Advertisement

އާޔަތުﷲ މަޖިލީހަށް ވާދަ މިކުރަނީ ތަޖުރިބާއާއެކު!

31 ޖަނަވަރީ 2024 - 17:52 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އާޔަތުއްﷲ ހުސެއިން


އާޔަތުﷲ މަޖިލީހަށް ވާދަ މިކުރަނީ ތަޖުރިބާއާއެކު!

31 ޖަނަވަރީ 2024 - 17:52 0

"އަހަރެން [މެމްބަރު] ގާތަށް ފޮތް ފަންސުރެއް، ބޭސް ސިޓީއެއް ހިފައިގެން ނާންނާނަމޭ ބުނިން. ބޭނުން ވެގެން މިއުޅެނީ 200 ޑޮލަރެއް ނޫނެ. ބޭނުން ވަނީ އަހަރެމެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދިނުމޭ. ބ. އަތޮޅުގެ ހައްގުގައި ވަކާލާތުކޮށް ދިނުމޭ،"

މިއީ ނޫ ގާނޫނުއަސީސީން އެކުލަވާލާފައި އޮތް ރައްޔިތުންގެ މަޖިލީހުގައި އޭރު ބ. އަތޮޅު ތަމްސީލު ކުރެއްވި ދެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ގާތަށް، އޭރު އެސްއެސްސީގައި އުޅުނު އެ އަތޮޅު މާޅޮހު އާޔަތުއްﷲ ގޮސް ބުނި ވާހަކަ އެކެވެ.

އެ ބުނުމަށް 20 އަކަށް އަހަރަށްވުރެ ގިނަދުވަސް ފާއިތުވެގެންދިޔަ ނަމަވެސް މިއަދު ވެސް ހާލަތު އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ. ނާށިގަނޑު ހިފައިގެން މެމްބަރު ގާތަށް ހިނގުމަކީ މިއަދު ވެސް ގިނަ ސިޔާސީން އެންމެ އެދޭ ގޮތެވެ.

ބ. ހިތާދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަށް މިފަހަރު އެ އަތޮޅު މާޅޮހު އުމުރުން 44 އަހަރުގެ އާޔަތުއްﷲ ހުސައިން ވާދަ ކުރަނީ އެކަން ބަދަލު ކުރުމުގެ ވަރުގަދަ އަޒުމުގަ އެވެ.

އެ އަތޮޅު މާޅޮހު ގާޒީ ހުސައިން އަބްދުއްރަހުމާން (ގާޒީ ހުސައިން) އާއި އޭދަފުށީ ދޭލިޔާ ކަތީބުގެ ފަރީޝާ އަށް ލިބިފައިވާ އާޔަތުﷲ އުފަންވެ، އުޅެ ބޮޑުވީ އަދި ގުރޭޑު ހަތަކާ ހަމައަށް ތައުލީމު ހާސިލުކުރީ ވެސް އޭދަފުށީގަ އެވެ.

އެއަށް ފަހު 1993 ގައި މާލެ ބަދަލުވެ، ގްރޭޑު ހަތެއް ފުރިހަމަ ކުރުމަށް ފަހު ދެން ބަދަލުވީ މަޖީދިއްޔާ ސްކޫލު ގްރޭޑު އަށަކަށެވެ. އެސްއެސްސީ (މިހާރު ސީއެޗްއެސްއީ) ނިންމުމަށް ފަހު، ދެން އުދުއްސައިގަތީ ހަމިންބާޑުގަ އެވެ. އެ ހެލިކްޕްޓަރުގެ ކްރޫއަކަށް އުޅުމަށް ފަހު، ފީނައިގަތީ ވޭލް ސަބްމެރިންގަ އެވެ. އެސިސްޓެންޓު ޕައިލެޓެއްގެ ގޮތުގައި އޭނާ ދުވަސްތަކެއް ވަންދެން އޭނާ ސަބްމެރިން ދުއްވި އެވެ.

އެއަށް ފަހު އާޔަތުއްﷲ ދެން ވަނީ ސްޓެލްކޯ އަށެވެ. އެތަނުގައި އުޅެނިކޮށް ލިބުނު ފުރުސަތެއްގައި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާއިން ޑިގްރީ އަށް ކިޔެވުމަށް މެލޭޝިއާ ދިޔަ އެވެ. އެ ދުވަސްވަރަކީ، މި ފަހުގެ އިސްލާހީ ހަރަކާތްތައް ރާއްޖޭގައި ފެށި، ކޯދުލައި ހެދި، ބޮޑުވެ، އެންމެ ފަހުން ސިޔާސީ ޕާޓީތައް ވެސް އުފަންވި ދުވަސްވަރެވެ.

އޭގެ ކުރިން ސިޔާސީ ހަރަކާތާއި މިނިވަން ހިޔާލަކީ ބޮޑު ފޮށްޓަށް ލައި ތަންޑު އަޅުވައިފައި ބާއްވަންޖެހޭ އެއްޗެކެވެ. އެ މިނިވަންކަން ހޯދުމަށްޓަކައި އިސްލާހީ ހަރަކާތްތައް އެ މީހަކަށް ވެވުނު ކަމެއް ވެނުނު ގޮތަކަށް އެދުވަސްވަރު ކުރަމުން ދިޔަ އެވެ. އޭގެ އެއް ކަމަކީ ނުގޮތަކަށް ނެރެމުންދިޔަ ސަންދާނު ނޫހާއި ދިވެހި އޮބްޒާވަރެވެ. އޭރު ސިއްރިޔާތުގައި ނެރެ، އީމެއިލުން ފޮނުވަމުން ދިޔަ ސަންދާނު ޕްރިންޓުކޮށްގެން އެހެން މީހުންނަށް ފޯރުކޮށް ދެނީ ވެސް ބިރުންތިބެ އެވެ. ނަމަވެސް، އާޔަތުއްﷲ އެކަން ކުރަމުންދިޔައީ ޒުވާން ޖޯޝުގަ އެވެ.

"އަހަރެންމީ ސްޓެލްކޯތެރޭގައި ސަންދާނު ބަހަން އުޅުނު މީހެއް،" ތާރީހުގެ އެ ސަފުހާތަކުގެ ހަނދާންތައް އައު ކުރަމުން އޭނާ ކިޔައިދިނެވެ.

ކިޔަވައި ނިންމައި 2006 ގައި މާލެ އައިއިރު އާޔަތުއްﷲގެ ފިކުރު މައުމޫނުގެ ސަރުކާރާ އިދިކީލިކަން އެނގޭތީ ބެހެއްޓީ "އެކަހެރިކޮށްފަ" އެވެ. ނަމަވެސް، އެއްވެސް މީހަކު ހަވާލު ނުވި ޕްރޮޖެކްޓެއް އޭނާއާ ހަވާލުކުރި އެވެ. އެއީ ކުނިގޮނޑެއްގެ ގޮތުގައި، މެހި މާބުރު ރަސްކަން ކުރަމުން ދިޔަ ތިލަފުށީގައި އާ އިންޖީނުގެ އަކާއި ކޭބަލް ނެޓުވޯކެއް އެޅުމެވެ.

އެ މަސައްކަތް ހަވާލުކުރި މުއްދަތުގެ ކުރިން އޭނާ ނިންމި އެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ކުރިމަތިވި ކަންކަމަކީ ސްޓެލްކޯއިން އޭނާ ވަކިވުމުގެ ފެށުމެވެ. އާޔަތުއްﷲ ސަސްޕެންޑުކުރީ ތިލަފުށީގައި މައުމޫނަށް ނިސްބަތްކޮށް އޭރު ކިޔަމުންދިޔަ ނަން ބޮޑުކޮށް، ކުދިބަތުން ފަވައިލުމުގެ ތުހުމަތުގަ އެވެ.

އެ ތުހުމަތަށް އާޔަތުއްﷲ އިންކާރުކުރުމުން، ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތުރާކުނަށް ވަޒީފާ ބަދަލުކުރާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ދިނެވެ. "ވަޒީފާގެ ބިރެއް ނުދެއްކޭނެ" މި ޖުމުލައަކީ އޭރު އާންމު ޖުމުލައަކަށް ނުވިޔަސް، އެ އިންޒާރަށް އާޔަތުއްﷲ ދިން ރައްދަކީ އެޔެވެ.

"އަހަރެން ބުނިން ބިރެއް ނުދެއްކޭނޭ. ތުރާކުނަށް ފެކްސްކޮށްލާށޭ. އަހަރެން ދާނެ ތުރާކުނެއް ނޯންނާނޭ،" އެ ދުވަހު އާޔަތުއްﷲ ދެއްކި ހިތްވަރުގެ ހަނދާންތައް އޭނާ ހިއްސާކުރި އެވެ.

ފަރުދީ ހައްގާއި މިނިވަންކަމުގެ ވާހަކަ ދައްކަން ކެރޭނީ އޭރު މަދު މީހަކަށެވެ. އެ ލިސްޓުގައި ހިމެނޭ އާޔަތުއްﷲ މިހާރު އެ ހުރީ، ސިޔާސީ ހަޔާތުން ފެނުނު މަންޒަރާއި ތަޖުރިބާ އާއެކު ރަނގަޅު ސިޔާސަތުތަކެއް ނެރެން މަސައްކަތް ކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ނުކުމެ އެވެ.

