9 ސެޕްޓެންބަރު 2025 - 19:09 0
9 ސެޕްޓެންބަރު 2025 - 19:09 0
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދައިފި އެެވެ.
މި މުބާރާތަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު، ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ، ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅޭށެވެ. އެ ގޮތުން، ފުރަތަމަ ލެގުގައި، މި މަހު ހަ ވަނަ ދުވަހު ރާއްޖޭން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގުގައި މިރޭ ރާއްޖޭން ވަނީ 1-1 އިން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 އިން މޮޅުވެފަ އެވެ.
ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ނުކުތްއިރު، ގައުމީ ޓީމުގެ ފުރަތަމަ އެގާރަ އަށް ގެނެސްފައިވާ ބަދަލަކީ، ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ފުރަތަމަ އެގާރައިގައި ނެތުމެވެ. ކެޕްޓަން ބޭންޑް އަޅައިގެން މެޗު ފެށީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗު ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭގައި ރާއްޖޭން ގޯލު ޖަހަން ތިން ފުރުސަތު ތަނަވަސްކުރި އެެވެ. އެ ގޮތުން، ފަސް ވަަނަ މިނިޓްގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން، ހަމްޕު ދިން ބޯޅައެއް ހިފައިގެން، އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅައެއް ލަންކާ ކީޕަރު، ސުޖަން ޕެރެއިރާ ވަނީ މަތަކޮށްފަ އެވެ. އަދި، ރާއްޖޭގެ ހައިޝަމް ހަސަން (ބިޑި) ޖެހި ބޯޅައެއް ލަންކާ ކުޅުންތެރިން ގޯލު ރޮނގުމަތިން ސަލާމަތްކުރި އެވެ.
އޭގެ ފަހުން ވެސް ކައުންޓަ އެޓޭކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބި ދިޔައީ ބޭނުންނުކުރެވި އެވެ.
ފުރަތަމަ ހާފުގައި ލަންކާ އަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެ ގޮތުން، އެ ޓީމުގެ ޑިލޯން ޑި ސިލްވާ އަށް ލިބުނު އެއް ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، އޭރިއާތެރެއިން ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި، ލަންކާގެ ފޯވާޑް، ވަސީމް ރަޒީކް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ރާއްޖޭން ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އަހުމަދު ރިޒްވާން (ރިޒޭ) އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި، ސަމުއްޓެ ކުޅެން ނެރުނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ލަންކާ އިން ކުރިއަށް ޖެހިގެން އެޓޭކް ގިނަކޮށް ކުޅެން މަސައްކަތްކުރި އެވެ. އެކަމަކު، ކައުންޓަ އެޓޭކުގައި ރާއްޖޭން ދިޔައީ ފުރުސަތު ތަނަވަސްކުރަމުންނެވެ. މެޗުގެ 66 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ލީޑުނަގައިފަ އެވެ. އޭގެ ހަ މިނިޓް ކުރިން، ބަދަލަކަށް އެރި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން ފޭދޫ އިއްބެ ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގުމައްޗަށް އައި ވަގުތު ރަނގަޅު ތަނަށް އަރައި، ނާއިޒު ހަސަން (ދާދު) ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މި މެޗުގައި ލަންކާގެ އެޓޭކްތައް ހުއްޓުވުމުގައި ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައި، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ލަންކާ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން ރާއްޖޭގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވުނު ބޯޅައެއް ހޯދައި، ލަންކާގެ ފޯވާޑް އޮލިވާ ކެލާޓް ޖެހި ގޯލެކެވެ.
ސައުތު އޭޝިއަން ސުޕަ ކަޕަށް އައިއިރު، ރާއްޖޭން އެންމެ ފަހުން ކުޅުނު ފަސް މެޗުން އޮތީ ބަލިވެފަ އެވެ. އެކަމަކު، މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވެ، ޓީމުގެ ކަންކަން ރަނގަޅުކޮށް މި ވަނީ މުހިންމު ވަގުތެއްގައި ރާއްޖޭގެ ފުޓްބޯޅަ އަށް ކާމިޔާބެއް ހޯދައިދީފަ އެެވެ. މޯހަން އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ތަށްޓެއް ހޯދައިދިން ފުރަތަމަ ދިވެހި ކޯޗެވެ.
ރާއްޖޭން ވަނީ 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި، 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކުރިއިރު، މި އަހަރު މި ވަނީ މުޅިން އަލަށް ބޭއްވި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ކާމިޔާބުކުރީ، ޖޯސެފް ޔަންކޭޒް އެވެ. އަދި، 2012 ވަނަ އަހަރު ރާޖަޕަކްސަ މުބާރާތް، ހަންގޭރީގެ ކޯޗު، އިސްތަވާން އުރްބާނީއާ އެކު ކާމިޔާބުކުރިއިރު، 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިިޔާބުކުރީ، ޕީޓަ ސެގާޓްގެ ކޯޗުކަމުގަ އެވެ.
Comment