Advertisement

މާޗު އެކެއްގައި ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

30 ޖަނަވަރީ 2024 - 23:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ލަންކާގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ އާ ބައްދަލު ކުރައްވަނީ - ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ


މާޗު އެކެއްގައި ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

30 ޖަނަވަރީ 2024 - 23:06 1

ކުރިއަށް އޮތް މާޗު މަހުން ފެށިގެން ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށާނެ ކަމަށް އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަންކާގެ ހޮސްޕިޓަލުތަކުން ހިދުމަތް ދިނުމަށް ރާއްޖެއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު އެކެއްގައި ފެށޭނެ" ނިމާލްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރު އަމީންވެސް ވަނީ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި މެޑިކަލް އެވަކުއޭޝަން ފުލައިޓުތައް ދަތުރުކުރުމަށް ފްރޭމްވޯކެއް އެކުލަވާލަން އެއްބަސްވި ކަމަށް ލިޔުއްވި ނަމަވެސް މާޗު އެކެއްގައި އެ ދަތުރުތައް ފެށޭނެ ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

ލަންކާގެ އޭވިއޭޝަން މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މީގެ ކުރިން ކުއްލި ފަރުވާއަށް ދިވެހިން ހަމައެކަނި ގެންދާ ގައުމަކަށް އިންޑިއާ އޮތް އޮތުން ނިމުމަކަށް ގެނެސް ލަންކާއަށް ދަތުރުތައް ފަށަން ނިންމީ އެ ގައުމުގެ ހޮސްޕިޓަލުތަކުގައި އަވަސްފަރުވާގެ ފެންވަރު ރަނގަޅުވުމުން ކަމަށް މިނިސްޓަރު އަމީން ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހު 25 ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

"އެގޮތުން ދެ އެއާ އެމްބިއުލާންސެއް އެއާ މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން ކުރިން ދެންނެވިހެން މާޗު އެއްވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހެލްތާއި އެއާ މޯލްޑިވްސް [މޯލްޑިވިއަން]އާ ގުޅިގެން ފަށާނެ." ނާޒިމް އެދުވަހު ވިދާޅުވި އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 13 ގައި ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކުރަން ކަމަށެވެ. އަދި ކުއްލި ހާލަތުގައި އެ ބޯޓުގައި ތައިލެންޑާ ހަމައަށްވެސް ބަލިމީހުން އުފުލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.