Advertisement

ރަސްފަރި ފަރުން ހަލާކުވި ބައި އިއާދަކުރުމުގެ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

30 ޖަނަވަރީ 2024 - 09:14 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރަސްފަރި ފަރުން ހަލާކުވި ބައި އިއާދަކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭން ދިރާގުން ވަނީ އީޕީއޭ އާއެކު ޕާޓްނާޝިޕެއް ގާއިމުކޮށްފައި --- ފޮޓޯ:ދިރާގު


ރަސްފަރި ފަރުން ހަލާކުވި ބައި އިއާދަކުރުމުގެ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

30 ޖަނަވަރީ 2024 - 09:14 0

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ކ. ރަސްފަރި ފަރަށް 2021 ވަނަ އަހަރު އާގު ބޯޓެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް އިޔާދަކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރަމުންދާ މަސައްކަތަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

"ރީސްޓޯ ރަސްފަރި" ނަމުގައި ރަސްފަރި ފަރު އިއާދަކުރުމަށް އީޕީއޭ އިން ވަނީ އެ ފަރުން ހަލާކުވި ބައިގައި މުރަކަ އިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ. އަދި ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެކުންފުނިން ވަނީ ޑައިވިން ކިޓްތައްވެސް ހަދިޔާކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ފަރު އިޔާދަކުރުމުގެ ގޮތުން ފަސް އަހަރުގެ މުއްދަތަކަށް އެ ފަރުގައި އަލުން މުރަކަ އިންދައި ނާސަރީތަކުގައި އާލާކުރާ މުރަކަވެސް ފަރަށް ބަދަލުކުރަން ވަނީ ރާވާފަ އެވެ. އެގޮތުން ދިރާގުގެ ދަރުމަވެރިންވެސް ވަނީ ރަސްފަރި ފަރުގައި ދާދި ފަހުން ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

ދިރާގުން ބުނީ "ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ" ސައިޓުގައިވާ މި ފަރަކީ އެތަކެއް ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށްވެފައި، މި ފަރު އިޔާދަކުރުމަކީ ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި، މި މަޝްރޫޢުގެ ކޮންމެ މަރުހަލާއެއްގައިވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިންމު. އެގޮތުން ރަސްފަރީ ހިމާޔަތް ކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ ޕްރޮޖެކްޓް ޕާޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން،" އީޕީއޭގެ ޑިރެކްޓާ ޖެނެރަލް، އިބްރާހިމް ނައީމް ވިދާޅުވިއެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ތިމާވެށި ހިމާޔަތްކޮށް ކަނޑުތަށް ބެލެހެއްޓުމަކީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މައިގަނޑު އެއް އަމާޒު ކަމަށާއި އެހެންކަމުން ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާ ކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް ކަމަށެވެ.

"މި މުހިންމު ކޮންޒަވޭޝަން ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް އީޕީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޕްރޮޖެކްޓްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.