެ.
މި އަހަރު މެސީ އޮލިމްޕިކްސް ކުޅޭނަމަ, މި މުބާރާތް ވެގެންދާނީ 2008 ގެ ފަހުން މެސީ ކުޅޭ ފުރަތަމަ އޮލިމްޕިކްސް އަށެވެ. މީގެ ކުރިން 2008 ވަނަ އަހަރު މެސީ ވަނީ އޮލިމްޕިކްސްގައި ކުޅެ ރަން މެޑަލް ހޯދައިފަ އެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި އާޖެންޓީނާ ނުކުންނާނީ, ހަވިއޭ މަޝެރާނޯގެ ކޯޗުކަމުގެ ދަށުންނެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓީނާ ސީނިއާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި އަހަރުގެ އޮލިމްޕިކްސްގައި ކުޅެން ބޭނުންވެ އެވެ.
މާޓިނޭޒް ބުނީ ކުރިއަށް ކޮޕަ އެމެރިކާ އެބައޮތް ކަމަށާއި, ފޯކަސް ހުރީ އެ މުބާރާތައް ކަމަށެވެ. އެހެންނަމަވެސް އޮލިމްޕިކްސްގައި ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް މާޓިނޭޒް ބުނެފައިވެ އެވެ.
"އޮލިމްޕިކްސް އަށް އާޖެންޓީނާ ގައުމީ ޓީމުންދާއިރު, އަހަރެމެން ބޭނުންވެއްޖެ ނަމަ, އަހަރެން އަބަދުވެސް ހުންނާނީ ގައުމީ ޓީމުގައި. ކުލަބް އަންނަނީ ގައުމަށް ފަހު" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ބުނީ އޮލިމްޕިކްސްގައި ކުޅެން ބޭނުންވަނީ ހަމައެކަނި އޭނަ ނޫން ކަމަށާއި, އާޖެންޓީނާ ޓީމުގެ ގިނަ ކުޅުންތެރިން އޮލިމްޕިކްސް ކުޅެން ބޭނުންވާ ކަމަށެވެ.
އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް އޮންނަނީ 23 އަހަރުން ދަށަށް ހާއްސަކޮށްފަ އެވެ. އެކަމަކު، ސީނިއާ ތިން ކުޅުންތެރިން ޓީމުގައި ހިމެނޭނެ އެވެ. މެސީ އާއި މާޓީނޭޒް، ޓީމުގައި ހިމެނެން މަސައްކަތް ކުރަނީ އެ ޖާގަ އަށެވެ.
Comment