31 ޖަނަވަރީ 2024 - 09:11 0
ރޭގެ މެޗުން ބަލިވުމުން މޮޮރޮކޯ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުމަތީގައި.
31 ޖަނަވަރީ 2024 - 09:11 0
ސެން ޕެޑްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 31) - މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، މޮރޮކޯ، ގަދަ 16 ބުރުގައި ދެކުނު އެފްރިކާ އަތުން 2-0 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯ އަކީ މި ފަހަރުގެ އެފްރިކަން ކަޕް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި ޓީމެވެ. އެކަމަކު، ދެކުނު އެފްރިކާ އަތުން ބަލިވެ، މޮރޮކޯ އަށް މި ވަނީ މި ފަހަރުގެ އެފްރިކަން ކަޕްގެ ދަތުރު ނިމިފަ އެވެ.
ދެކުނު އެފްރިކާ އިން ރޭގެ މެޗުގައި ލީޑުނެގީ، 57 ވަަނަ މިނިޓްގައި އެވިޑެންސް މަކްގޮޕާ ޖެހި ގޯލުންނެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ވަރަށް ގިނަ ވަގުތު ހޭދަކޮށް ރަނގަޅަށް ބެލުމަށް ފަހު އެވެ. އެހާ ރަނގަޅަށް ބަލާފައިވަނީ، މަކްގޮޕާ އޮފްސައިޑް ނޫންތޯ ޔަގީންކުރުމަށެެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރަން މޮރޮކޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، 85 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ. މިއީ، މޮރޮކޯގެ އަޔޫބް އަލް ކާބީ ޖެހި ޝޮޓެއް ދެކުނު އެފްރިކާގެ މޮތޯބީ އެމްވާލާ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި މޮރޮކޯގެ ސޯފްޔަން އަމްރަބަތު އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެ މިނިޓެއް ފަހުން، ދެކުނު އެފްރިކާ އިން ދެ ވަނަ ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމުންނެވެ. މި ލަނޑު ޖަހައިދީފައިވަނީ، ޓެބޯހޯ މޮކޮއޭނާ އެވެ.
އެފްރިކާގެ ޗެމްޕިއަންކަން، 1996 ވަނަ އަހަރު ހޯދި ދެކުނު އެފްރިކާ އިން ކުއާޓާ ފައިނަލުގައި ކުޅޭނީ މެޗަކުން ބަލިނުވެ، އެ ހިސާބަށް ދަތުރުކުރި ކޭޕް ވާޑްއާ އެވެ.
ގަދަ 16 ބުރުގައި ރޭ ކުޅުނު އަނެއް މެޗުން ބުރްކީނާ ފާސޯ އަތުން މާލީ ވަނީ 2-1 އިން މޮޅުވެފަ އެެވެ.
ނައިޖީރިއާ - އެންގޯލާ (ފެބްރުއަރީ 2)
ކޮންގޯ - ގިނީ (ފެބްރުއަރީ 2)
މާލީ - އައިވަރީ ކޯސްޓް (ފެބްރުއަރީ 3)
ދެކުނު އެފްރިކާ - ކޭޕް ވާޑް (ފެބްރުއަރީ 3)
Comment