Advertisement

އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލަ ބަހުސް ކުރުމަށާއި ގައްސާން ހާޒިރުކުރަން ހުށަހަޅައިފި

4 ފެބުރުވަރީ 2024 - 18:00 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލަ ބަހުސް ކުރުމަށާއި ގައްސާން ހާޒިރުކުރަން ހުށަހަޅައިފި

4 ފެބުރުވަރީ 2024 - 18:00 1

މިދިޔަ ހަފުތާގެ ދެ ދުވަހަކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، އިންޑިއާ ސިފައިންގެ މަނަވަރަކުން ދިވެހި މަސްވެރިންގެ އުޅަނދުތަކެއް ހިފަހައްޓައި އެ ދޯނިތަކަށް އެރި މައްސަލާގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރުމަށް ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ތަޅުމުގައި ކުއްލި މައްސަލައެއް ގޮތަށް އެ މައްސަލަ ބަހުސް ކުރުމަށް، ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އަދި އެ މައްސަލާގައި ސުވާލު ކުރުމަށް މިނިސްޓަރު ގައްސާން ހާޒިރުކުރުމަށް ހުށަހެޅުއްވީ، ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މިނިސްޓަރު ގައްސާންއާ ކުރުމަށް، ހަސަން ލަތީފު ތިން ސުވާލެއް ހުށަހަޅުއްވާފައިވެ އެވެ.

1. އެކަން ހިނގައިދިޔާ ރާއްޖޭގެ ސަރަހައްދުގައި ކަން ނުވަތަ ނޫން ކަން ކަށަވަރު ކުރެވެނުތޯ؟

2. އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް

3. އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ؟

މެންބަރު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ދިވެހި ދައުލަތުގެ ސަރަހައްދާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ އުފުލަން އޮތް ސަރުކާރުންނާއި މުއައްސަސާތަކުން ކަމުގެ ސާފު މައުލޫމާތު ރައްޔިތުންނާ ހިއްސާ ނުކޮށް ތިބުމުން ނުތަވަނަސްކަމާއި ބިރުވެރިކަން ރައްޔިތުންގެ މެދުގައި އެބަ އޮތް ކަމަށެވެ.

ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާ ގުޅުން ހުރި މިހާ ހައްސާސްކަން ބޮޑު މައްސަލައެއްގައި ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ނުދީ އަޅާ ނުލައި ތިބުމަކީ، ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކޮށް ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ ކަމެއް ކަމަށް އެ މައްސަލައިގެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

އިންޑިއާ ކޯސްޓުގާޑުގެ ދެ މަނަވަރަކުން އައިސް ދިވެހި ތިން ދޯންޏަކަށް އަރައި އިންޒާރު ދިން މައްސަލަ ފެންމަތިވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އެކްސްގައި އޭގެ ފޮޓޯއާއި ވީޑިއޯއާއި މައުލޫމާތުތައް ހާމަކުރަމުން ދިޔުމުންނެވެ.

ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ސާފުކޮށް ފެނެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

ބުދަ ދުވަހަށް ފަހު، ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ދިވެހި ދޯންޏަކަށް އެރި އެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު ދަންވަރު، އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް އެރީ ހއ. މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުންނެވެ.