Advertisement

މެސީގެ އިންޓަ މިއާމީއާ ދެކޮޅަށް ރޮނާލްޑޯ އަށް ނުކުޅެވޭނެ

31 ޖަނަވަރީ 2024 - 20:38 0


މެސީގެ އިންޓަ މިއާމީއާ ދެކޮޅަށް ރޮނާލްޑޯ އަށް ނުކުޅެވޭނެ

31 ޖަނަވަރީ 2024 - 20:38 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 31) - ރިޔާދުގައި މިހާރު، ލިއޮނަލް މެސީގެ އިންޓަ މިއާމީން ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުގައި މާދަމާ އަލް ނަސްރާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އަލް ނަސްރުން ޗައިނާ އަށް ކުރި ޓުއާގައި ކުޅުނު މެޗުތަކުގައި ވެސް ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި، ރޮނާލްޑޯ، 38، އަށް ނުކުޅެވުނެވެ.

ކުރިން ބެލެވިފައި އޮތީ، މާދަމާ އިންޓަ މިއާމީއާ ކުޅޭ މެޗަށް ރޮނާލްޑޯ ފިޓްވާނެ ކަމަށެވެ.

އެކަމަކު، އަލް ނަސްރުން ބުނެފައިވަނީ ރޮނާލްޑޯ މި މެޗުގައި ވެސް ނުފެންނާނެ ކަމަށެެވެ. އަލް ނަސްރުގެ ކޯޗު ލުއިސް ކާސްޓްރޯ ބުނީ، ރޮނާލްޑޯ މިހާރު އަންނަނީ ރިކަވަރީގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ކުރަމުން ކަމަށާއި އަވަސް އަރުވާލައިގެން އޭނާ ދަނޑަށް ނެރުން ރަނގަޅުނުވާނެ ކަމަށެވެ.

އިންޓަ މިއާމީ އާއި އަލް ނަސްރު މި މެޗު ކުޅޭ ގޮތަށް ހަމަޖެއްސި ސަބަބަކީ ސައުދީގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މެސީ އާއި ރޮނާލްޑޯގެ މެޗެއް ދައްކާލުމަށެވެ.

މިދިޔަ އަހަރު ސައުދީގެ އޯލް ސްޓާ ޓީމުގައި ރޮނާލްޑޯ ހިމެނިގެން ވަނީ އޭރު ޕީއެސްޖީގައި ހުރި މެސީއާ ދެކޮޅަށް މެޗެއްގައި ކުޅެފަ އެވެ. އެ މެޗަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެހެންވެ، އަލް ނަސްރުން ވަނީ އެ ފަދަ މެޗެއް، އިންޓަ މިއާމީއާ ދެކޮޅަށް ކުޅެން ރާވައިފަ އެވެ. އެކަމަކު، ރޮނާލްޑޯ އަނިޔާގައި ހުރުމުން އެ ފުރުސަތު މި ފަހަރު ނެތެވެ.

ސައުދީގައި އިންޓަ މިއާމީން ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އަތުން ވަނީ 4-3 އިން ބަލިވެފަ އެވެ. އެ މެޗުގައި އަލް ހިލާލްގެ ސަޕޯޓަރުން ވަނީ މެސީ އަށް ހާއްސަ ސަޕޯޓެއް ދީފަ އެވެ.