Advertisement

އައިވަރީ ކޯސްޓް އަތުން ބަލިވެ ޗެމްޕިއަން ސެނެގާލް ކަޓައިފި

30 ޖަނަވަރީ 2024 - 10:45 0


އައިވަރީ ކޯސްޓް އަތުން ބަލިވެ ޗެމްޕިއަން ސެނެގާލް ކަޓައިފި

30 ޖަނަވަރީ 2024 - 10:45 0

ޔަމޮސޯކްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 30) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން، ސެނެގާލް، މި ފަހަރުގެ މުބާރާތް ހޯސްޓް ކުރާ އައިވަރީ ކޯސްޓް އަތުން ޕެނަލްޓީ ޖަހައިގެން، 5-4 އިން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.

ސެނެގާލުން ގަދަ 16 ބުރުން ފުރުސަތު ހޯދީ ގްރޫޕްގެ ތިން މެޗުން ވެސް މޮޅުވެގެންނެވެ. އައިވަރީ ކޯސްޓަށް ނޮކައުޓް ބުރުން ފުރުސަތު ލިބުނީ، ގްރޫޕްގެ ތިން ވަނަ އަށް ގޮސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކަށް ލިބޭ ޖާގައިން ވެސް އެންމެ ފަހަތުންނެވެ.

އައިވަރީ ކޯސްޓްގެ ޗާލްސް ކޮނަން ބެނީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސެނެގާލުން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ހަބީބް ޑިއާލޯ އެވެ. ސެނެގާލުން މި ލީޑުގައި މެޗު ނިންމާލަން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި، އައިވަރީ ކޯސްޓުން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ފްރޭންކް ކެސިއޭ އެވެ. މިއީ، އައިވަރީ ކޯސްޓްގެ ނިކޮލަސް ޕެޕޭ އަށް ސެނެގާލްގެ ކީޕަރު، އެޑޮއާޑް މެންޑީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހަައިފަ އެވެ. އައިވަރީ ކޯސްޓުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ސެނެގާލަށް ކާމިޔާބުނުވީ، މޫސާ ނިއަކާޓޭ ޖެހި ޕެނަލްޓީ އެވެ.

އައިވަރީ ކޯސްޓުން ޕެނަލްޓީ ކާމިޔާބުކުރީ، ޕެޕޭ، ނިކޮލަސް ކޮއާމޭ، ސާޖް އޯރިއޭ، ކެސިއޭ އަދި ސަބެސްޓިއަން އަލެއާ އެވެ. ސެނެގާލަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ، ހަލީދޫ ކުލިބާލީ، ޕަޕާ މަޓެ ސާ، ބަމްބަ ޑިއެން އަދި ސަޑިއޯ މާނޭ އެވެ.

މި ފަަހަރުގެ އެފްރިކަން ކަޕްގެ ގްރޫޕް ސްޓޭޖުގައި ދަށް ނަތީޖާތަކެއް ފެނުމުން، އެ ޓީމުގެ ކޯޗުކަމުން، ޖީން ލުއިސް-ގަސޭ ވަނީ ވަކިކޮށްފަ އެވެ. އެފްރިކަން ކަޕްގެ 2015 ވަނަ އަހަރުގެ ޗެމްޕިއަން، އައިވަރީ ކޯސްޓާ މި ވަގުތު އިންޓަރިމް ކޯޗެއްގެ ގޮތު ހަވާލުވެހުރީ، އެމާސް ފައޭ އެވެ.

ކުއާޓާ ފައިނަލުގައި އައިވަރީ ކޯސްޓުން ކުޅޭނީ، މާލީ އާއި ބުރްކީނާ ފާސޯ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ގަދަ 16 ބުރުގައި ރޭ ކޭޕް ވާޑް އިން ވަނީ 1-0 އިން މޮރިޓޭނިއާ ބަލިކޮށްފަ އެވެ.