Advertisement

ރާއްޖެ އަށް މި ފަހަރު ސްރީ ލަންކާ މުބާރާތުގެ ދައުވަތެއް ނެތް

3 ފެބުރުވަރީ 2024 - 16:16 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގެ ތެރެއިން.--


ރާއްޖެ އަށް މި ފަހަރު ސްރީ ލަންކާ މުބާރާތުގެ ދައުވަތެއް ނެތް

3 ފެބުރުވަރީ 2024 - 16:16 0

ސްރީ ލަންކާ އިން އަންނަ މަހު ހޯސްޓް ކުރާ ފީފާ ސީރީސްގެ މުބާރާތުގެ ދައުވަތު ރާއްޖެ އަށް ނުފޮނުވާ، މުބާރާތުގައި ބޫޓާން ބައިވެރިކުރަން ނިންމައިފި އެވެ.

ރާއްޖޭން ވަނީ 2021 ވަނަ އަހަރު ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ޓްރޮފީ މުބާރާތުގައި ވާދަކޮށްފަ އެވެ.

ސީލެޝްލްސް ޗެމްޕިއަންކަން ހޯދި މުބާރާތުގައި ރާއްޖޭ އާއި ލަންކާގެ އިތުރުން ދެން ވާދަކުރީ ބަންގްލަދޭޝް އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ލަންކާގެ ފުޓްބޯޅަ ރައީސް ޖޭސްވާލް އުމަރު ވަނީ ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ އަށް ފަހު، ލަންކާގައި ސީރީސްއެއްގެ ނަމު ފީފާގެ އެންޑޯޒްމަންޓާ އެކު މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، އަންނަ މަހު، ފީފާ ދުވަސްތަކަށް ތާވަލުކޮށްގެން މުބާރާތުގައި އޭޝިއާގެ އެއް ޓީމާއި އޯޝެނިއާގެ އެއް ޓީމާއި އެފްރިކާގެ އެއް ޓީމު ބައިވެރިކުރަން ވަނީ ނިންމައިފަ އެވެ.

"އަދަދު" އަށް އެނގިފައިވާގޮތުގައި، ލަންކާގެ މި ފީފާ ސީރީސް މުބާރާތުގައި، އޭޝިއާގެ ޖާގަ ދޭން ފުރަތަމަ ވިސްނީ ރާއްޖެ އަށެވެ.

އެކަމަކު، "އަދަދު" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މިއަދު، ވިދާޅުވީ، ރާއްޖެ އަށް ލަންކާގެ އެ މުބާރާތުގެ ދައުވަތު ލިބިފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުން ރާއްޖެ އަށް މި މުބާރާތުގެ ދައުވަތު ދީފައިނުވަނީ، މި ވަގުތު ދިވެހި ފުޓްބޯޅަ އޮތް ހާލަތުންނެވެ. އެފްއޭއެމްގެ ލީޑަޝިޕްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުން އަންނައިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދާދި ފަހުން ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި މި ވަގުތު ކުރިއަށްދަނީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. އަންނަ ސީޒަނުގެ ފުރަަތަމަ ޑިވިޝަން ފަށާނެ ތާރީހެއް އަދި ނޭނގެ އެވެ. އެކަން އެނގެން އޮތީ، އެފްއޭއެމްގެ އިންތިހާބެއް ބާއްވައިގެންނެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަ މަހުގެ މުބާރާތުގެ އޭޝިއާ ސްލޮޓްގެ ދައުވަތު ދީ މުބާރާތުގައި ބައިވެރިކޮށްފައިވަނީ ބޫޓާން އެވެ. ދެން އެ މުބާރާތުން ފެންނާނީ ޕަޕުއާ ގިނީ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އެވެ.

ހަތް މަހުގެ ސަސްޕެންޝަނަކަށް ފަހު، ސްރީ ލަންކާ ފުޓްބޯޅަ ރަނގަޅުކުރަން ކުރާ މަސައްކަތުގައި، މި މުބާރާތުގެ ބޭނުންހިފޭނެ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރެ އެވެ.