Advertisement

އަންނަ މަހުން ފެށިގެން ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައިފި

31 ޖަނަވަރީ 2024 - 19:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދު ފެންނަ ފޮޓޯއެއް -- ފޮޓޯ: އަދަދު


އަންނަ މަހުން ފެށިގެން ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައިފި

31 ޖަނަވަރީ 2024 - 19:06 0

އަންނަ މަހު އެކަކުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކުގެ މަހު ކުލިން 20 ޕަސެންޓު ކުޑަ ކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި ކޮންމެ މަހަކު ދައްކާ ފައިސާއިން 20 ޕަސެންޓު ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފުލެޓުތަކުގެ މެއިންޓެނެސްއަށް ދައްކަމުން އަންނަ ފައިސާއަށް ބަދަލެއް ނާންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"މި ޑިސްކައުންޓު ދެވިގެންދާނީ 01 ފެބްރުއަރީ 2024 ގައި މަހު އިންސްޓޯލްމަންޓްގެ ގޮތުގައި (މެއިންޓެނަންސް ނުވަތަ މެނޭޖުމަންޓު ފީ ނުހިމަނައި) ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދުން، %20 އުނިވާގޮތަށް ކުރިއަށް އޮތްތަނުގައި ހިނގާ ކޮންމެ މަހަކަށެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކުގެ ކުލީގެ 20 އިންސައްތަ ކުޑަ ކުރުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިމަހުގެ ހައެއްގަ އެވެ.

މާލެ ސިޓީ މޭޔަރުކަމަށް ޕީއެންސީ ކުރިމަތިލެއްވި އާޒިމާ ޝަކޫރުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އެދުވަހު ވިދާޅުވީ ކުލިން ކަނޑައިދޭ 20 ޕަސެންޓު ސަރުކާރުން އަމިއްލައަށް މެނޭޖު ކުރާނެ ކަމަށެވެ.

"ގާތްގަނޑަކަށް 4،000 ރ. އިން ފެށިގެން ގޮސް 7،000 ރ. އާ ހަމައަށް ނޫނީ 6،000 އަށް ވުރެ ގިނައިން މެއިންޓެނެންސް ފީ ހިމެނޭހެން ފޭސް 1 ގައި ހުރި ފްލެޓުތަކަށް މި ފީ ދައްކަން ޖެހެނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން ފުލެޓުތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ދައްކާ ފައިސާއަށް ވެސް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނުގައި މެއިންޓެނެންސް ފީއަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަމަށް ބުނެފައެއް ނުވެ އެވެ.

ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ފުލެޓުތަކުގެ މަހު ކުއްޔާއި މެއިންޓެނެންސް ފީ ހިމެނޭހެން 3،984ރ. އަށް ކުޑަކޮށް ޖުމުލަ ކުލިން 100،000ރ. އުނި ކޮށްދީފަ އެވެ. އަދި ރަށްރަށުގައި ހުރި ރޯހައުސްތަކާއި ފުލެޓުތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ މަހު ކުލި 3،330ރ. އަށް ކުޑަ ކޮށްދީފަ އެވެ.