އޭނާއަކީ އެ ޕާޓީއަށް އާ ނަމެއް ނޫނެވެ. 2007 ވަނަ އަހަރުގެ ވެރިކަމުގެ ނިޒާމުގެ ވޯޓާ ހަމައިން ފެށިގެން ކޮންމެ ކެމްޕޭނެއްގައި އާޔަތުއްﷲ ބައިވެރިވެ އެވެ. ގައުމީ މަޖިލީހުގެ މެމްބަރު ކަމާއި އޭދަފުށި ދާއިރާގެ ނައިބު ރައީސްއެއްގެ ގޮތުގައި ދެ ދައުރު ހިދުމަތް ކުރެއްވި އެވެ.

ބައެއް މީހުން ފަހި ފުރުސަތާއި އަމިއްލަ އެދުމުގައި ޕާޓީ ދޫކޮށްލި ނަމަވެސް، އާޔަތުއްﷲ ގަބޫލުކުރަނީ ހެޔޮ ބަދަލެއް، ހެޔޮ ސިޔާސަތެއް ތަންފީޒުކޮށް ދެވޭނީ އަދިވެސް އެމްޑީޕީ އަށް ކަމަށެވެ.

"އެމްޑީޕީއަކީ ހަ ބިލިއަންގެ އިގުތިސޯދު 33 ބިލިއަންގެ އިގުތިސޯދަކަށް ބަދަލުކޮށްލި ޕާޓީ. ފޮތް ފަންސުރާއި ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައި ޕާޓީ. ފެނާއި ނަރުދަމާ އާއި މަގުހެދުމުގެ ވާހަކަތައް ސިޔާސަތެއްގެ ދަށުން ފެށި ޕާޓީ. ގެސްޓު ހައުސް ތައާރަފުކޮށް އަތްމަތި ތިޔާގިކޮށް ދިން ޕާޓީ. ކަރަންޓުގެ އަގު ހަމަހަމަ ކުރި ޕާޓީ. މިފަދަ އެތައް ބަދަލެއް އެމްޑީޕީން ގެނައި. އަޅުގަނޑަށް އެމްޑީޕީއާއެކު މަޖިލީހުގެ ތެރެއިން ގައުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" އާޔަތުއްﷲ ބުންޏެވެ.

މިއަދު އޭނާ ހެޔޮވަރުގެ ވިޔަފާރިއެއް ހިންގަ އެވެ. ކޮންޓްރަކްޝަން މަސައްކަތުގެ އިތުރުން އޭނާގެ އަމިއްލަ ރަށް، ބ. މާޅޮހުގައި ފެންވަރު ރަނގަޅު ގެސްޓުހައުސްއެއް ހުރެ އެވެ.

"މި ހުރިހާ ކަމަކީ ވެސް ހިތްވަރުން ލިބުނު ކާމިޔާބު،" އޭނާ ބުންޏެވެ.

ގިނަ ޕާޓީ އެކުލަވޭ ނިޒާމުގެ ފާލުގައި ކަންކަން ގެންދިޔުމަށް ތަޖުރިބާ މުހިންމެވެ. އާޔަތުއްﷲގެ ތަޖުރިބާއާމެދު، އޭނާ ދަންނަ އެކަކުވެސް ސުވާލެއް ނުއުފައްދަ އެވެ.

"އާޔަތުއްﷲ އަކީ ކޮމިޓުމެންޓެއް ވިއްޔާ ފުރިހަމަ ކުރާ މީހެއް،" އޭނާގެ އެކުވެރިޔާ އަދި ޕްރައިމަރީގެ ކެމްޕޭނު މެނޭޖަރު ބުންޏެވެ.

ބ. އަތޮޅަށް، ހާއްސަކޮށް އުފަން ރަށަށް ވަރަށް ގިނަ ކަންކަން އަމިއްލަ ގޮތުން ވެސް، އަދި ކުރިން އުފައްދައިގެން ހިންގި ޖަމިއްޔާއިން ވެސް އޭނާ ވަނީ ކޮށްދީފަ އެވެ.

މިހާރު އޭނާ ކުރިމަތި އެލަނީ އެއަށް ވުރެ ބޮޑު، އަދި ޒިންމާދާރު މަގާމަކަށެވެ. އެހެންވެ، އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު އޮންނައިރު، އާޔަތުއްﷲ އެދެނީ އޭނާ އަށް އެ ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށެވެ.

މެމްބަރަކަށް ވެއްޖެ ނަމަ، އޭނާ ދޭ ޔަގީން ކަމަކީ ކުރިން ވެސް ވަކާލާތު ކުރި ގޮތަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމެވެ. ދާއިރާގެ ތަރައްގީ އާއި ރައްޔިތުންގެ ފަސޭހައަށް މަސައްކަތް ކުރާނެ ކަމެވެ. ކުރާނެ ކަމެއް ފުއްދައި ދޭނެ ޔަގީން ކަމެކެވެ. މެމްބަރަކަށް ވުމަށް ފަހު ވެސް ގުޅޭނެ ކަމާއި ބައްދަލުވާނެ ކެމުގެ ޔަގީން ކަމެވެ.