Advertisement

މިއުޒީޝަނަކަށް ރައްދު ދިން, ޓޫރިޒަމްގެ ޕޮލިޓިކަލް ޑިރެކްޓަރަށް މިނިސްޓަރު ނަސޭހަތް ދީފި

30 ޖަނަވަރީ 2024 - 13:52 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޓުއަރިޒމް މިނިސްޓްރީގެ ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރު، އަކްރަމް މުސްތަފާ: އޭނާ މަގާމުން ވަކިކުރަން ގިނަ ފަންނާނުންތަކެއް ގޮވާލާފައިވޭ -- ފޮޓޯ: ސޯޝަލް މީޑިއާ


މިއުޒީޝަނަކަށް ރައްދު ދިން, ޓޫރިޒަމްގެ ޕޮލިޓިކަލް ޑިރެކްޓަރަށް މިނިސްޓަރު ނަސޭހަތް ދީފި

30 ޖަނަވަރީ 2024 - 13:52 0

ދިވެހި މިއުޒީޝަނަކަށް ހުތުރު ބަހެއް ބުނި ޓުއަރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރު، އަކްރަމް މުސްތަފާއަށް މިނިސްޓަރު އިބްރާހިމް ފައިސަލް ނަސޭހަތްތެރި ވެވަޑައިގެންފި އެވެ.

މި މައްސަލަގަނޑެއް އުފެދުނީ ދިވެހި ފަންނާނުން ނެތް ކަމަށް ބުނެ ބޭރު ފަންނާނުން ގެންނަން ހުއްދަ ދޭން ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އެދުނު މައްސަލައިގައި އެކްސްގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ.

އެގޮތުން މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފަދައިން ކަން ކޮށްފިނަމަ، މި ވެރިކަން ވެއްޓޭނެކަމަށް ދިވެހި ފަންނާނެއް ކަމަށްވާ އަދްލީ އާދިލް ބުނުމުން އަކްރަމް އޭނައަށް ރައްދުދީފަ އެވެ. އަދްލީ ކުރި ޕޯސްޓު ރީޕޯސްޓުކޮށް އަކްރަމް ބުނީ، ބޭރުގެ ބޭންޑެއް ނުގެނައި ކަމުގައި ވިޔަސް މިޔުޒިކް ކުޅުމަށް އަދްލީ ގެންދާނެ ރިޒޯޓެއް ނުވާނެ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން އަކްރަމަށް ނަސޭހަތް ދީފައި ވާނީ، މިނިސްޓްރީގެ ވިސްނުމަކީ އަދިވެސް ދިވެހި ފަންނާނުން ކުރިއެރުވުން،" މިނިސްޓަރު ފައިސަލް "އަދަދު"އަށް ވިދާޅުވި އެވެ.

އަކްރަމް އެ ގޮތަށް ފަންނުވެރިއަކާ މުހާތަބު ކުރުމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެ އެވެ. އެގޮތުން މިފަދަ މީހުން މަގާމުތަކަށް ލުމަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް އުނދަގޫ ވާނެ ކަމެއް ކަމަށް މީހުން ބުނެފައިވެ އެވެ. އަދި މިޔުޒީޝަން، އަދްލީގެ ދިފާއުގައި ގިނަ ބަޔަކު ވާހަކަ ދައްކައި އޭނާއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ގިޓަރިސްޓް ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން މިކަމުގައި އިސްކުރާނީ ދިވެހި ފަންނާނުން ކަމުގެ ޔަގީންކަން ދެމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ދިވެހި ފަންނާނުންނަށާއި ފަންނުވެރިންނަށް ދެރެ ގޮތެއް ނަހަދާނެ ކަމަށެވެ. މީގެ ކުރިން ވެސް ފައިސަލް ވަނީ ދިވެހި ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތު ހޯއްދައި ދެއްވުމަކީ އެ މަނިކުފާނުގެ [ރައީސްގެ] އަމާޒު. ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން." އޭރު އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތަކާއި މަޓީން ހުށަހަޅާ ކަންކަން ބަޔާންކޮށް މަޓީން ނެރުނު ކަރުދާހެއްގައި ބޭރުން ފަންނާނުން ގެންނަން ހުޅުވާލަން އެދުނީ ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ހިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިން ނެތް ކަމަށް ބުނަމުންނެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއުޒީޝަނުންގެ ޔޫނިއަނުންނާއި އެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޕޯސްޓުކުރި އެވެ.

މިހެން ނަމަވެސް ރިސޯޓު މިއުޒަކަކީ ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ އިންޑަސްޓްރީއެކެވެ. މި އިންޑަސްޓްރީގައި ބޭރު މީހުންނަށް އިސްކަން ދޭތީ ދިވެހި ފަންނާނުންގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ. މިކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު ބައެއް ރިސޯޓުތަކުގައި އިން-ހައުސްކޮށް ވެސް ބޭރު މިއުޒިޝަނުން އަގުހެޔޮކޮށް ބައިތިއްބައިގެން ހިދުމަތް ދެމުން އަންނަ ކަމުގެ ޝަކުވާ އަބަދު ވެސް އިވެ އެވެ.