4 ފެބުރުވަރީ 2024 - 13:26 2
އަހުމަދު އާއިދު
އާޓު ވޯކު: ރައްޔާނު މުހައްމަދު / އަދަދު
4 ފެބުރުވަރީ 2024 - 13:26 2
"އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ މައުލޫމާތުތަކަކީ ޒަމާނުއްސުރެ، އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެން އަޅުގަނޑުމެންގެ ސިއްރެއްގެ ގޮތުގަ ރައޫސުލްމާލެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސިއްރެއްގެ ގޮތުގަ ދެކި އެގޮތަށް ގަބޫލުކޮށް އެފަދައިން އަމަލުކުރަމުން އައި ހާއްސަ މައުލޫމާތު ތަކެއް."
މިއީ، ނިމިދިޔަ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ގާއިމު ކުރި ހައިޑްރޯގްރަފީ އެއްބަސްވުން އުވާލުމަށް މި ސަރުކާރުން ނިންމި ސަބަބު ތަފުސީލު ކުރެއްވުމަށް، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް، ޑިސެމްބަރު 14، 2023 ގައި ބޭނުންކުރެއްވި ސީދާ އިބާރާތެވެ.
އިއްތިފާގުން، އޭގެ މަސް ދުވަސް ފަހުން ޖެނުއަރީ 14، 2024 ގައި ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސާނިޔާ ސިޓީގެ ބަނދަރުން އެ ގައުމުގެ ރިސާޗު އުޅަނދެއް ކަމަށްވާ "ޝިއެން ޔެން ހޮން 3" ފުރި ކަމަށް، 'މެރިޓައިމް އޮޕްޓިމާ' ފަދަ ޓްރެކިން ސައިޓުތަކުން ދައްކަ އެވެ.
އެ ދަތުރުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ "ބުޑުގައި" އެނބުރި އެނބުރި އެވެ. އެކި ފަހަރުމަތިން އެ އުޅަނދު ވަނީ ރާއްޖެގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވެސް ވަދެ، ދެތިން މޭލު އެތެރޭގައި ދުއްވާފަ އެވެ.
ޗައިނާއިން ފުރައިގެން އެ ގައުމުގެ އުޅަނދު ރާއްޖެއަށް ކުރި ދަތުރު - ފޮޓޯ: މެރިޓައިމް އޮޕްޓިމާ
ކަނޑުތަކާއި ފަޅުތަކުގެ ސިއްރުތަކަކީ "ހަމައެކަނި" ދިވެހިންގެ މިލްކެއް ކަމަށް މި ސަރުކާރުން ދިން ޔަގީންކަމާ މެދު މި ހިސާބުން ސުވާލު އުފެއްދުމަކީ އިންސާނީ ތަބިއްޔަތެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ދިވެހީންގެ ސިޔާދަތީ ރަތް ރޮނގުގައި ޗައިނާގެ މި އުޅަނދުން އަޅާނީ ކިހާވަރެއްގެ ބާގަނޑެއް ކަމާމެދު ވިސްނާލުމަކީ ވެސް ކުށަކަށްނުވާނެ އެވެ.
މި އުޅަނދު ރާއްޖެ އަންނަ ވާހަކަތަކުގެ އަޑު ފެތުރެން ފެށީ، ޗައިނާ އެންމެ ވާދަވެރި އިންޑިއާގެ ނޫސްތަކުގަ އެވެ. ހައިޑޮގްރަފީ އެއްބަސްވުން އުވާލުން ފަދަ، އާ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ ނުރުހިފައި ތިބި އިންޑިއާއިން އިވޭހާ އަޑެއް ގަބޫލުކުރަން ވެސް ދައްޗެވެ.
ނަމަވެސް ޒާމާނީ ޓެކްނޮލަޖީއާއެކު މައުލޫމާތު ހޯދުމުގައި ލިބިފައިވާ ފަސޭހައިގެ ބޭނުން ހިފާ އެ އަޑުތަކުގައި ހުރި ތެދުމިން ބެލިއިރު، އެ އުޅަނދު އޮތީ އިންޑޮނީޝިއާގެ ބޭރުން ޖާވާ ކަނޑުގަ އެވެ. މަންޒިލެއްގެ ގޮތުގައި އޮތީ ރާއްޖެ އެވެ.
އެއާއެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މައުލޫމާތު ހޯދުމަށް އެކި މަސައްކަތްކޮށް ޖަވާބު ނުލިބި އޮއްވާ އެ ބޯޓު ރާއްޖެ އަންނަކަން ހާރިޖިއްޔާއިން ކަށަވަރުކޮށްދީފި އެވެ. ނަމަވެސް، ޖެނުއަރީ 23, ގައި ނެރުނު ބަޔާނުގައި އެ ވުޒާރާއިން ބުނެފައިވަނީ ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އާ ކުރަން ކަމަށެވެ.
"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ބަޔާނުގައިވެ އެވެ.
ކިޔުންތެރިން ހިޔާލަށް ގެންނަވާށެވެ. އެ ބަޔާން ނެރުމުގެ ނުވަ ދުވަސް ކުރިން ޗައިނާގެ އުޅަނދު އޮތީ އެ ގައުމުގަ އެވެ. އަމިއްލަ ގައުމުން ފުރައިގެން އިތުރު މަންޒިލަކަށް ނުގޮސް 3480 އެއްހާ މޭލު ދުއްވާފައި "ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް" މި އުޅަނދު ރާއްޖެއަށް އައުމަކީ ސަބަބުވެރި ވިސްނުމަކަށް ގަބޫލުކުރެވޭ އުޒުރެއް ނޫނެވެ.
ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ އެންމެ އެޑްވާންސް އުޅަނދެވެ.
މީގެ ހަ އަހަރު ކުރިން 2019 ގައި ޗައިނާއިން ހެދި އެ އުޅަނދު އެ ގައުމުން ދަނީ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ބޭނުންކުރަމުންދެ އެވެ. ވަސީލަތްތަކުގެ ގޮތުން ތިޔާގި މި އުޅަނދަކީ ދިގު ދަތުރުތައްކޮށް ގިނަ ދުވަސްތަކަކަށް ބަހާލައިގެން ދިރާސާ ކުރުމުގެ ފުރިހަމަ ގާބިލުކަން ހޯދާފައިވާ އުޅަނދެކެވެ.
އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތައް ހިމެނޭއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތަފުސީލީ މައުލޫމާތު ހޯދުމުގެ ފުރިހަމަ ގާބިލުކަން މި އުޅަނދަށް ލިބިގެންވެ އެވެ.
ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތައް ނުވަތަ ޑްރޯންތަކުން ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.
ދުރު ރާސްތާތަކަށް ދަތުރުކުރެވޭ މި ބޮއިތައް ބޭނުންކޮށްގެން، ރާއްޖޭގެ ކަނޑުން ބޭރުގައި އޮވެގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައުލޫމާތު އެއް ކުރުމުގެ ގާބިލުކަންވެސް މި އުޅަނދަށް ލިބިގެންވެ އެވެ.
އެންގުމަކާ ނުލާ އެފަދައިން މި އުޅަނދުން އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދަށް ބޮއިތައް ނުވަތަ ޑްރޯންތައް ދޫކުރި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. މިފަހަރުގެ ދަތުރުގައި ވެސް ޓްރާންސްޕޮންޑާ ނިއްވާލުމާ ގުޅިގެން އިންޑޮނީޝިއާއިން ވަނީ ޗައިނާގެ ރިސާޗު އުޅަނދު އެ ގައުމުގެ ކަނޑުން ބޭރުކޮށްފަ އެވެ.
ޗައިނާގެ ސާވޭ އުޅަނދެއް ރާއްޖެއަށް ދަތުރުފަށާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ފުޅަށް މަތިން އަރާ ފައިބަމުން މި ދަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރަކަށްފަހު އެވެ.
އެ ގައުމާއެކު 20 އެއްބަސްވުމެއްގައި ސޮއިކުރައްވުމަށްފަހު، މިދިޔަ މަހުގެ 13 ގައި މާލެ އެނބުރި ވަޑައިގެންނެވިތާ 24 ގަޑީރު ތެރޭގައި މި އުޅަނދު އޮތީ ދަތުރު ފަށާފަ އެވެ. އޭރުވެސް މަންޒިލަކީ ރާއްޖެ އެވެ. ސުވާލު އުފެދޭނެ އިތުރު ޖާގަ ލިބެނީ މި ތާރީހުތަކުގައި ހުރި ގާތްކަމުންނެވެ.
