Advertisement

ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 11.5 ޕަސެންޓުން އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: މެއި މަހު ފުރަތަމަ 15 ދުވަހު ޒިޔާރަތްކުރީ 64،538 ފަތުރުވެރިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 11.5 ޕަސެންޓުން އިތުރުވެއްޖެ

މެއި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 64،538 ފަތުރުވެރިންނާ އެކު މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ އަހަރަށް ވުރެ 11 ޕަސެންޓަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މި މަހުގެ 15 ގެ ނިޔަލަށް 837،189 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.5 ޕަސަންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 15 ދުވަހު ރާއްޖެަށް ޒިޔާރަތްކުރީ 751،101 ފަތުރުވެރިންނެވެ.

ނަމަވެސް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން އައި ނިސްބަތް ދަނީ ދަށްވަމުންނެވެ.

މިގޮތުން މި މަސް ފެށުނުއިރު އެ އަދަދު 12.3 ޕަސަންޓުގައި ހުރިއިރު، މިހާރު ވަނީ 11.5 ޕަސަންޓަށް ދަށްވެފައި ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މީގެއިތުރުން ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އައި ނިސްބަތް، ފުރަތަމަ ތިން މަހު ވަރަށް މަތީގަ ހުރުމަށްފަހު މިދިޔަ މަހު 2.6 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރަނީ މިދިޔަ އަހަރު ރޭންކިންގެ ތިންވަނައިގައި އޮތް ޗައިނާ އެވެ. އަދި ދެވަނައަށް ރަޝިއާއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫކޭއިންނެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ބޮޑުތަނުން ދަށްވެފައިވާއިރު، އެ ގައުމު އޮތީ ހަ ވަނައިގަ އެވެ.