Advertisement

ނަޒޫ، މޫކޭ، މާޒް ސަލީމްއަށް އެމްޑީޕީގެ ޓިކެޓު

3 ފެބުރުވަރީ 2024 - 19:54 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާޒް ސަލީމް, ނަޒްރާ ނަސީމް އަދި މޫސާ އަލިމަނިކު


ނަޒޫ، މޫކޭ، މާޒް ސަލީމްއަށް އެމްޑީޕީގެ ޓިކެޓު

3 ފެބުރުވަރީ 2024 - 19:54 2

ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް އާއި މިދިޔަ ސަރުކާރުގައި އާރުޑީސީގެ އެމްޑީގެ މަގާމު ފުރުއްވި މޫސާ އަލިމަނިކުގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރު ނަސީރުގެ ރަނިން މޭޓުގެ ގޮތުގައި ވާދަ ކުރެއްވި، މާޒް ސަލީމްއަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމްގެ ކޮއްކޮ، ނަޒްރާ ނަސީމް ވާދަ ކުރެއްވީ އުފަން ރަށް، ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. އެމްޑީޕީގެ ޓިކެޓު އޭނާ ކާމިޔާބު ކުރެއްވީ އެ ދާއިރާއަށް ވޯޓުލީ ޖުމުލަ 511 މީހުންގެ ތެރެއިން 434 މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާގެ ޓިކެޓަށް ދެން ވާދަ ކުރެއްވި އަބްދުﷲ އަފީފުއަށް ލިބިވަޑައިގެންނެވީ 70 ވޯޓެވެ.

މިދިޔަ ސަރުކާރުގައި އާރުޑީސީގެ އެމްޑީ އަދި ގާނޫނީ ވަކީލް، މޫސާ އަލިމަނިކު (މޫކޭ) އަށް ހުޅުމާލެ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރުވީ 70 ވޯޓު ހޯއްދަވައިގެންނެވެ. މޫކޭއާ ދެން ވާދަކުރެއްވި އަބްދުﷲ ނަސީރު މުހައްމަދަށް ލިބިވަޑައިގެންނެވީ 66 ވޯޓެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރެއްވި، އަހުމަދު ސަލީމް (މާޒް) ވެސް ވަނީ މިއަދުގެ އިންތިހާބުގައި ކާމިޔާބު ހޯއްދަވައި ހެންވޭރު ހުޅަނގު ދައިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. މާޒް ސަލީމްއާއެކު އެ ދާއިރާގެ ޓިކެޓަށް ދެން ވާދަ ކުރެއްވީ އަހުމަދު ސަލީމް (ހީނާ) އާއި ހުސެއިން ޝާކިރު އެވެ. އެ ދާއިރާގެ ޓިކެޓު މާޒް ސަލީމް ކަށަވަރު ކުރެއްވީ 61 ވޯޓު ހޯއްދަވައިގެންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ހީނާ ސަލީމްއަށް ލިބިވަޑައިގެންނެވީ 42 ވޯޓެވެ.

އޭގެއިތުރުން މިއަދުގެ އިންތިހާބުގައި ވާދަކުރި ކާށީދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒު ޖާބިރު ވެސް ވަނީ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އދ. މަހިބަދޫ ދާއިރާގެ ޓިކެޓު މުއާޒް ކާމިޔާބު ކުރެއްވީ 234 ވޯޓު ހޯއްދަވައިގެންނެވެ. އެއީ އިންސައްތައިން ބަލާނަމަ، 68.02 އިންސައްތަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވި އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

މިއަދުގެ އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއެކު އެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފަ އެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ހުރި ދާއިރާތަކަށް ވެސް ވާދަ ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.