Advertisement

މަސްދޯނިތަކަށް ސިފައިން އެރި މައްސަލާގައި އިިންޑިއާއިން އަދި ޖަވާބެއް ނުދޭ

4 ފެބުރުވަރީ 2024 - 10:56 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖޭގެ މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި ހަތިޔާރާ އެކު ހަރަކާތްތެރިވަނީ. މި މަސްދޯނި އޮތީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ފޮޓޯ: މަސްވެރިންގެ ޔޫނިއަން


މަސްދޯނިތަކަށް ސިފައިން އެރި މައްސަލާގައި އިިންޑިއާއިން އަދި ޖަވާބެއް ނުދޭ

4 ފެބުރުވަރީ 2024 - 10:56 0

އިންޑިއާގެ ސިފައިން ހަތިޔާރާއެކު ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، ދިވެހި ތިން މަސް ދޯންޏަކަށް އެރި ސަބަބުން ހާމަ ކުރަން ދިވެހި ސަރުކާރުން އެދުނު ނަމަވެސް އިންޑިއާއިން އަދި އެއްވެސް ޖަވާބެއް ނުދޭކަން އެނގިއްޖެ އެވެ.

ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަަހައްދުގައި މަސްވެރިކަމުގައި އުޅުނު ތިން ދޯންޏަކަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އަރައި މަސްވެރިންނަށް ބިރުދެއްކި މައްސަލާގައި ދިވެހި ސަރުކާރުން މިދިޔަ ހުކުރު ދުވަހު ބުނީ އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނުގެ ތަފްސީލުދޭން އެދިފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓްރީން އެ ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ތަފްސީލު ދޭން އެދުނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަަމަށެވެ.

"އަދަދު" އަަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު މިއަދު ބުނީ އިންޑިއާ ސަރުކާރުން އެކަމުގައި އަދި ވަކި ޖަވާބެއް ނުދޭ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ހަތިޔާރާއެކު ދޯނި ތެރޭގައި ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް އެ ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.

މި މައްސަލަ ދޯނިތަކުން ރިޕޯޓު ކުރުމުން ދިވެހި ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައިރު، އިންޑިއާ ސިފައިން ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށް ސިފައިން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އަސުރުމާ-3 ދޯނީގެ ފަރާތުން ބުދަ ދުވަހު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު އިންޑިއާ ސިފައިން އެ ދޯނީގައި ހަރަކާތްތެރިވި ކަމަށެވެ.

"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.

މި ހާދިސާ ހިނގި ފަހުން ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަކަށް އަރާފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެ އެވެ. އެކަމަކު މި މައުލޫމާތު އަދި ރަސްމީ މަސްދަރަކުން ކަށަވަރުކޮށްދީފައި ނުވެ އެވެ.