Advertisement

ސީވީއެފްގެ ޒިންމާތައް އަދާކުރައްވަން ނަޝީދު ގާނާއަށް

31 ޖަނަވަރީ 2024 - 09:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު : ސީވީއެފްގެ ޒިންމާތައް އަދާކުރައްވަން "އަހަރުތަކަކަށް" ނަޝީދު ގާނާއަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސީވީއެފްގެ ޒިންމާތައް އަދާކުރައްވަން ނަޝީދު ގާނާއަށް

31 ޖަނަވަރީ 2024 - 09:54 0

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނާއަށް ބަދަލުވެވަޑައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ މިދިޔަ މަހުގެ 12 ގައި، އެމަނިކުފާނުގެ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފަ އެވެ. އެއަށްފަހު ނަޝީދު ހަރަކާތްތެރިވަމުން ގެންދަވަނީ ސީވީއެފްގެ މަސައްކަތްތަކުގަ އެވެ.

ގާނާއަށް ވަޑައިގެން ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެ ގައުމުގެ ވެރިރަށް އަކްރާއަށް ވަޑައިގެންނެވީ ސީވީއެފްގެ ފުރަތަމަ ޗެއާމާނުގެ ރަސްމީ ޒިންމާތައް އަދާކުރެއްވުމަށް ކަމަށެވެ.

"ގާނާއިން ދަނީ ސީވީއެފްގެ އިދާރާ ހޯސްޓު ކުރައްވަމުން، މި ގައުމުގެ ވެގެންދާނީ ކުރިއަށް އޮތް މަދު އަހަރުތަކުގަ އަޅުގަނޑުގެ މަންޒިލަށް"

ސީވީއެފްގެ ޒިންމާތައް އަދާކުރެއްވުމަށް އެމަނިކުފާނު ދެން ދިރިއުޅުއްވަމުން ގެންދަވާނީ ގާނާގަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަގުބޫލު އެއް ސިޔާސީ ލީޑަރެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅު ނޫސްވެރިކަމުން ފެއްޓެވި ނަޝީދުގެ ސިޔާސީ ހަޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަން ކުރެއްވުން ފާހަގަކޮށްލެވެ އެވެ.

ސީވީއެފްގެ ބޭނުމަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.