Advertisement

އިޒްރޭލާ ދެކޮޅަށް ރާއްޖޭން އައިސީޖޭއަށް ފޮނުވާނީ ތިން ބޭފުޅުންގެ ވަފުދެއް

29 ޖަނަވަރީ 2024 - 09:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑާރަ ނައިބު އަހުމަދު އުޝާމް : އިޒްރޭލު ރާއްޖޭން ބައިވެރިވާ ޓީމުގައި މަދުވެގެން ތިން އޮފިޝަލުން ތިބޭނެ، ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން - ފޮޓޯ: ރައީސް އޮފީސް


އިޒްރޭލާ ދެކޮޅަށް ރާއްޖޭން އައިސީޖޭއަށް ފޮނުވާނީ ތިން ބޭފުޅުންގެ ވަފުދެއް

29 ޖަނަވަރީ 2024 - 09:47 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނުއެފްރިކާއިން ހުށަހަޅާފައިވާ މައްސަލާގައި ބައިވެރިވާ އިރު ރާއްޖެ ތަމްސީލުކުރާ ޓީމުގައި މަދުވެގެން ތިން ބޭފުޅުން ހިމަނުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ތާއީދުކޮށްފައި އޮތް މި މައްސަލައަށް ތަދައްހުލް ވުމަށް ސަރުކާރުން ނިންމިކަން އިއުލާނުކުރީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އެވެ.

އެ ނިންމުމާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން އޭޖީ އުޝާމް "އަދަދު" އަށް ވިދާޅުވީ، އެ މައްސަލާގައި ރާއްޖެ ތަމްސީލުކުރާނެ ތަޖުރިބާކާރުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ވަކި ގައުމަކަށް ބެލުމެއްނެތި ސަރުކާރުން އިސްކަންދޭނީ ގަތުލުއާންމުގެ މައްސަލަަތަކުގެ ތަޖުރިބާހުރި މިފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުޝާމ،ް ވިދާޅުވި ގޮތުގައި އައިސީޖޭއަށް ފޮނުވާނެ މާހިރުން ކަނޑައެޅުމަށް ޓަކައި ނިއުޒީލޭންޑާއި އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލުންނާ ސަރުކާރުން އަންނަނީ ވާހަކަދައްކަމުންނެވެ. އެކަމަށް ހިނގާނެ ހަރަދު އެނގޭނީ ވަކީލުން ކަނޑައެޅުނީމަ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ލީޑުކުރާނެ އެކަކާއި ދެން އޭނައަށް އެހީތެރިވާން ތަންކޮޅެއް ޖޫނިއާ އެކަކު ނުވަތަ ދެ މީހަކު، ގައިމުވެސް ތިނަކަށްވުރެ ގިނައެއް ނުވާނެ"

އޭޖީ ވިދާޅުވީ މި މައްސަލައަކީ ފުދޭވަރެއްގެ މަސައްކަތްތަކެއް ކޮށް ދިރާސާތަކެއް ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. ވަކީލުން ފައިނަލްވިހާ އަވަހަކަށް އެކަން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ވަކީލުންގެ ޓީމަށް ހިނގާ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ކަމަށާއި ރޮހިންގާ މައްސަލާގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައިވެސް ދިވެހި ދައުލަތުން އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާންމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިސީޖޭން ނިންމި ނިންމުމުގައި ވަނީ ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފަ އެވެ. އޭގެ އިތުރުން ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލެއް ހުއްޓާލައި އެ ކަމުގެ ހެކިތައް ފޮހެލުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އޭގެ އިތުރުން, އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އައިސީޖޭގެ އެ ނިންމުމަށް ރާއްޖޭން ތާއީދުކުރާ ކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފަ އެވެ.