Advertisement

ޕެނަލްޓީ ނުނިމެނިސް މަންޗިނީ ބެންޗުން ދިއުމުން ސައުދީ ފުޓްބޯޅަ ރައީސް ނުރުހިއްޖެ

31 ޖަނަވަރީ 2024 - 21:05 0


ޕެނަލްޓީ ނުނިމެނިސް މަންޗިނީ ބެންޗުން ދިއުމުން ސައުދީ ފުޓްބޯޅަ ރައީސް ނުރުހިއްޖެ

31 ޖަނަވަރީ 2024 - 21:05 0

ދޯހާ، ގަަތަރު (ޖެނުއަރީ 31) - އޭޝިއަން ކަޕްގެ ގަދަ 16 ބުރުގައި ދެކުނު ކޮރެއާ އަތުން ޕެނަލްޓީ ޖަހައިގެން، ސައުދީ އަރަބިއްޔާ ބަލިވި މެޗުގައި ފަހު ޕެނަލްޓީ ޖެހުމުގެ ކުރިން ސައުދީގެ ކޯޗު އިޓަލީގެ ރޮބާޓޯ މަންޗިނީ ދަނޑުން ދިއުމުން، އެކަމާ ސައުދީ ފުޓްބޯޅަ ރައީސް، ޔާސިރު އަލް މިސެހާލް ނުރުހުން ފާޅުކުރައްވައިފި އެވެ.

ސައުދީން އެއް ގޯލުގެ ލީޑެއްގައި އޮއްވައި، ދެކުނު ކޮރެއާ އިން އެއްވަރުުކުރީ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުމަށް ފަހު ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީގައި ކޮރެއާ މޮޅުކޮށްދިން ޕެނަލްޓީ އެ ޓީމުގެ ހްވާން ހީ ޗާން ފޮނުވާލުމުގެ ކުރިން، މަންޗިނީ ވަނީ ޓަނަލް ތެރެއިން ޗޭންޖިން ރޫމަށް ގޮސްފަ އެވެ.

އެކަމާ ބެހޭގޮތުން މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން، މަންޗިނީ ބުނީ، ޗޭންޖިން ރޫމަށް ދިޔައީ މެޗު ނިމުނުކަމަށް ހީކޮށް ކަމަށާއި އެކަމާ މާފަށް އެދޭ ކަމަށެވެ.

ސައުދީގެ ޓީވީއެއް ކަމަށްވާ އެސްއެސްސީ އަށް ދިން އިންޓަވިއުއެއްގައި، ސައުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު ވިދާޅުވީ، މަންޗިނީގެ ފަރާތުން ފެނުނު އެ ކަންތައްތަކަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"ކޯޗު އެ ގޮތަށް ދިއުމަކީ އެއް ގޮތަކަށް ވެސް ބަލައިގަންނަން ފަސޭހަ ކަމެއް ނޫން. އެކަމާ އަހަރެމެން މަޝްވަރާ ކުރާނަން. އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވުން މުހިންމު،" ޔާސިރު ވިދާޅުވި އެވެ.

ފުޓްބޯޅަ އަށް ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ސައުދީން ތައްޔާރުވަމުން އަންނަނީ 2034 ވަަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރަން މަސައްކަތްކުރާ ފީފާ ވޯލްޑް ކަޕްގެ ކުރިން އެ ގައުމުގެ ފުޓްބޯޅަ ކަންކަން ވަރުގަދަ ކުރުމަށެވެ.

އޭގެ އިތުރުން ސައުދީން އެންމެ ބޮޑު ޕްލޭނެއް އެކުލަވާލައިފައިވާ އެއް ކަމަކީ، އޭޝިއަން ކަޕް ކާމިޔާބު ކުރުމެވެ. ސައުދީން އެންމެ ފަހުން އޭޝިއަން ކަޕް ކާމިޔާބުކުރީ 1996 ވަނަ އަހަރު އެވެ. މަންޗިނީ ގެނައިއިރު، ޓާގެޓް ކޮށްފައިވާ އެއް ކަަމަކީ ވެސް އޭޝިއަން ކަޕްގައި ރަނގަޅު ނަތީޖާ ނެރުމެވެ.

ރިޕޯޓްތައް ބުނާގޮތުން، އިޓަލީ ދޫކޮށް ސައުދީގެ ކޯޗުކަމާ ހަވާލުވި މަންޗިނީ އަށް ވަނީ މަގާމާ ހަވާލުވުމުގެ ބޯނަހެއްގެ ގޮތުގައި ވެސް 25 މިލިއަން ޑޮލަރު ދީފަ އެވެ. އެ ފައިސާ ދޭނީ ކޮންޓްރެކްޓްގެ މުޅި މުއްދަތުގެ ތެރޭގައި ބަހާލައިގެންނެވެ. މަންޗިނީ، މިދިޔަ އޮގަސްޓް މަހުގައި ސައުދީއާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އޭޝިއަން ކަޕްގައި މަންޗިނީގެ ފަރާތުން ފެނުނު މަސައްކަތާ މެދު، ޔާސިރު ވިދާޅުވީ، ޓެކްނިކަލީ ބަލާއިރު ސައުދީގެ ފަރާތުން ފެނުނު ކަންތައްތައް ޖުމްލަކޮށް ރަނގަޅު ކަމަށެވެ.