Advertisement

ކޮރެއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ސައުދީ އޭޝިއަން ކަޕުން ކަޓައިފި

31 ޖަނަވަރީ 2024 - 08:54 0

ޕެނަލްޓީގައި މޮޅުވުމުން ކޮރެއާ ކުޅުންތެރިން އުފާފާޅުކުރަނީ.---


ކޮރެއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ސައުދީ އޭޝިއަން ކަޕުން ކަޓައިފި

31 ޖަނަވަރީ 2024 - 08:54 0

ދޯހާ، ގަތަރު (ޖެނުއަރީ 31) - ދެކުނު ކޮރެއާ އަތުން ޕެނަލްޓީ ޖަަހައިގެން، 4-2 އިން ބަލިވެ، ސައުދީ އަރަބިއްޔާ، މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުން ކަޓައިފި އެވެ.

މި ނަތީޖާއާ އެކު، ކުއާޓާ ފައިނަލުގައި، ޖާގަން ކްލިންސްމަން ކޯޗުކޮށްދޭ ކޮރެއާ އިން ކުޅެން ޖެހެނީ އޮސްޓްރޭލިއާއާ އެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، ދެ ވަނަ ހާފްގެ ކުޅުން ފެށިތަނާ 36 ސިކުންތު ތެރޭގައި ސައުދީން ވަނީ ލީޑުނަގައިފަ އެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅޭ ސައުދީ ޓީމަށް މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި، އަބްދުﷲ ރަދީފް އެވެ.

ސައުދީ މޮޅުވެގެން މެޗު ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ކޮރެއާ އިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޗޯ ގީ-ސުން ބޮލުންނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، ސައުދީ އާއި ކޮރެއާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފަށް ފަހު ވެސް އޮތީ އެއްވަރުވެފަ އެވެ. ދެން، ޖެހުނީ ޕެނަލްޓީ ޖަހައިގެން ކުއާޓާ ފައިނަލަށް ދާ ޓީމެއް ކަނޑައަޅާށެވެ.

ކޮރެއާ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ، ސޮން ހިއުން މިން، ކިމް ޔޮން ގްްވޯން، ޗޯ ގީ-ސުން އަދި ހްވާން ހީ ޗާން އެވެ. ސައުދީގެ ފުރަތަމަ ދެ ޕެނަލްޓީ ކަނޯ އާއި އަބްދުލް ހަމީދު ކާމިޔާބުކުރި ނަމަވެސް ދެން ފޮނުވާލި ދެ ޕެނަލްޓީ ސާމީ އަލް ޖަލީލް އާއި އަބްދުލްރަހްމާން ގަރީބް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.

މި މޮޅާ އެކު ކޮރެއާ އިން ތިން ވަނަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކުރަން ކުރާ މަސައްކަތަށް ވަނީ ހިތްވަރެއް ލިބިފަ އެވެ. ކޮރެއާ އިން މީގެ ކުރިން އޭޝިއަން ކަޕް ކާމިޔާބުކުރީ 1956 އާއި 1960 ވަނަ އަހަރު އެވެ. ކުއާޓާގައި ކޮރެއާއާ ދެކޮޅަށް ނުކުންނަ އޮސްޓްރޭލިއާ އަކީ 2015 ވަނަ އަހަރުގެ ޗެމްޕިއަން އެވެ.

އޭޝިއަން ކަޕްގެ ގަދަ ބުރުގައި ރޭ ތައިލެންޑް އަތުން 2-1 އިން މޮޅުވި، އުޒްބެކިސްތާނުން ކުއާޓާ ފައިނަލުގައި ކުޅޭނީ މުބާރާތުގެ ހޯސްޓް ގަތަރާ އެވެ.