Advertisement

ފަހު ވަގުތު މާލީ ބަލިކޮށް އައިވަރީ ކޯސްޓް ސެމީ އަށް

4 ފެބުރުވަރީ 2024 - 11:25 0


ފަހު ވަގުތު މާލީ ބަލިކޮށް އައިވަރީ ކޯސްޓް ސެމީ އަށް

4 ފެބުރުވަރީ 2024 - 11:25 0

އަބިޖާން، އައިވަރީ ކޯސްޓް (ފެބްރުއަރީ 4) - މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ޖެހި ލަނޑާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި ރޭ މާލީ އަތުން 2-1 އިން މޮޅުވެ، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލްގެ ޖާގައެއް އައިވަރީ ކޯސްޓް އިން ހޯދައިފި އެވެ.

އައިވަރީ ކޯސްޓްގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓްގެ އޮޑިލޮން ކޮސޮއުނޯ އަށް ރަތްކާޑު ދެއްކުމުން، މެޗުގެ ބޮޑު ބައި އެ ޓީމު ކުޅުނީ 10 މީހުންނާ އެކު އެވެ.

މާލީ އިން މެޗުގެ 71 ވަނަ މިނިޓުގައި ލީޑު ހޯދީ ނެނޭ ޑޮރްގެލެސް ޖެހި ލަނޑުންނެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އައިވަރީ ކޯސްޓް ބަލިނުވެ ސަލާމަތްވީ މެޗުގެ 90 ވަނަ މިނިޓުގައި ސިމޮން އަޑިންގްރާ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަކުރުމުންނެވެ.

އައިވަރީ ކޯސްޓް މެޗުން މޮޅުވީ މެޗުގެ ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެނިކޮށް އުމަރް ޑިއަކީޓޭ ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމަށް ޖޯޒީ ބޭލުމުން، ޑިއަކީޓޭ އަށް ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދައްކައިފަ އެވެ.

"ލަނޑު ޖެހުމުން ވީ އުފަލެއްގެ ބޮޑު ކަމުން އަހަރެން ހަނދާން ނެތް ރީނދޫ ކާޑެއް ދައްކާފައި އޮތް ކަމެއް،" ޑިއަކީޓޭ ބުންޏެވެ. "އެކަމަކު، އަހަރެން (ސެމީ ފައިނަލްގައި) ނެތަސް ފައިނަލަށް ޓީމު ދާނެކަމުގެ ޔަގީންކަން އެބައޮތް."

މި މުބާރާތުގައި ކުއާޓާ ފައިނަލްގައި ރޭ ކޭޕް ވާޑް އަތުން ދެކުނު އެފްރިކާ 2-1 އިން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.