Advertisement

ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ދިވެހި ދޯންޏަކަށް އެރި: ޔުނިއަން

3 ފެބުރުވަރީ 2024 - 09:57 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންޑިއާ ސިފައިން، ބުރާސްފަތި ދުވަހު ދިވެހި ދޯންޏަކަށް އަރާ މަންޒަރުގެ ފޮޓޯއެއް - ފޮޓޯ: ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން


ބުރާސްފަތި ދުވަހު ވެސް އިންޑިއާ ސިފައިން ދިވެހި ދޯންޏަކަށް އެރި: ޔުނިއަން

3 ފެބުރުވަރީ 2024 - 09:57 1

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އިންޑިއާ ސިފައިންގެ ބަޔަކު ދިވެހި ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން މިއަދު ބުނެފި އެވެ.

މިއަދު ހެނދުނު އިރާކޮޅު އެ ޔުނިއަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުން، އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ދިވެހި ދޯންޏަކަށް އެރީ ހއ. މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުން ރޭގަނޑު ދަންވަރު އެވެ. އެއީ "މާހޯރަ3" ނަމަކަށް ކިޔާ ދޯންޏެކެވެ.

"އެކެއް ފެބްރުއަރީ 2024 ވަނަ ދުވަހުގެ ރޭ މާހޯރަ3 ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައި، މި މައްސަލަވަނީ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައި،" ޔުނިއަނުން ލިޔެފައިވެ އެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޔުނިއަނުން ބުނެފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު، އިންޑިއާ ކޯސްގާޑުގެ ދެ މަނަވަރަކުން އައިސް ދިވެހި ތިން ދޯންޏަކަށް އަރާ އިންޒާރު ދިނުމުގެ މައްސަލައެއް ފެންމަތިވެފައިވެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް ވެސް އިއްޔެ ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އެކްސްގައި ޕޯސްޓުކޮށްފައިވެ އެވެ. އެ ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ސާފުކޮށް ފެނެ އެވެ.