ކުރިން މި ބުނެވުނު އެއްބަސްވުންތަކުގެ ތަފުސީލެއް ރާއްޖެ އަދި ޗައިނާއިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ޗައިނާއިން އެ ތަފުސީލުތައް ދޭން ފާޅުގައި ދެކޮޅު ހެދި ނަމަވެސް ރާއްޖެއިން ބުނަމުން ދަނީ އެއްބަސްވުންތައް ކުރިއަށް އޮތްތަނުގައި ހާމަކޮށް ތަފުސީލު ދޭނެ ކަމަށެވެ.
ނަމަވެސް، އިންޑިއާއާއެކު އޮތް ހައިޑޯގްރަފީ އެއްބަސްވުން އުވާލުމަށްފަހު ވާހަކަ ދައްކަވަމުން ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރާސާތައް އެއްވެސް ބޭރު ގައުމަކުން ކުރިއަށްގެންދިޔުމަށް ދެކޮޅު ހައްދަވާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވީ ޑިސެމްބަރު 16, 2023 ގައި ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގަ އެވެ.
"ރާއްޖޭގެ ކަނޑު އަޑީގެ ބަތާނާ އެހެން ދައުލަތަކުން ހޯދާ ކުރެހުމަކީ އެއީ ދިވެހިންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހިންގެ ހައްގެއް, ދިވެހިން ގައުމީ ވާޖިބެއް. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހިން," ގައުމީ ރޫހުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ހަގީގަތަކީ، ޗައިނާގެ އުޅަނދު މިހާރު ދަތުރުކުރަމުން އެ ދަނީ ކަނޑުގެ ދިރާސާތައް ކުރުމަށް، އެފަދަ އުޅަނދުތައް ދަތުރުކުރާ ނުވަތަ 'އެނބުރޭ' ޕެޓާނަކަށް ކަމެވެ. އެތައް ގޮތަކުން ގާބިލު މި އުޅަނދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ނުކުރާނެ ކަމުގެ ޔަގީންކަމެއް ރާއްޖޭގެ ސަރުކާރަކަށް ވެސް ނެތެވެ. އެކަން ބެލޭނެ ގޮތެއް ވެސް ނެތެވެ.
ރައީސް އޮފީހުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި އުޅަނދާ ގުޅިގެން ކުރިމަތި ކުރުވި ސުވާލުތަކަށް، އެ އޮފީހުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ދުނިޔޭގެ ކަނޑުތައް ދިރާސާކޮށް މައުލޫމާތު އެއްކުރުމަކީ ހަމައެކަނި ޗައިނާއިން ކުރާ ކަމެއް ނޫނެވެ. މޫސުމީ ބަދަލުތަކާއި ކަނޑުގެ ދިރުންތަކާއި ޖިއޮލޮޖީ އަދި މައުދަންތައް ހޯދުމަށް ދުނިޔޭގެ ޑަޒަނަކަށް ވުރެ ގިނަ ގައުމުން ދަނީ ދިރާސާ ކުރަމުންނެވެ.
ކަނޑުގެ ދިރާސާތައް ޗައިނާއިން ކުރިއަށްގެންދާތީ ކަންބޮޑުވަނީ އެ ގައުމުން މަދަނީ ބޭނުމަށް ކުރާ ދިރާސާ އާއި އަސްކަރީ ދިރާސާތަކާ ދެމެދު އޮންނަ ތަފާތު ނޭނގޭތީ ކަމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ލަފާ އަރުވާ އެމެރިކާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) އިން ބުނެފައިވެ އެވެ.
ސީއެސްއައިއެސް އިން އެއްކޮށްފައިވާ މައުލޫމާތުތައް އިޝާރާތް ކުރާ ގޮތުން، ޗައިނާގެ މަދަނީ އަދި އަސްކަރީ ރިސާޗުތަކުގެ ދެމެދުގައި ސާފު ރޮނގެއް ނެތެވެ. އެކަމުގެ އެއް ސަބަބަކީ މަދަނީ ދިރާސާތައް ކުރާ އުޅަނދުތަކާއި ކުންފުނިތައް އަދި އިދާރާތަކާ ޗައިނާގެ ސަރުކާރު އަދި އެ ގައުމުގެ އަސްކަރިއްޔާއާ އޮންނަ ގާތް ގުޅުމެވެ. މައުލޫމާތު ހިއްސާ ކުރުމުގައި އޮންނަ ބަދަހި ކަމެވެ. ކުރިން އަސްކަރިއްޔާގައި ބޭނުންކުރި އުޅަނދުތައް މަދަނީ ދިރާސާތަކަށް ބޭނުންކުރަމުން ދިޔުމެވެ.
