Advertisement

ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ ފެނަކައިގެ އިހުމާލުން ކަމަށް ބުނެ މައްސަލަ މަޖިލީހަށް

31 ޖަނަވަރީ 2024 - 10:31 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ، މައްސަލަ މަޖިލީހަށް ހުށަހަޅަމުން ފެނަކައިގެ އިހުމާލު އޮތްކަމަށް ވިދާޅުވި


ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ ފެނަކައިގެ އިހުމާލުން ކަމަށް ބުނެ މައްސަލަ މަޖިލީހަށް

31 ޖަނަވަރީ 2024 - 10:31 0

ފުވައްމުލައް ސިޓީން ޝެޑިއުލްކޮށްގެން ކަރަންޓު ކަނޑަމުން ދާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވީއިރު އެކަން ހައްލު ވެފައި ނުވަނީ، ފެނަކައިގެ އިހުމާލުން ކަމަށް ބުނެ އެ ކުންފުނީގެ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބަލައި ދިނުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ފުވައްމުލަކުގައި ބޭނުން ކުރަމުންދާ ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން ސެޓެއް ހަލާކުވީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. ރަށުގައި ހުރި ޖަނަރޭޓަރުތަކަށް ނުތަކައިގެން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ފެށީ މި މަހުގެ 11 އިން ފެށިގެންނެވެ.

އެ މައްސަލަތައް ކުރިމަތިވެފައިވަނިކޮށް އެ ރަށު އިންޖީނުގޭގައި ހުރި 800 ކިލޯވޮޓުގެ ޓްރާންސްފޯމަރަކަށް ގެއްލުންވެ އެ ރަށުގެ ދެ އަވަށަކުން ކަރަންޓު ކެނޑުމާ ގުޅިގެން، އެ ސިޓީގައި އިއްޔެ މުޒާހަރާ ވެސް ކޮށްފައިވެ އެވެ. މިއަދު ވެސް އެ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އެ ސިޓީގެ ރައްޔިތުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

މައްސަލަ މަޖިލީހަށް ހުށަހަޅުމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ އެކި ހިސާބުތަކުން ކަރަންޓު ކެނޑެން ފެށުމުގެ ކުރިން ވެސް ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ ކަން އެނގި ތިބެ ފެނަކައިގެ ބެލުމުގެ ދަށުގައި ޖެނެރޭޓަރު ސެޓު ހުރެ, އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވީ ދޮޅު މަސް ކުރިން ކަމަށް ވާއިރު އެކަމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ޓްރާންސްފޯމަރު ހަލާކުވުމުން ކުރިމަތިވި މައްސަލަތައް ހައްލުކުރަން އައްޑޫއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން މިހާރު ވަނީ ފަށާފަ އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގދ. ގައްދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ގެންދަން ވެސް މަސައްކަތް ކޮށްފައިވެ އެވެ. އެހެންނަމަވެސް ގައްދޫ ބަޔަކު ނުކުމެ ޖަނަރޭޓަރު ބަލައި ފެނަކައިން ފޮނުވި ދޯނީގެ ފަޅުވެރިންނަށް ބިރު ދައްކައި ޖަނަރޭޓަރު ސެޓު ގެންދިޔުމަށް ހުރަސް އެޅުމުން އެކަން ކުރެވިފައެއް ނުވެ އެވެ.