Advertisement

ވިޔަފާރިތަކާއި މީހުންނަށް ދޫކޮށްފައި ހުރި ލޯނުތަކުގެ އަގު 40 ބިލިއަނަށް އަރާ!

1 ފެބުރުވަރީ 2024 - 12:25 0

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓުގައި ބަޔަކު ފައިސާއިން މުއާމަލާތެއް ކުރަނީ: އެންމެ ގިނަ ލޯނު ދޫކޮށްފައި ހުރީ ޓޫރިޒަމާއި އަމިއްލަ މީހުންނަށް -- އަދަދު ފައިލް ފޮޓޯ


ވިޔަފާރިތަކާއި މީހުންނަށް ދޫކޮށްފައި ހުރި ލޯނުތަކުގެ އަގު 40 ބިލިއަނަށް އަރާ!

1 ފެބުރުވަރީ 2024 - 12:25 0

ބޭންކުތަކާއި މާލީ އިދާރާތަކުން އަމިއްލަ ވިޔަފާރިތަކަށާއި މީހުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ އަގު 40 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކުރި ޖެނުއަރީގެ ތަފާސްހިސާބު ރިޕޯޓުން ދައްކާ ގޮތުގައި ޑިސެމްބަރުގެ ނިޔަލަށް ލޯނާއި އެޑްވާންސް ފައިސާގެ ގޮތުގައި 40 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައި ހުރީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައި ހުރީ ކޮންސްޓްރަކްޝަން ވިޔަފާރިތަކަށެވެ.

އެކި ސިނާއަތްތަކަށް ދޫކޮށްފައި ހުރި ލޯނު (ޑިސެމްބަރު 2023 ގެ ނިޔަލަށް)

  • ފަތުރުވެރިކަން - 12.4 ބިލިއަން ރުފިޔާ
  • އިމާރާތްކުރުން - 7.7 ބިލިއަން ރުފިޔާ
  • ޕާސަނަލް ލޯނު - 5.7 ބިލިއަން ރުފިޔާ
  • ވިޔަފާރި - 4.8 ބިލިއަން ރުފިޔާ
  • ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން - 3.7 ބިލިއަން ރުފިޔާ

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވި ފަސް އަހަރުގެ ތެރޭގައި 13.9 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ލޯނު ދޫކުރީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ ތެރޭގައި ބޭންކުތަކުން 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

އެކި އަހަރުތަކުގައި ދޫކޮށްފައި ހުރި ޖުމްލަ ލޯނުތަކުގެ އަގު

  • 2019 - 1.9 ބިލިއަން ރުފިޔާ
  • 2020 - 2.8 ބިލިއަން ރުފިޔާ
  • 2021 - 2.3 ބިލިއަން ރުފިޔާ
  • 2022 - 2.1 ބިލިއަން ރުފިޔާ
  • 2023 - 4.6 ބިލިއަން ރުފިޔާ

ތަފާސްހިސާބުތަކުން ފާހަގަވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ލޯނު ދޫކޮށްފައި ހުރީ، ޖުމްލަ ލޯނުތަކުގެ ވެސް އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރާ އަދި ދިވެހި އިގުތިސޯދުގައި އެންމެ ހިއްސާ ބޮޑު، ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެ ދާއިރާގެ ވިޔަފާރިތަކަށް ފަސް އަހަރުގެ ތެރޭގައި 3.9 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ދެން އެންމެ ގިނައިން ދޫކޮށްފައި ހުރީ އަމިއްލަ މީހުންނަށް ދޫކޮށްފައި ހުރި ޕާސަނަލް ލޯނުތަކެވެ. މި މުއްދަތުގެ ތެރޭގައި 3.5 ބިލިއަން ރުފިޔާގެ އަގުހުރި ލޯނު މީހުންނަށް ދޫކޮށްފައިވެ އެވެ. އެހެން ހުރިހާ ދާއިރާއަކުން ދޫކޮށްފައި ހުރި ލޯނުތަކުގެ އަގު ވެސް ވަރަށް ބޮޑަށް މަތިވެފައިވެ އެވެ. ދޫކޮށްފައި ހުރި ލޯނުތަކުގެ އަގު ދަށަށް ދިޔަ ހަމައެކަނި ދާއިރާއަކީ އުފެއްދުންތެރިކަމުގެ ދާއިރާ އެވެ.