މި އުޅަނދުތަކުން ޗައިނާގެ އަސްކަރިއްޔާގެ ބަނދަރުތަކުގައި ބަނދަރުކުރާކަމާއި އެ ހާލަތްތަކުގައި މި އުޅަނދުތަކުން ޓްރެކިން ސިސްޓަމްތައް ނިއްވާލާފައިވާ އެތައް ހާދިސާތައެއް އެކި ގައުމުތަކުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމަށް ބާރުދޭ މައުލޫމާތު ސީއެސްއައިއެސްގެ ހޯދުންތަކުން ފެންނަން އެބަހުއްޓެވެ.
އެގޮތަށް ޓްރެކިން ނުވަތަ އޭއައިއެސް ސިސްޓަމްތައް ނިއްވާލައިގެން ޗައިނާގެ ރިސާޗު އުޅަނދުތަކުން ހަރަކާތްތެރިވެފައިވަނީ ހަމައެކަނި ބަނދަރުތަކަކު ނޫނެވެ. އެކި ގައުމުތަކުގެ ހާއްސަ ކަނޑުގެ ސަރަހައްދާއި ބައިނަލްއަގުވާމީ ކަނޑުތަކުގައި ވެސް މިފަދައިން ހަރަކާތްތެރިވެފައިވެ އެވެ. އެކި ގައުމުތަކާއި ޗައިނާއާ ދެމެދު މިފަދަ މައްސަލަތަކުގެ ހާރިޖީ ކޯޅުންތައް ވެސް އުފެދިފައިވެ އެވެ.
ޗައިނާގެ ރިސާޗު އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އެންމެ ބޮޑަށް ބަސް ބުނަނީ އިންޑިއާއިންނެވެ. އަދި, ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާ ވެސް ހިމެނެ އެވެ.
ސަބަބަކީ އިންޑިއާ ކަނޑުގެ ހާއްސަ ކަމެވެ. ދުނިޔޭގެ ސަލާމަތާއި ވިޔަފާރީގެ ރައްކާތެރިކަމުގައި ވެސް މި ކަނޑު ކުޅޭ ތަފާތު ރޯލެވެ. ދުނިޔެ ދުށް ދެ ބޮނޑު ހަނގުރާމައިގައި ވެސް އަދި ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތް ބޮޑެތި ހަނގުރާމަތަކުގައި ވެސް މި ކަނޑާއި ކަނޑުގެ އަޑި ކުޅޭނެ ރޯލެވެ.
އެ ކުރެހުންތަކާއި އަޑީގެ ވަނަވަރު އޮތުމަކީ، ކަނޑު އަޑިން ހިނގާނެ އެ ހަނގުރާމަތަކުގައި އެންމެ އަގުބޮޑު ހަތިޔާރަށްވާނެކަން ޔަގީނެވެ.
އިންޑިއާގެ އިތުރުން، ޗައިނާގެ ރިސާޗު އުޅަނދުތައް ވަނުން ލަންކާގެ ސަރުކާރުން ވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ. ލަންކާ ސަރުކާރުން މިގޮތަށް ނިންމީ އިންޑިއާއިން ޕްރެޝަރުކޮށްގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ރައީސް މުއިއްޒުގެ މެސެޖުތައް ވަރުގަދަ އެވެ. އެމަނިކުފާނު ދަންމަވާނެ ކަމަށް ވިދާޅުވި ރަތް ރޮނގުގެ ފުޅާމިނުން ދިވެހި ގައުމިއްޔަތުގެ އާރޯކަން ފެންނާނެ ކަމުގެ އުންމީދުތަކެއް ވެސް ދައްކުވައިދިނެވެ. ނަމަވެސް، އެއް ބަޔަކަށް ފަލަ އެ ރޮނުގައި އެނބުރެމުން، ދިވެހި ކަނޑުގެ ބަތާނައިން ސިއްރުތައް އެއްކުރަން ޗައިނާގެ އުޅަނދުތަކަށް ދެވޭ ކިތަންމެ ހަނި ފުރުސަތަކީވެސް، މި ފުޅާ ރޮނގުގައި އެޅޭނެ ބިޔަ ބޮޑު ބާގަނޑެކެވެ.
Comment