Advertisement

ގަތަރަށް ފަލަސްތީން އަތުން އުނދަގޫ މޮޅެއް

30 ޖަނަވަރީ 2024 - 11:16 0

ފަލަސްތީންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--


ގަތަރަށް ފަލަސްތީން އަތުން އުނދަގޫ މޮޅެއް

30 ޖަނަވަރީ 2024 - 11:16 0

އަލް ކޯރް، ގަތަރު (ޖެނުއަރީ 30) - އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ގަަތަރުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ނޮކައުޓް މެޗުން، ފަލަސްތީން އަތުން ފަހަތުން އަރައި 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެެވެ.

ފުރަތަމަ ފަހަރަށް އޭޝިއަން ކަޕްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދި ފަލަސްތީނުން ލީޑުނެގީ 37 ވަނަ މިނިޓްގައި، މުހައްމަދު ދަބާގު ޖެހި ގޯލުންނެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި، ފަލަސްތީން ކުޅުންތެރިން ވަނީ އަތުގައި ބިިޑި އަޅުވާފައިވާ އިޝާރާތެއް ދައްކައިފަ އެވެ. މިއީ، އިޒްރޭލުން ފަލަސްތީނުގައި ހިނގަމުން އަންނަ ލާއިންސާނީ ކަންކަމާ ދެކޮޅަށް ފާޅުކުރި ޝުއޫރެކެވެ.

ގަތަރުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި، ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ހަސަން އަލް-ހައިޑޯސް އެވެ. މިއީ ކޯނަރެއްގައި އަކްރަމް އަފީފް ދިން ބޯޅައަކުން، އަލް ހައިޑޯސް ޖެހި މޮޅު ލަނޑެކެވެ.

ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ އަފީފް ވަނީ އިތުރު ގޯލެއް ޖަހައި، ގަތަރަށް ލީޑުނަގައިދީފަ އެވެ. އެ ލީޑުގައި އޮވެ، ގަތަރުން މެޗު ނިންމާލީ އެވެ. ކުއާޓާ ފައިނަލުގައި ގަތަރު ކުޅޭނީ، ގަދަ 16 ބުރުން އުޒްބެކިސްތާން އާއި ތައިލެންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ފަލަސްތީން ކެޓިއިރު، މެޗަށް ފަހު ގަތަރު ސަޕޯޓަރުން ވަނީ "ސޮރީ ފަލަސްތީން" ބެނާތަކެއް ދައްކާލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ފަލަސްތީނަށް ގަތަރުގެ ސަޕޯޓަރުން ދިން ސަޕޯޓަށް ފަލަސްތީނުގެ ކޯޗު، މަހްރަމް ދަބޫބް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ، ގަދަ 16 ބުރަށް ފަލަސްތީން އައުމަކީ ވެސް "ޗެމްޕިއަނެއް"ގެ ދަރަޖައިގައި ފާހަގަކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

އޭޝިއަން ކަޕްގައި އިރާގް އަތުން ޖޯޑަން ވަނީ 3-2 އިން މޮޅުވެފަ އެވެ. ޖޯޑަން އިން ކުއާޓާގައި ކުޅޭނީ، ތަޖިކިސްތާންއާ އެވެ. މުޅިން އަލަށް އޭޝިއަން ކަޕްގައި ކުޅޭ ތަޖިކިސްތާނުން މި ވަނީ ފުރަތަމަ ފަހަރު ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެެވެ.