Advertisement

އެފްރިކަން ކަޕްގެ ސެމީގެ ފުރަތަމަ ޖާގަތަށް ނައިޖީރިއާ އާއި ކޮންގޯ އަށް

3 ފެބުރުވަރީ 2024 - 10:35 0

ނައިޖީރިއާގެ ލުކްމަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އެފްރިކަން ކަޕްގެ ސެމީގެ ފުރަތަމަ ޖާގަތަށް ނައިޖީރިއާ އާއި ކޮންގޯ އަށް

3 ފެބުރުވަރީ 2024 - 10:35 0

އަބީޖާން، އައިވަރީ ކޯސްޓް (ފެބްރުއަރީ 3) - މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތަށް ނައިޖީރިއާ އާއި ކޮންގޯ އިން ހޯދައިފި އެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ނައިޖީރިއާ އިން ވަނި 1-0 އިން އެންގޯލާ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ކޮންގޯ އިން ގިނީ ބަލިކުރީ 3-1 އިންނެވެ.

ނައިޖީރިއާ އިން އެންގޯލާގެ މައްޗަށް ކުރިހޯދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ 41 ވަނަ މިނިޓްގައި އަޑެމޯލާ ލުކްމަން އެވެ. މެޗުގެ 75 ވަަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް، ވިކްޓަ އޮސީމެން ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.

އެންގޯލާ އިން މި މެޗުގައި ނައިޖީރިއާ ބަލިކޮށްފިނަމަ، ގިނަ ބޯނަސްތަކެއް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، ރޭގެ މެޗުގައި ނައިޖީރިއާ އަތުން މޮޅުވެވޭ ވަރުގެ ކުޅުމެއް ދެއްކޭ ވަރަށް ވުރެ، އެންގޯލާ ފެނުނީ ދަށްކޮށެވެ.

ސެމީ ފައިނަލުގައި ނައިޖީރިއާ ކުޅޭނީ ކުއާޓާ ފައިނަލުގައި މިރޭ ކޭޕް ވާޑް އާއި ދެކުނު އެފްރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކުއާޓާގައި ރޭ ކުޅުނު އަނެއް މެޗުގައި ގިނީ އަތުން ކޮންގޯ މޮޅުވީ ފަހަތުން އަރަ އެވެ. ގިނީގެ މުހައްމަދު ބަޔޯ އެ ޓީމަށް 20 ވަނަ މިނިޓްގައި ލީޑުނަގައިިދިން މި މެޗުގައި، ކޮންގޯގެ ލަނޑުތައް ޖެހީ، ޗަންސެލް އެމްބެމްބާ، ޔޮއާން ވިއްސާ އަދި އާތޫރު މަސުއާކޫ އެވެ.

ކޮންގޯ އިން ވަނީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަަހަރު އެ ޓީމުން ނިންމާލީ ތިން ވަނައިގަ އެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ ސެމީ ފައިނަލުގައި ކޮންގޯ ކުޅޭނީ ކުއާޓާގައި އައިވަރީ ކޯސްޓާއި މާލީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.